އެއާޕޯޓް ފަދަ ތަންތަނުގައި ހިލޭ ވައިފައި ދެނީ ކަމަށް ބުނެ ނުރައްކާތެރި ސްކޭމެއް

މީހަކު ފޯނެއް ހިފަހައްޓައިގެން: އެއާޕޯޓް ފަދަ ތަންތަނުގައި ހިލޭ ވައިފައި ޚިދުމަތް ދެނީ ކަމަށް ބުނެ، ސްކޭމް ކުރާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާޕޯޓު ފަދަ އާންމު ތަންތަނުގައި ހިލޭ ވައިފައި ދޭ ޚިދުމަތެއް ކަމަށް ބުނެ މީހުންނަށް އޮޅުވާލައިގެން ސްކޭމް ހިންގުމުގެ މައްސަލަތަކެއް ފާހަގަވެފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ.

ޕަބްލިކް ވައިފައި ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިފަހަކަށް އައިސް އެއާޕޯޓް ފަދަ ތަންތަނުގައި އޮޅުވާލުމުގެ ތެރެއިން "ފްރީ ވައިފައި" ނަމުގައި ހޮޓްސްޕޮޓްތައް މެދުވެރިކޮށް ސްކޭމްކުރުމުގެ ހާދިސާތައް ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ.

އެފަދަ ކަންކަމަށް ރައްކާތެރިވުމަށް، އެއީ ރަސްމީ ވައިފައި ނެޓްވޯކްގެ ނަންތޯ ކަށަވަރުކޮށް، ޕަބްލިކް ވައިފައިގައި ބޭންކް އެޕްލިކޭޝަނާއި އީމެއިލްއަށް ނުވަނުމަށާއި، ފައިސާ ގުޅުން ހުރި ފަދަ އެއްވެސް ސެންސިޓިވް މުއާމަލާތެއް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ވައިފައި ބޭނުންކުރުމަށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ ވިސްނުންތެރިވުމަށާއި އިތުބާރުހުރި ވީޕީއެން ބޭނުން ކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

އެ ޕޯސްޓާއެކު ފުލުހުން ވަނީ ދިވެހީން ގިނަ އަދަދަކަށް ގޮސް އުޅޭ މެލޭޝިއާގެ ރައްޔިތަކަށް ދިމާވި އެފަދަ ހާދިސާއެއް ހިއްސާކޮށްފައެވެ.

ތައިލެންޑުގެ ވެރި ރަށް ބެންކޮކްގެ އެއާޕޯޓެއްގައި މެލޭޝިއާގެ މީހަކު 'ފްރީ އެއާޕޯޓު ވައިފައި' ކަމަށް ބުނެފައިވާ ޚިދުމަތެއް ބޭނުންކުރަނިކޮށް އޭނާގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ސިންގަޕޫރުގެ ޝޮޕިން މޯލްތަކުން ވިޔަފާރިކޮށްފައިވާ ކަމުގެ އެލާޓްތަކެއް ލިބެން ފެށިއެވެ.

ހަމަ އެ އެއާޕޯޓުގައި އިތުރު ބަޔަކު ވެސް އެ މަޅީގައި ޖެހިފައިވެއެވެ. އެގޮތުން އެ މީހުންގެ ކްރެޑިޓް ކާޑުން ތަކެތި ގަނެ، ޕާސްޕޯޓު ފޮޓޯއާއި، އެޕްތަކަށް ވަންނަން ބޭނުންކުރާ ޕާސްވޯޑު ފަދަ އެތައް މައުލޫމާތެއް ފޭރުނު މައްސަލަ ފެންމަތިވިއެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަފާތު އުކުޅުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17ގައެވެ.

ވައިބާ އެކައުންޓުތަކުގެ ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް މިދިޔަ ހޮނިހިރު ދުވަހު އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ. އަދި އޭގެ ދެ ދުވަސް ކުރިން ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ހޯދަން, އަލުން ފޯމު ހުށަހަޅަން ޖެހޭ ކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކުރިއެވެ.

ފުލުހުން ވަނީ، ސްކޭމުން ރައްކާތެރިވުމަށްޓަކައި ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި، އެޕްތަކުގައި ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށާއި، ފައިސާދިނުމުގެ ކުރިން އެ ދެވެނީ ރަނގަޅު މީހަކަށްތޯ ކަށަވަރުކުރަން އެދިފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފުލުހުންގެ އެމާޖެންސީ ނަންބަރު 911އާއި އެންޓި-ސްކޭމް ހޮޓްލައިން 125އަށް ގުޅައިގެން ރިޕޯޓުކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް