އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން 'ތަމްވީލް ފިންލިޓް ފެސްޓް 2025' ތައާރަފުކޮށްފިއެވެ.
އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގައި ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށާއި އިސްލާމިކް ފައިނޭންސްއަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމައެއް ބިނާކުރުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ފެސްޓިވަލް އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
މި ފެސްޓިވަލްގައި ހަ މައިގަނޑު ހަރަކާތެއް ހިމެނެއެވެ. އެއީ:
- ފިންލިޓް ޗެލެންޖް
- އިކޮންކުއެސްޓް ބަހުސް މުބާރާތް
- އިމްޕެކްޓް ޕިޗް ޗެލެންޖް
- ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް
- ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް
- ކުރު ވީޑިއޯ ހެދުމުގެ މުބާރާތް
އެމްއެމްއޭއިން ބުނީ މި ހަރަކާތްތަކުގައި އުފެއްދުންތެރިކަމާއި، އިޖާދީ ވިސްނުމާއި، އައު ގޮތްތައް ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން، ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށްވުރެ ބޮޑަށް އިޖުތިމާއީ އަދި އިގުތިސާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ދެކުމަށް ބައިވެރީންނަށް އުނގަންނައިދޭނެ ކަމަށެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް ކުރިއަށްގެންދާނީ ކުއިޒް މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތް އަމާޒުކޮށްފައި ވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގައި ފައިސާ ރައްކާކުރުމާއި، ބަޖެޓް ހެދުމާއި، ހަލާލު އިންވެސްޓްކުރުމާއި، ރިސްކް ހިއްސާކުރުމާއި، އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މައުލޫމާތު ޓެސްޓުކުރެވޭނެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ޗެލެންޖްގެ މަގުސަދަކީ ބައިވެރިންނަށް އަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމާއެކު، ޝައުގުވެރިކަމާއެކު ދަސްކުރުމުގެ މާހައުލެއް ގާއިމުކުރުމެވެ.
ހަމައެހެންމެ ބަހުސް މުބާރާތެއް ވެސް ބާއްވައި، 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް މުހިންމު އިގުތިސާދީ މައްސަލަތަކާ ބެހޭގޮތުން އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ބަހުސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

'ތަމްވީލް ފިންލިޓް ފެސްޓް 2025' އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެއީ އިސްލާމީ ފައިނޭންސްއަށް ޒުވާނުން ހޭލުންތެރިކުރުވާ ފެސްޓިވަލެއް -- ފޮޓޯ/ އެމްއެމްއޭ
އެމްއެމްއޭއިން ބުނީ ފެސްޓިވަލްގެ މައިގަނޑު އެއް ހަރަކާތްކަމުގައިވާ އިމްޕެކްޓް ޕިޗް ޗެލެންޖް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށް ޝަރީއާއާ އެއްގޮތްވާ އައު ހައްލުތައް ހޯދުމަށް ކަމަށެވެ.
އެގޮތުން 18 އަހަރުން މަތީގެ ބައިވެރިންނަށް ހުޅުވާލައިފައިވާ އެ ޗެލެންޖު އަމާޒުކުރަނީ ފައިނޭންޝަލް ލިޓަރަސީ ޓޫލްތައް ތައްޔާރުކުރުމާއި، ޚިދުމަތް ނުލިބޭ މުޖުތަމައުތަކަށް މާލީ ހައްލުތައް ހޯދުމުގެ އިތުރުން ފިންޓެކްގެ ޒަރީއާއިން އިސްލާމީ ފައިނޭންސްގައި އައު ގޮތްތައް ހޯދުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެ ފެސްޓިވަލުން ޝޯޓްލިސްޓް ކުރާ ބައިވެރިންނަށް، މިއަހަރުގެ ނޮވެމްބަރު 15ގައި އޮންނަ ބޫޓްކޭމްޕެއްގައި ޚިޔާލު ހުށަހެޅުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ކާމިޔާބުކުރާ މީހުންނަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެ ކަމަށާއި އޭގެ އިތުރުން ވިޔަފާރިކުރުމަށް ފަންޑިންއާއި ކަމާގުޅޭ މީހުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތާއި ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެ ފެސްޓިވަލްގައި ބައިވެރިވާނެ ގޮތާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކުރާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.