ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު، ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ބެންޗުގައި ހުސްކޮށް އެއް މަގާމު އޮތް އިރު، އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ މުހައްމަދު ޝަހީދެވެ. އޭނާ ވަނީ ހުވައި ކުރުން އޮތް ދުވަހު އޭނާގެ ނަން އަނބުރައި ނަންގަވައި ހުވައި ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.
ޝަހީދަކީ މި ފަހާ ޖެހެންދެން ވެސް މި ސަރުކާރުގެ ސިޔާސީ މަގަމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެއެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ މިދިޔަ މަހު 10ވަނަ ދުވަހު، ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލީ ވެސް އެ ދުވަހެވެ.
އެހެންވެ، ގިނަ ބަޔަކު ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.
ޝަހީދު ހުވައި ކުރައްވަން ދެކޮޅު ހެއްދެވުމުން ޖޭއެސްސީން ހައިކޯޓަށް ފަނޑިޔާރެއް ހޯދަން އަލުން އިއުލާން ކުރީއެވެ.
ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޖޭއެސްސީން ކުރި އިއުލާންގެ މުއްދަތު ހަމަވާނީ އަންގާރަ ދުވަހުގެ މެންދުރަށެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭބޭފުޅުންގެ ނަންތައް ޖޭއެސްސީން އަދި މިހާތަނަށް ހާމަކޮށްފައި ނެތް ނަމަވެސް "ސަން"އަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ފެމިލީ ކޯޓުގެ އިސްގާޒީ މާހިރުވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައެވެ.
މާހިރުގެ އިތުރުން ވެސް ދަށު ކޯޓުތަކުގެ ބައެއް ސީނިއާ ގާޒީން، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް މާހިރު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓަށް ޕްރޮމޯޓް ކުރެއްވުމުންނެވެ.
މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީއެވެ. ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 ވަރަކަށް އަހަރުވެދާނެއެވެ.
މާހިރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ނޮވެމްބަރު ނުވައެއް، 2005ގައެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގަތީ މެއި 23، 2010 ގައެވެ.