އެމްޕީއެލް ޚިޔާނާތް: ބަދަލުގެ ގޮތުގައި 6.8 މިލިއަން ހޯދުން އަވަސްކުރަން އަންގައިފި

މާލޭ ކޮމާޝަލް ހާބަރު: ތެޔޮ ގެއްލުނު މައްސަލައިގަ ޚިޔާނާތްތެރިވި މީހުން އަތުން ބަދަލު ނަގައިދޭން އަވަސްކުރަން އަންގަން މަޖިލހުން ވަނީ ފާސްކޮށްފަ --- ފޮޓޯ/ ޕޮލިސް

ތެޔޮ ކުންފުނި އެފްއެސްއެމުން އެމްޕީއެލަށް ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގައި، ޚިޔާނާތުގައި ހިމެނޭ މީހުންގެ އަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ނަގައިދިނުން އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށާއި ކޯޓުތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް 2018 އިން 2020 އަށް އެ ކުންފުނިން ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން އޮކްޓޯބަރު 5، 2022 ގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓުގައި 2018 އިން 2020 އަށް 28.3 މިލިއަން ރުފިޔާގެ ޑީސަލް ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރިކޯޑުކޮށްފައިވާ ޑީސަލްގެ ތެރެއިން 9.62 މިލިއަން ރުފިޔާގެ ޑީސަލާއި، ޓަގު ބޯޓުތައް ހިންގުމަށް ދޫކުރިކަމަށް ރިކޯޑުކުރި ޑީސަލްގެ ތެރެއިން 18.57 މިލިއަން ރުފިޔާގެ ޑީސަލާއި، ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑުކުރި ޑީސަލްގެ ތެރެއިން 127،616 ރުފިޔާގެ ޑީސަލެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ގައި ދައުވާކުރަން ފޮނުވީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ ގޮތުގައި ހުރި މުޙައްމަދު އައިމަނާއި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ ގޮތުގައި ހުރި ޙަސަން ދީދީއާއި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ ގޮތުގައި ހުރި، ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބްގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާގައިވަނީ މި މައްސަލައިގައި ލިބުނު ގެއްލުމުގެ އަދަދު ނަގައިދިނުން އަވަސްކުރަން ޕްރޮަސެކިއުޓަރު ޖެނެރަލަށާއި ކޯޓުތަކަށް އެންގުމަށާއި، މަަސައްކަތް ކުރިއަށްދާ ގޮތް މާލިއްޔަތު ކޮމިޓީއާ ތިން މަހުގެ ތެރޭ ހިއްސާކުރަން އެންގުމަށް ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

ކޮމިޓީ ރިޕޯޓުގައިވާ ދެން އަންގާފައިވަނީ:

  • އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ކަންކަން އިސްލާހުކުރުމަށް އެމްޕީއެލަށް އެންގުމަށް
  • ތެޔޮ އުފުލާ އުޅަނދުފަހަރު މޮނިޓާކުރުމަށް ކެމެރާ ހަރުކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި ތެޔޮ ދޫކުރުމަށް ބޭނުންކުރެވޭ މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކޮށް، ވަގުތުން ރިޕޯޓު ނެގޭ ގޮތަށް ހަދައި، ބާޖުތަކުގައި ހުންނަ ތެލުގެ އަދަދު ވަގުތުން ބެލޭނެ އޮޓޮމެޓިކް ގޭޖިން ސިސްޓަމް ހަރުކޮށް، އޭގެ ތަފުސީލު ދޮޅުމަހުގެ ތެރޭ މާލިއްޔަތު ކޮމިޓީއާ އެފްއެސްއެމުން ހިއްސާކުރުމަށް
  • އެފްއެސްއެމުން ތެޔޮ ގަތުމާއި ވިއްކުމުގައި ފުށޫއަރާ ކަމެއް އުޅޭތޯ ބަލައި އެ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ޕްރޮސެސް އަދި އިންޓާނަލް އޮޑިޓާއި އިންޓާނަލް ކޮންޓްރޯލް ޕްރޮސެސް ގާއިމްކުރެވިފައިވޭތޯއާއި ރަނގަޅުކުރަން ހުރި ކަންކަން ބަލައި، އެ ކުންފުނީގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް އެންގުމަށް
  • ތެޔޮ އުފުާ އުޅަނދުފަހަރުން އޮފްޝޯ ބޭނުންތަކަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް މާލޭގެ އުޅަނދުފަހަރު ވަކި ދުރުމިނެއް ފަހަނަހަޅައި ދިއުމަށް ފަހު ނުވަތަ މާލެ ސަރަހައްދުން ބޭރުވުމަށް ފަހު އުޅަނދުފަހަރު މޮނިޓާކުރުމަށް ބޭނުންވާ ސިސްޓަމްތައް ތިން މަސް ދުވަހުގެ ތެރޭ ހަރުކުރަން އެމްޕީއެލަށް އެންގުމަށް

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން އެމްޕީއެލްގެ އެކި ޔުނިޓުތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް 2018 އިން ނޮވެމްބަރު 2020 އަށް، ތެޔޮ ހޯދުމަށް އެމްޕީއެލްގެ އެކި ޔުނިޓުތަކުން ފޮނުވި ރިކުއެސްޓު ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށް އަދި ތާރީޚު ބަދަލުކުރުމަށް ފަހު، އެ މުއްދަތުގެ ތެރޭ 726 ފޯމެއް ފޯޖުކޮށްފައިވެއެވެ. ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުން އެ ފޯމުތަކުގައި ހިމެނޭ 1.40 މިލިއަން ލީޓަރުގެ ޑީސަލަށް 13.4 މިލިއަން ރުފިޔާ އަރާނެއެވެ.

މި މައްސަލައިގައި ދައުވާކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ އަތުން ނަގައިދޭން އެދި، ދެ މީހެއްގެ މައްޗަށް ޖުމުލަ 783،100 ލީޓަރުގެ ޑީސަލްގެ އަގަށްވާ 6.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދަން ވަނީ ދައުވާކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވެސް ކޯޓުގައި ކުރިއަށް އެބަދެއެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން ވަނީ އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު ޚިޔާނާތްތެރިންގެ އަތުން ހޯދުމަށް އެ ކުންފުންޏަށް ލަފާ ދިމުމަށާއި، އެމްޕީއެލްގެ ޑީސަލް ގަންނަން އެމްޕީއެލުން ފޮނުވާ އޯޑަރުތަކުގައި ތެޔޮ ފޮނުވަންވީ ތަނާއި އަދަދަށް ބަދަލެއް ގެންނަ ނަމަ އެކަމުގެ ތަފުސީލު އެނގޭނެ ފަދަ ލިއުމެއް ތައްޔާރުކޮށްފައި ބެހެއްޓުން ފަދަ ކަންކަން އިސްލާހުކުރުމަށް އެމްޕީއެލަށް ލަފާދީފައެވެ.

comment ކޮމެންޓް