މާލޭ މަގުމަތީ ބަހައްޓައިގެން ވިއްކަނިކޮށް, 2100 ކިލޯގެ ކުނި ނަގައިފި

މަގުމަތިން ކުނި ނެގުން: ސިޓީ ކައުންސިލުން ބުނީ ވިއްކަނިކޮށް 2100 ކިލޯގެ ކުނި ނަގައި އުކާލި ކަމަށް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގައި ބަހައްޓައިގެން މުދާ ވިއްކާ މީހުން ހުއްޓުވައި، ގިނަ އަދަދެއްގެ ކުނި ނަގައިފިއެވެ.

މި މަސައްކަތުގެ ތެރެއިން އިއްޔެ ހެނދުނާއި ރޭގަނޑު، ޖުމްލަ 2100 ކިލޯ (2.1 ޓަނު)ގެ ކުނި ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ މަގުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތުގެ ދަށުން، ޚާއްސަކޮށް ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތި އަދި ބާޒާރުމަތީގެ އެކި ސަރަހައްދުތަކުގައި ޕޭވްމަންޓް މަތީގައި މުދާ ބަހައްޓައިގެން ވިއްކި މީހުން ހުއްޓުވައި، އެ ތަންތަން ސާފުކޮށްފައިވެއެވެ.

މީގެ އިތުރުން، އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއް ކަމަށްވާ އާބުރުޒު މަގާއި، ފުއްކަފަ ގޯޅި ކަންމަތިން ވެސް ގިނަ އަދަދެއްގެ ކުނި ނަގާފައިވެއެވެ.

ގަވައިދާ ހިލާފަށް ބަހައްޓާފައިހުރި ކުނިތައް ނަގަނީ--ފޮޓޯ: މާލެ ސިޓީ ކައުންސިލް

މި އޮޕަރޭޝަން ކުރިއަށްދިޔައިރު، އިއްޔެ ހެނދުނާއި ރޭގަނޑު މި ތިން ސަރަހައްދުން ޖުމްލަ 2100 ކިލޯގެ ކުނި ނަގާފައިވާއިރު، މާލޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މަގުތައް ސާފުކޮށް، ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަކީ މާލޭގެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

comment ކޮމެންޓް