މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ މާލޭގައި ބާރަށް ދުއްވި ސައިކަލެއް، ކަފިހިހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާ ރާއްޖޭން ބޭރުން އިތުރު ފަރުވާ ހޯދަން ފަށައިފިއެވެ.
މި މިހާއަކީ ކަފިހިހުރަސް މަތިން ދަނިކޮށް އެކްސިޑެންޓުގައި އަނިޔާވި މީހާއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މީހާގެ ސިކުނޑިއަށް ވަނީ ލޭއެޅިފައެވެ. އޭނާއަށް ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން އައިޖީއެމްޗުގައި ފަރުވާ ދިނެވެ. މިގޮތުން، އެންމެ ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، އޭނާއަށް އިތުރަށް ފަރުވާ ދިނީ އައިސީޔޫގައެވެ.
އޭގެ ފަހުން މިއަދު އައިޖީއެމްއެޗުން 'ސަން'އަށް ބުނީ، މިދިޔަ މަހުގެ 30ގައި އެ މީހާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދު: މި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވަނީ އިތުރު ފަރުވާއަށް ރާއްޖޭން ބޭރުގައި ---- ސަން ފޮޓޯ/ މޫސާ ނަދީމް
އޭނާގެ އިތުރަށް މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި، 18 އަހަރުނުވާ ދެ ކުދިންނަށް ވެސް އަނިޔާވެގެން ފަރުވާ ދިނެވެ. އެއީ، 16 އަހަރާއި 17 އަހަރުގެ ދެކުދިންނެވެ. ނަމަވެސް، އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ އެރޭ ވަނީ މަރުވެފައެވެ. އެއީ، އެއީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.
އެކްސިޑެންޓު ހިނގީ ކިހިނެއް؟
ގިނަ ބަޔަކަށް ސިހުން ގެނުވި މި އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވިއެވެ. އެގޮތުން، މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެ ތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގައި ޖެހުނެވެ.
ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ. ސައިކަލުގައި ތިބި 16 އަހަރާއި، 17 އަހަރުގެ ދެކުދިން ލޮރީ ދަށުވީއެވެ.
މި ފަހުން ވެސް މާލޭގައި މިފަދަ އެކްސިޑެންޓެއް ހިނގާފައިވެއެވެ. މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލްގެ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވަނީ 17 އަހަރުގެ ކުއްޖަކަށް އަނިޔާވެފައެވެ.