މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ގައުމީ ބެޑްމިންޓަަން ޓީމަށް ކުޅުންތެރިން ނެގުމުގެ ސިލެކްޝަނެއް ބާއްވަން ނިންމައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމުގެ މައްސަލަތަކާ އެކު އެ އެސޯސިއޭޝަނުގެ ކަންކަން މިހާރު ބަލަހައްޓަނީ ބީޑަބްލިއުއެފްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިތުރުން އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގެ މެންބަރުގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.
މި ޓީމުން ވަނީ ބެޑްމިންޓަންގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާނެ ކަންތައްތައް ރާވާފައެވެ. އޭގެ ތެރެއިން ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމުގެ ސިލެކްޝަނަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަަސައްކަތްތަކުގެ ތެރެއިން ބައެކެވެ.
މި ސިލެކްޝަން ކުރިއަށްދާނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހަށެވެ.
"ސަން"އަށް މައުލޫމާތުދެމުން ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މި ސިލެކްޝަނުގެ ތެރެއިން އަންހެން އަށް ކުޅުންތެރިން އަދި ފިރިހެން އަށް ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މި ކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން މި ސިލެކްޝަނުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.
މީގެ ތެރެއިން ކޮންމެ ޖިންސަކުން ދެ ކުޅުންތެރިން ހިމެނޭނީ ރިޒާވް ސްކޮޑުގައެވެ. ކޮންމެ ޖިންސަކުން ހަ ކުޅުންތެރިން ފައިނަލް ސްކޮޑުގައި ހިމެނޭއިރު، މިއިން ކޮންމެ ކުޅުންތެރިއަކަށް ގައުމީ ޓީމުގެ މުސާރަ ލިބޭނެއެވެ.