އެމްއެންޔޫއިން ވަގުތުން ކޯހަށް ވަދެވޭ ހަރަކާތެއް ބާއްވަނީ

އެމްއެންޔޫގެ ދަރިވަރުންތަކެއް: އެ ޔުނިވާސިޓީން ވަނީ ވަގުތުން ކޯހަށް ވަދެވޭ ހަރަކާތެއް ބާއްވަން ނިންމާފައި -- ފޮޓޯ/އެމްއެންޔޫ

މަތީ ތަޢުލީމު ހާސިލުކުރުމުގެ ހުވަފެން ދެކޭ ދަރިވަރުންނަށް ޚާއްސަ ފުރުސަތެއް ފަހިކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އޮގަސްޓް އިންޓޭކާ ގުޅިގެން "ވަން ސްޓޮޕް އެޑްމިޝަން" އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

މި އިވެންޓު ކުރިއަށްދާނީ މި މަހުގެ 21 ވަނަ ބުރާސްފަތި ދުވަހު، ޔުނިވާސިޓީގެ މައިމަރުކަޒުގައި، މެންދުރުފަހު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 ން 22:00 އަށެވެ.

މި ހަރަކާތުގެ އެންމެ ބޮޑު މަގުސަދަކީ، ތައުލީމީ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވާ ދަރިވަރުންނަށް އެއް ތަނަކުން އެއް ފަހަރާ ޔުނިވާސިޓީއަށް ވަނުމުގެ ޚާއްސަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުންޏެވެ. މި އިވެންޓުގެ ތެރެއިން ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމުގެ އިތުރުން، އޯލެވެލް އަދި އެހެނިހެން ނަތީޖާތަކަށް ބެލުމަށް ފަހު، ޝަރުތު ހަމަވާ ދަރިވަރުން ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފުރުސަތުގެ ބޭނުން ހިފުމަށް އިވެންޓަށް ދަރިވަރުން އަންނައިރު، އައިޑީ ކާޑާއި ނަތީޖާ ކަރުދާސް ގެނައުމަށް ޔުނިވާސިޓީން އިލްތިމާސްކުރެއެވެ.

ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން މި ފުރުސަތު ދޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. މި ހަރަކާތުގައި ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި، ޔުނިވާސިޓީގެ ފަންނީ ލެކްޗަރަރުން އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ތައްޔާރީތަކުގެ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫއަކީ ޓޫރިޒަމް، ހޮސްޕިޓާލިޓީ، ފިޝަރީސް، ނޫސްވެރިކަން، ބިޒްނަސް، އެކައުންޓިން، ޓީޗިން، ނާސިން، އާކިޓެކްޗާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ލޯ އަދި މެޑިސިން ފަދަ ތަފާތު އެތައް ދާއިރާއަކުން ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާއެކެވެ. މީގެ އިތުރުން، ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭތީ، ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ބޭނުންވާ މަޢުލޫމާތު މި އިވެންޓުން ލިބޭނެއެވެ.

އެހެންވެ، މި ފުރުސަތުގެ ބޭނުން ހިފަން ޝައުގުވެރިވާ އެންމެންނަށް ޔުނިވާސިޓީން ވަނީ ދައުވަތު ދީފައެވެ.

comment ކޮމެންޓް