ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ހުޅުމާލެއިން ދިން ބިމާއި މާފަންނު ސްޓޭޑިއަމްގައި ގުދަން ބަރިއެއް ހަދާފައިވާ ބިމަށް އެއްވެސް އުނިއިތުރެއް ނުގެންނަން އަންގައިފިއެވެ.
އެފްއޭއެމުން ރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ބިންތަކަށް އެއްވެސް އުނިއިތުރެއް ގެނެސްގެން ނުވާނެ ކަމަށެވެ.
އެ ބިންތަކަށް އިތުރު ބަދަލެއް ނުގެނައުމަށް އަންގާ އެފްއޭއެމުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މާލޭ 387 ނަންބަރު ކޮށީގެ ބިމަކީ ފީފާގެ ޚަރަދުގައި އޮފީހަކާ އެކު ސްފޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ދީފައިވާ ބިމެއް ކަމަށެވެ. އެ ބިން ދޫކޮށްފައިވަނީ ފެބުރުވަރީ އެކެއް، 2017 ވަނަ އަހަރު 50 އަހަރަށް ސްޕޯޓްސް މިނިސްޓްރީއަށެވެ.
އެފްއޭއެމުން އެދިފައިވަނީ މާފަންނު ސްޓޭޑިއަމް އޮފީސް ހުރި ބިން މިހާރު ބޭނުންކުރާ ފަރާތްތަކުން އެތަން ބޭނުން ކުރުމުގައި އެފްއޭއެމާ އެކު ނުވަތަ އެހެން ފަރާތަކާ މެދު އެއްބަސްވުމެއްވެފައިވާނަމަ އެއްބަސްވުމުގެ ކޮފީއާއި ކަމާ ގުޅޭ ލިޔެކިއުންތައް މި މަހުގެ 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފްއޭއެމަށް އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އިދާރާއަށް ހުށަހެޅުމަށެވެ.
މީގެ އިތުރުން، އެފްއޭއެމުން އެދިފައިވަނީ ހުޅުމާލޭ ފުޓްބޯޅަ ސުކޫލު އެޅުމަށް އެއިދާރާއަށް ދިން ބިމުގައި ވެސް އެއްވެސް އިމާރާތެއް ނުކުރުމަށާއި އެއްވެސް ބަދަލެއް ނުގެނައުމަށެވެ.
ހުޅުމާލޭގައި ފުޓްބޯޅަ ސުކޫލު އެޅުމަށް އެޗްޑީސީން އެފްއޭއެމަށް ބިމެއް ދިނީ ޖުލައި 11، 2018 ގައެވެ. އެއީ ފުޓްބޯޅަ ޓްރޭނިން ފެސިލިޓީތަކާއި އެހެނިހެން ޚިދުމަތްތަކާ އެކު ފުޓްބޯޅަ ސުކޫލެއް ތަރައްގީކުރަން 25 އަހަރަށް އެއްވެސް ކުއްޔެއް ނުނަގާގޮތަށް ދިން ބިމެކެވެ. އެހެންނަމަވެސް، އެފްއޭއެމްގެ އޭރުގެ ވެރިންވަނީ އެ ބިން 15 ފަރާތަކަށް ސަބްލީސްކޮށް ކުލި ނަގަން ފަށާފައެވެ.
އަދި، ޑިސެންބަރު 7، 2022 ގައި ވަނީ ބިމުގެ އެއްބައިން އެޗްޑީސީއަށް ކުލި ދައްކަން ޖެހޭ ގޮތަށް އެގްރީމެންޓަށް ބަދަލު ގެނެސްފައެވެ. އެފްއޭއެމުން އެ ބިމަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާތީ ބިން ހުސްކުރަން އަންގާ އެބިން އެޗްޑީސީއާއި ހަވާލުކޮށްފައިނުވާތީ އެ ބިން އަނބުރާ ހޯދުމަށް އެދި ވަނީ ސިވިލްކޯޓުގައި ދައުވާ ވެސް ކޮށްފައެވެ.
އެފްއޭއެމުން ރޭ ނެރެފައިވާ އިއުލާނުގައިވަނީ ފުޓްބޯޅަ ސުކޫލުގެ ބިމާ ގުޅޭ ގޮތުން އެއްވެސް ސައްހަ އެއްބަސްވުމެއް އޮތްނަމަ އެކަން މި މަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ކުރިން އެފްއޭއެމަށް އެންގުމަށް އެދޭކަމަށެވެ.