ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ އާއްމު ރައްޔިތުން ކުރާ ކުދިކުދި ވިޔަފާރިތަކަށް ކައުންސިލްތަކުން ހަދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވަނުން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި، އެފަދަ ވިޔަފާރިތަކަށް ކައުންސިލްތަކުން ނުވަނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިވަގުތު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގާނޫނުގައި ވަރަށް ގިނަ އަކުރުތަކުގައި ކައުންސިލްތަކުގެ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާއިރު، ފައިސާ ޚަރަދުކުރަން ޖެހޭނީ އެކަންކަން ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަންކަން ނުކޮށް ބޭކާރު ގޮތުގައި އެތައް ކަމެއް ކުރާ އެތައް ކައުންސިލެއް މިހާރު ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަށް އޮތް ހައްލަކީ ނުގަވައިދުން ފައިސާ ބޭނުންކުރެވޭ ގޮތަށް އޮތް މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ހަގީގަތުގައި ވެސް ލާމަރުކަޒީ ނިޒާމު 'ޗެމްޕިއަން ކުރުން' ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކުން ހަދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ރައްޔިތުންގެ ވިޔަފާރިތަކަށް ވަދެ، އެކަމުގެ ސަބަބުން އާއްމު ރައްޔިތު މީހާގެ ވިޔަފާރި ހަލާކުވެގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައި، އާންމު ރައްޔިތުން ކުރާ ކުދިކުދި ވިޔަފާރިތައްކޮށް، އެ ކުންފުނިތަކުން [އާންމު ރައްޔިތުންގެ ވިޔަފާރިއަށް] ވަންނަވަރު ހުއްޓުވަން މިއުޅެނީ ވެސް. ރައްޔިތުން ބާރުވެރިކުރުވަން، ރައީސް ޑރ. މުހައްމަދު މުއިއްޒު

ބ. ކެންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ރައީސް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައީ ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ކައުންސިލްތައް ވަނުން ހުއްޓުވަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
އެހެންކަމުން މިފަހުން މަޖިލީހުން ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ އެކަން ހުއްޓުވުމުގެ ގޮތުން ގެންނަ އިސްލާހުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާހުގައިވާ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ:
- އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުން.
- އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން.
- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު، 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން.
- އެކަންކަމާ ތައާރުޒުވާ މަސައްކަތެއްނަމަ، އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަސްތެރޭ އެފަދަ ވިޔަފާރިތައް ހުއްޓާލުން.
ރައީސް ވިދާޅުވީ ރައްޔިތުން ކުރާ ކުދިކުދި ވިޔަފާރިތަކުގެ ބަދަލުގައި ކައުންސިލްތަކުން ކުރަންވީ ބޮޑެތި ވިޔަފާރިތައް ކަމަށެވެ. އެހެންކަމުން މިހާރު އެ ގެންނަ އިސްލާހަކީ، އެކަމަށް މަގުފަހިކުރާ އިސްލާހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެފަދައިން ވިދާޅުވެ ރައީސް ވަނީ ހުރިހާ ކައުންސިލްތަކަށް، ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ނުވަނުމަށް އިލްތިމާސްކުރައްވައިފައެވެ.
އާއްމު ރައްޔިތުން ކުރާ ކުދިކުދި، ސްމޯލް، މީޑިއަމް ކުންފުނިތަކުން ކުރާ، އެސްއެމްއީތަކުން ކުރާ ވިޔަފާރިތަކަށް ކައުންސިލް ކުންފުނިތަކުން ނުވަންނާށޭ މި ގެނައި އިސްލާހުތަކުގައި މި ދަންނަވަނީ! ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ސީރިއަސް ނިޒާމެއް ކަމަށާއި، އިޚުލާސްތެރިކަމާއި ޒިންމާދާރުކަމާއެކު ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރަން ޖެހޭ ނިޒާމެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުމުގެ ތުހުމަތު ކުރެއެވެ.
ވަކިން ޚާއްސަކޮށް ރާއްޖޭގެ ބައެއް ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މިމަހުގެ ހައެއްގައެވެ. ނަމަވެސް އަދި ރައީސް މުއިއްޒު އެ ބިލު ތަސްދީގެއްނުކުރައްވައެވެ.