ހުޅުމާލޭގައި ޕާޓީތަކާއި އިތުރު ހަރަކާތްތައް ބާއްވަން ކުއްޔަށް ދޫކުރާ ތަންތަން އިތުރުކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހަރަކާތްތަކަށް ބޭނުންކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލު' އާންމުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު އާންމުކުރި އެ އުސޫލުގައިވާ ގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވަން މިހާރު އަށް ސަރަހައްދެއް ކުއްޔަށް ދޫކުރާނެއެވެ. އޭގެ ތެރޭގައި، މީގެ ކުރިން ހަފުލާތައް ބާއްވަން ކުއްޔަށް ދޫކުރި ތަންތަނާއި އަލަށް އިތުރުކުރި ތަންތަން ހިމެނެއެވެ.
އެ ތަންތަނުގެ ތެރޭގައި ހިމެނެނީ، ސެންޓްރަލް ޕާކާއި ރުއްގަނޑު އެކަކާއި ދެއަކާއި ތިނެއްގެ އިތުރަށް ފެރީ ޓާމިނަލް ޕާކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދާއި ހިޔާ ޕާކް ޕްލާޒާއާއި ކޮމާޝަލް ބްލޮކް އޭޑީއާއި ޑީ3-1 ހުސް ބިމެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ހުޅުމާލޭގައި ޕާޓީތަކާއި ހަރަކާތްތައް ބާއްވަން ކުއްޔަށް ދޫކުރާ ތަންތަން އިތުރުކޮށްފި -- ފޮޓޯ/ މާނިއު މުޙައްމަދު
އެ ތަންތަން ވެސް ކުއްޔަށް ދޫކުރާނީ ޒޯންތަކަށް ބަހައިގެން ވަކިވަކިން ކަމަށް އުސޫލުގައިވެއެވެ. އެގޮތުން، އެ ތަންތަނަށް ކުލި ދައްކަން ޖެހޭ މިންވަރު ވެސް ހިމަނާފައިވެއެވެ. އެގޮތުން، އެންމެ ގިނައިން ހުޅުމާލޭގައި ހަރަކާތްތައް ހިންގާ ސެންޓްރަލް ޕާކު ދުވާލަކަށް ކުއްޔަށް ދޫކުރާނީ 258،941 ރުފިޔާއަށެވެ.
އެ ސަރަހައްދުގައި ސްޓޭޖު ޝޯއާއި އެކްސްޕޯއާއި ކައިވެނި ހަފުލާތައް ފަދަ ހަރަކާތްތައް ބޭއްވޭނެއެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތަކަށް ދޫކުރާނެ ވަކި ސަރަހައްދުތަކެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އެއީ، ހުޅުމާލޭ ރުއްގަނޑު އެކަކާއި ދެއެކެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން: ހުޅުމާލޭގައި ޕާޓީތަކާއި ހަރަކާތްތައް ބާއްވަން ކުއްޔަށް ދޫކުރާ ތަންތަން އިތުރުކޮށްފި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެޗްޑީސީން ބުނީ، އެ ތަންތަން ކުއްޔަށް ނެގުމަށް ފޯމު ހުށަހަޅަން ޖެހެނީ 'މައި ހުޅުމާލެ ޕޯޓަލް' މެދުވެރިކޮށް ކަމަށެވެ. އެގޮތުން، ހުއްދައަށް ހުށަހަޅާ ކޮންމެ ފޯމަކަށް އިދާރީ ފީއެއްގެ ގޮތުގައި 150 ރުފިޔާ ނަގަން އެޗްޑީސީން ވަނީ ނިންމާފައެވެ.
ހަރަކާތްތައް ބޭއްވުމަށް އެޗްޑީސީން ހުއްދަ ދެނީ މަދުވެގެން އެއް ގަޑިއިރަށް ކަމަށްވާއިރު، ގިނަވެގެން 10 ދުވަހަށް ހުއްދަ ދޫކުރެއެވެ.
މި އުސޫލަށް މިހާރު އަމަލުކުރަމުން އަންނައިރު އުސޫލާ ޚިލާފަށް އަމަލުކޮށްފި ނަމަ ފިޔަވަޅު އަޅަން އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ދޫކުރި ހުއްދަ ބާތިލުކޮށް، 500 ރުފިޔާއިން ފެށިގެން އެކަމަކާ އެކަށީގެންވާ އަދަދަކުން ޖޫރިމަނާކުރާނެއެވެ.