ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް ޚިދުމަތް ފަށަންޖެހޭ ތާރީޚު އިތުރު ދެ އަހަރަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު, ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ.
މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.
ގާނޫނު މިހާރު އޮތް ގޮތުން، ގާނޫނު އެކުލަވާލާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭ ފެނާއި ނަރުދަމާގެ ނިޒާމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށް ހިންގޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެއެވެ.
އެހެންކަމުން ގާނޫނު އިސްލާހުކޮށް އެއަށް އަމަލުކުރަން ފެށުމާ ހަމައަށް ފެނާއި ނަރުދަމާގެ އެންމެހާ މަސައްކަތްތައް ނިމެން ޖެހޭނީ މި އަހަރުގެ ނިޔަލަށެވެ. އެއީ ފެނާއި ނަރުދަމާގެ ގާނޫނަށް އަމަލުކުރަން ފެށީ 2020 ވަނަ އަހަރުގައި ކަމަށްވާތީއެވެ.
ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް ކޮވިޑްގެ އާލަމީ ވަބާ ވެސް ކުރިމަތިވި, އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމޭ ގޮތެއް ނުވިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ، ނަރުދަމާގެ މަސައްކަތްތައް ނިމިފައިވާ ގިނަ ރަށްރަށުގައި ހިދުމަތް ނުދެވި ލަސްވަނީ ޔޫޒާ ރައިޓްސް އެގްރީމެންޓް (ޔޫއާރުއޭ) އަށް ބޭނުންވާ ލިޔެކިއުންތަކާއި ޓެންޑާ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހުރުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިދިޔަ ޖޫން މަހު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.
މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ.
މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ބުނެފައިވެއެވެ. އެގޮތުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.