ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން، ގިނަ މެޖިސްޓްރޭޓް ކޯޓުތަކަކުން ހަނދާންކޮށްދޭން ފަށައިފިއެވެ.
ވަކިވަކިން ގިނަ މެޖިސްޓްރޭޓް ކޯޓްތަކަކުން ކޮށްފައިވާ އިއުލާންތަކެއްގައި ބުނެފައިވަނީ މާރިޗު, 15, 2025ގެ ފަހުން "ކައިވެނި ކޮށްދިނުމަށްއެދި ހުށަހަޅާ ފޯމު"އާ އެކު ތެލަސީމިއާ ކާޑު ހުށަހަޅަން ޖެހޭނެކަމަށް ފޯމުގައި ބުނެފައިވީ ނަމަވެސް މިކަމަށް އެއްވެސް ސަމާލުކަމެއް ނުދީ, ފޯމު ހުށަހަޅަމުން އަންނަ ކަމަށެވެ.
ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލަސީމިއާ ކާޑު ހުށަހަޅަން ޖެހޭނެ ކަމަށާއި ތެލަސީމިއާ ކާޑު ހުށަނާޅާނަމަ މީގެ ފަހުން ފޯމު ބަލައިނުގަންނާނެ ކަމަށް ކޯޓުތަކުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
ކައިވެންޏަށް އެދި ހުށަހަޅާ ފޯމުގައި ވަރަށް ތަފުސީލުކޮށް ހިމަނަން ޖެހޭ މައުލޫމާތާއި ފޯމާއެކު ހުށަހަޅަން ޖެހޭ އެއްޗެހި ލިޔެފައި ހުރެއެވެ. އޭގެ ތެރޭގައި ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާއާއި ހެކިވެރިންގެ މުއްދަތު ހަމަނުވާ އައިޑީކާޑް ކޮޕީ ހިމެނެއެވެ. އޭގެ އިތުރުން ކައިވެނިކުރާ ދެ މީހުންގެ ތިން ފޮޓޯއާއި ތެލަސީމިއާ ކާޑާއި ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވިކަމުގެ ލިޔުމުގެ އިތުރުން ކުރިން ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓާއި ކުރީގެ އަނބިމީހާ ނުވަތަ ފިރިމީހާ މަރުވެފައިވާނަމަ މަރު ސާބިތުކުރިކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެއެވެ.
މާލެ ސަރަހައްދުގައި ކައިވެނިކުރުމާއި އާއިލާއާ ބެހޭ ކަންކަމަށް ޚާއްސަ ކޯޓެއް ހުންނައިރު ރާއްޖޭގެ އެހެން ހިސާބުތަކުގައި ކައިވެނިކޮށްދެނީ އެހެން މައްސަލަތައް ވެސް ބަލާ, މެޖިސްޓްރޭޓް ކޯޓުތަކުގައެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި ވަރި އެންމެ ގިނަ އެއް ގައުމެވެ.