ތުރުކީގެ ހުޅަނގު އުތުރުގެ ޕްރޮވިންސް ބަލިކެސިރަށް އިއްޔެ ހަވީރު 6.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން އެކަކު މަރުވެއްޖެއެވެ.
އުމުރުން 81 އަހަރުގެ އަންހެނެއް މަރުވީ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތެއްގެ ދަށުން ނެގިތަނާ ކަމަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކާޔާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ބިންހެލުމުގެ ސަބަބުން 16 އިމާރާތެއް ވެއްޓިފައިވާއިރު، 29 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ޔެރްލިކާޔާ ވިދާޅުވިއެވެ.
ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ އެ ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ތުރުކީ ގަޑިން 19:53 އެހާކަންހާއިރު ގައި ކަމަށާއި، މި ބިންހެލުން އިހުސާސް އިސްތަންބޫލާ ހަމައަށް ވެސް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ނެރުއްވި ބަޔާނެއްގައި ވަނީ އެކަމުގެ އަސަރު ކުރި އެންމެންނަށް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ގައުމު ހުރިހާ މުސީބާތަކުން ވެސް ރައްކާތެރި ކުރައްވާށި." އެމަނިކުފާނު އެކްސްގައި ލިޔުއްވާފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން މީހުން ހޯދާ ސަލަމާތްކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ތުރުކީން ބުނެއެވެ.
ތުރުކީއަށް މީގެކުރިން ވެސް ވަނީ ބޮޑެތި ބިންހެލުންތައް އައިސްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގެ އިރުދެކުނު ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސް 50،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެ ހާދިސާގައި އަވަށްޓެރި ސީރިއާއިން އިތުރު 5،000 މީހުން މަރުވިއެވެ.