ބ. ކެންދޫ ބަނދަރު ތަރައްގީކުރުމާއި ބިންހިއްކުމުގެ މަޝްރޫއު، 119 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެކަމަށްޓަކައި މިއަދު ކެންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 119,361,062.16 ރުފިޔާއަށް 450 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 29,854.00 ކޮޑި މީޓަރު ވެލި، ބަނދަރު އަދި ނެރު ފުންކޮށްގެން ނެގުން
 - 112،016.00 އަކަމީޓަރު ސަރަހައްދެއްގެ ބިން ހިއްކުން
 - 278 މީޓަރުގެ އެއްގަމުތޮށި ޖެހުން
 - 10 މޫރިން ބޮއި ހަރުކުރުން
 - 971 މީޓަރު ރިވެޓްމެންޓް ޖެހުން
 - 62 މީޓަރު ފައިކަށި ޖެހުން
 - 29 މީޓަރު ނެރު ފައިކަށި ޖެހުން
 - ބަނދަރުގައި ނުވަ ބައްތި ޖެހުން
 - ދެ ނެރު ބައްތި ޖެހުން
 - އެއްގަމު ތޮށި ވަށައިގެން ފަސް މީޓަރު ފުޅާ ޕޭވްމަންޓް އެޅުން
 
ކެންދޫ ބަނދަރު އެންމެ ފަހުން ތަރައްގީކޮށް، ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިސެމްބަރު 25، 2017ގައެވެ. އޭރު ތަރައްގީކުރީ 600 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެކެވެ.