އިސްރާއީލުން އަލް ޖަޒީރާގެ ފަސް ނޫސްވެރިއަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޝަހީދުކޮށްލި އަލް ޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ އަނަސް އަލް ޝަރީފް. ފޮޓޯ/ރޮއިޓާސް

އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު، އަނަސް އަލް ޝަރިފް ހިމެނޭ ގޮތަށް އެ ޗެނަލްގެ ފަސް ނޫސްވެރިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ މައި ގޭޓުގެ ބޭރުގައި ހުންނަ ޓެންޓަކަށް ދިން އެ ހަމަލާގައި ހަތް މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އަލްޖަޒީރާގެ ކަރަސްޕޮންޑެންޓު މުހައްމަދު ޤްރެއިޤް އާއި ކެމެރާ އޮޕަރޭޓަރުން ކަމަށްވާ އިބްރާހިމް ޒާހިރާއި މުޙައްމަދު ނޫފާލް އަދި މުއާމަން އަލިވާ ހިމެނެއެވެ.

އިސްރާއީލުން ބުނީ އެ ހަމަލާ ދިނީ އުމުރުން 28 އަހަރުގެ ޝަރީފަށް އަމާޒުކޮށް ކަމަށެވެ.

އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނީ އެ ނޫސްވެރިޔާ އަކީ ހަމާސްއާ ގުޅިގެން މަސައްކަތްކުރާ "ޓެރަރިސްޓެއް" ކަމަށެވެ.

ޣައްޒާގެ އުތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ކަވަރޭޖް ގެނެސްދީފައިވާ އަރަބި ނޫސްވެރިޔާ ޝަރީފް، ޝަހީދުކޮށްލުމުގެ ކުޑައިރުކޮޅެއް ކުރިން، އެކްސްގައި ބުނެފައިވާ ގޮތުގައި އިސްރާއީލުން އަންނަނީ ޣައްޒާގެ އިރުމައްޗާއި ދެކުނު ސަރަހައްދުތަކަށް ވަރަށް ވަރުގަދަޔަށް ހަމަލާތައް ދެމުންނެވެ.

އަދި އޭނާ މަރުވެއްޖެ ނަމަ ޝާއިއު ކުރަން ނިންމައި، އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ލިޔެފައިވާ އެންމެ ފަހުގެ މެސެޖެއްގައި ޝަރިފް ބުނީ "ވަރަށް ވޭނުގައި އުޅެވިއްޖެ ކަމަށާއި، ހިތާމައާ ގެއްލުމުގެ ރަހަ ތަކުރާރުކޮށް ބަލައިފި" ކަމަށެވެ.

އަދި އޭނާގެ އަންހެނުންނާއި ދެ ކުދިން ދޫކޮށް ދާން ޖެހުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އެ މެސެޖްގައިވެއެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ވަނީ ފަސް ނޫސްވެރިން މަރާލުން ކުށްވެރިކޮށް، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖަރީމާ ހުއްޓުވުމަށާއި، ގަސްތުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ނިމުމަކަށް ގެނައުމަށް އަލްޖަޒީރާއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށާއި ކަމާބެހޭ ހުރިހާ ޖަމިއްޔާތަކަށް ގޮވާލާފައެވެ.

ޝަރީފަކީ ޣައްޒާއިން ރިޕޯޓްކުރުމުގައި އަލް ޖަޒީރާގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ.

އޭނާ އެންމެ ފަހުން ކުރި ޕޯސްޓްތަކުގެ ތެރޭގައި އިސްރާއީލުން ރޭ ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް ފެންނަ ކުރު ވީޑިއޯއެއް ވެސް ހިމެނެއެވެ.

ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައެވެ. އެގޮތުން މިހާތަނަށް 200 އަށްވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް