ފައިސާ ނުލިބި ކޮންޓްރެކްޓަރުން ހަލާކުވެ ނެތި ދަނީ!

ބަޔަކު މަސައްކަތުގައި: ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލުން ކުރާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދޫނުކުރާ ކަމުގެ ޝަކުވާ އަޑުއަހާތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމުގައި މާލީ ބޮޑެތި ގެއްލުންތައްވެ، ވިޔަފާރި ހުއްޓާލަންޖެހޭ ހިސާބަށް ބައެއް ކުންފުނިތައް ގޮސްފިއެވެ.

އެކަމުގެ ޝަކުވާ ބޮޑުވި ނަމަވެސް ހިތާމައަކީ، އެކަމަށް އެދެވޭ ހައްލެއް ގެނައުމަށް މަސައްކަތްކުރާ މަންޒަރު ނުފެންނަކަމެވެ. ހައްތަހާވެސް ދައްކަނީ ވާހަކައެވެ. އެކިއެކި ޕޯޑިއަމްތަކުގައާއި، ނޫސް ކޮންފަރެންސްތަކުގައި ވިދާޅުވާ ވާހަކައަކީ "ގައުމު ދަނީ ރަނގަޅަށް" ކަމަށެވެ. މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ފަސް އަޅައި ފޮރުވާލަނީއެވެ.

ސަރުކާރާއެކު ހަދައިފައިވާ ކޮންޓްރެކްޓްތަކަށް މަސައްކަތްކުރާ ބައެއް ވިޔަފާރިތަކުން ބުނާ ގޮތުގައި ވޭތުވެދިޔަ ތިން ހަތަރު އަހަރުތެރޭ ކޮންޓްރެކްޓަރުންނަށް ދިމާވަމުންދާ ކަންތައްތަކުގެ ސަބަބުން އެ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް އިނދަޖެހި، ދަރަނިވެރިވެ، ގޮތް ހުސްވެފައެވެ. އަދި ގިނަ ކޮންޓްރެކްޓަރުން ވަނީ އަނބުރާ މަސައްކަތަށް ނާދެވޭ ވަރަށް ބަނގުރޫޓުވެފައެވެ.

އެގޮތަށް އެކަން ވާންޖެހުނީ ރާއްޖޭގެ އިގްތިސޯދަށް ނުވަތަ ކޭޝްފްލޯއަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކޮންޓްރެކްޓަރުން ހުށަހަޅާ ބިލުތަކަށް އެއްގޮތަކަށް ވެސް ފައިސާ ނުލިބުމާއި ނުވަތަ ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ ސަބަބުން ކަމަށް އެމީހުން ބުނެއެވެ. އަދި ބަޖެޓުގެ ތާށިކަމާއެކު އޮފީސްތަކުންނާއި ޓެންޑާބޯޑުން މަސައްކަތްތައް ނުނެރޭތީ ކުރާނެ މަސައްކަތެއް ނުލިބުމުގެ ސަބަބުން ވެސްމެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ. މި އަހަރުގެ ޖަނަވަރީ ހަތްވަނަ ދުވަހު ގދ. ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން, ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭރު ދޫކުރަން ފަށައިފިއެވެ. އަދި އެ މައްސަލަ މި އަހަރުގެ ރޯދަމަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ރޯދަމަސް ނިމުނުއިރު ވެސް އެ ފައިސާ ދޫކޮށް ނިންމާފައެއް ނުވެއެވެ.

ނަން ނުޖަހަން ޝަރުތުކޮށް 'ސަން'އާ ވާހަކަދެއްކި ކޮންޓްރަކްޓަރަކު ބުނި ގޮތުގައި ހުށަހަޅާ ބިލުތަކަށް ފައިސާ ނުލިބޭތީ ނުވަތަ ލިބުން ލަސްވުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރައާއި ކޮއްތު ފައިސާ ނުދެވިފައިވާއިރު ކުއްޔަށް ހިފާފައިވާ ގެތަކާއި އޮފީސްތަކަށް ވެސް ވަނީ ކުލި ނުދެއްކިއެވެ. އެހެންކަމުން މުވައްޒަފުން ހަޅުތާލުކޮށް ދައުލަތުގެ އެކިއެކި އިދާރާތަކަށް ދިޔުމާއި އެމްބަސީތަކަށް ދިޔުމުގެ ޕްރެޝަރު އިންތިހާއަށް އަންނަމުންދާ ކަމަށް އޭނާ ބުންޏެވެ.

އަދި ކުއްޔަށް ހިފާފައިވާ ތަންތަނަށް ކުލި ނުދެއްކިގެން އެތަންތަނުން ނުކުންނަން ޖެހުމާއި، ބޭންކުން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކޭތީ އެތައް ޖުރިމާނާއެއް އަރައިފައިވުން އޭނާ ފާހަގަކުރިއެވެ. އެ މައްސަލަތައް ބޭންކުން ކޯޓަށް ހުށަހަޅައިގެން، މޯގޭޖްކޮށްފައިވާ ގެއާއި ގެދޮރު ވިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

"އަނެއްކޮޅުން ކްރެޑިޓަށް މުދާ ދޫކުރި ފަރާތްތަކަށް ފައިސާ ނުދެއްކި ކްރެޑިޓް ކެންސަލްވެ ދީފައިވާ ޗެކުތައް ބައުންސްވުމުގެ ސަބަބުން އެކަންވެސް ވަނީ ބޮޑުވެގެންވާ ގާނޫނީ މައްސަލަތަކެއްގެ ތެރޭގައި. ކޮންޓްރެކްޓަރުން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދޭއިރުވެސް ފައިސާ ދެނީ ނިސްބަތުން ކުޑަ އަދަދެއް،" އޭނާ ބުންޏެވެ.

ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރުން: އަމިއްލަ ވިޔަފާރިތަކުން ވަނީ، ސަރުކާރުން ފައިސާ ނުދޭ މައްސަލަ ފާހަގަކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެހެންކަމުން ކުރަން ހުންނަ އިމަޖެންސީ ކުދިކުދި ކަންތައްތައް ކުރުމަށްފަހު ސައިޓަށް ތަކެތި ފޮނުވުން ކަހަލަ މުހިއްމު ކަމެއް ކުރެވޭނެ ގޮތެއް ނޯންނާތީ، އަލުން ބިލެއް ކުރެވޭނެ ގޮތެއް ވެސް ނެތި ކުންފުނީގެ އާމްދަނީ ހައްތަހާ ދަނީ ދަށްވަމުން ކަމަށް އޭނާ ބުންޏެވެ.

ފައިސާ 'ނުލިބުނަސް' ލޯނާއި ޓެކްސްތައް ދައްކަން މަޖުބޫރު

ކޮންޓްރެކްޓަރުން ހުށަހަޅާ ބިލުތަކަށް ފައިސާ ލިބުނަސް ނުވަތަ ނުލިބުނަސް މީރާއަށް ދައްކަންޖެހޭ ޖީއެސްޓީ ފަދަ ހުރިހާ ޓެކްސްއެއް، އެ ދައްކަން އޮންނަ މުއްދަތުގައި ދައްކަންޖެހެއެވެ. މީރާއަށް ދައްކަންޖެހޭ ޓެކްސް ނުދެއްކިވާތީ ޖޫރިމާނާ އަރަމުން ގޮސް އެކައުންޓުތައް ފްރީޒްކޮށް ނަން ހާމަކުރަމުންދާއިރު، އާ ބިޑްތަކެއް އިއުލާނުކުރި ކަމުގައިވިޔަސް، ޓެކްސް ކްލިއަރެންސް ރިޕޯޓު ނުލިބިގެން އައު ބިޑުތަކަށް ކުރިމަތި ލެވޭނެ ގޮތެއްވެސް ނެތެވެ.

ހަމައެހެންމެ ޓެކްސް ކްލިއަރެންސް ރިޕޯޓް ނުލިބޭތީ ފައިސާ ދޭ ފަރާތްތަކުން ފައިސާ ދިނުމަށް އިންކާރު ކުރުމުގެ ސަބަބުން ފައިސާއެއް ލިބޭނޭ އެއްވެސް ގޮތެއް ނެތެވެ.

މިއީ ވެސް ކޮންޓްރެކްޓަރެއްގެ ކަންބޮޑުވުމެކެވެ.

ކޮންޓްރެކްޓަށް މަސައްކަތްކުރާ ކުންފުނިތަކަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި ގެންގުޅޭ ބައެކެވެ. ނަމަވެސް ދައްކަންޖެހޭ ވިސާ ފީއާއި، ކޯޓާ ފީ ނުދެއްކިވާތީ ބޭރު މީހުންނާ ބެހޭ ހުރިހާ ޚިދުމަތެއް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. އެހެންކަމުން ބޭރުން މީހަކު ގެނެވެން ނެތް އިރު ތިބި ބަޔަކު ފޮނުވޭނެ ގޮތެއް ނެތްކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ފައިސާ ނެތުމުގެ ސަބަބުން ޕާފޯމަންސް ގެރެންޓީއާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ހެއްދި ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކިވާތީ އެފަރާތުން އެ ގެރެންޓީތައް އައު ނުކޮށްދޭއިރު އާ ގެރެންޓީތައް ހެއްދޭނެގޮތެއްވެސް ނެތެވެ. ބިލުތަކަށް ފައިސާ ނުލިބޭތީ، ނުވަތަ ލިބުން ލަސްވެގެން ސައިޓަށް ތަކެތި ނުފޮނުވިގެން ސައިޓުގައި މަސައްކަތް ނުކުރެވިދިޔަސް މަސައްކަތް ނިންމަންޖެހޭ މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ ބަރާބަރަށް ޖުރިމާނާ ކުރެއެވެ. އެފަދަ ދުވަސްތަކަކަށް މުއްދަތެއް ލިބޭނެގޮތެއް ނޯވެއެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބުމުން، އެ ކުންފުންޏެއްގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައާއި ކޮއްތު ފައިސާ ވެސް ނުދެވިދޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންޓްރެކްޓަށް މަސައްކަތްކުރާ ބަޔަކު ބުނި ގޮތުގައި ޓެންޑާ ބޯޑުން އައު މަސައްކަތެއް އިއުލާނު ނުކުރާތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މަސައްކަތެއް އިއުލާންކުރިއަސް އެ މަސައްކަތް ކޮންޓްރެކްޓަރަކާ އަދި މިހާތަނަށް ހަވާލުކޮށްފައި ވަނީ ވަރަށް މަދުންކަން އޭނާ ފާހަގަކުރިއެވެ.

"މަސައްކަތް ހަވާލުނުކޮށް އެކިއެކި އުޒުރުދައްކައިގެން ދަންމަނީ. އާއްމު އޮފީސްތަކުން ކުރާ އިއުލާނު ވެސް އިންތިހާއަށް މަދުވެ، ހަވާލުކުރާ މަސައްކަތް ހަވާލުކުރަނީ އެހާމެ ދަށް އަގުތަކުގައި. މިފަހަކުން ސަރުކާރުން ކުރަން ބޭނުންވާ ހުރިހާ މަސައްކަތެއްހެން ހަވާލުކުރަމުން ދަނީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކާ،" ޝަކުވާގެ ރާގަކަށް އޭނާ ބުންޏެވެ.

https://sun.mv/203410

ރަށު ފެންވަރުގައި ކުދިކުދި މަސައްކަތް ނަގައިގެން ދިރިއުޅުމުގެ ކަންތައް ހަމަޖައްސަމުން އަންނަ ކުދިކުދި ވިޔަފާރިތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނެތްކަން ފާހަގަކޮށް އޭނާ ބުނީ ސަރުކާރުގެ ކަންކަން ހުރި ގޮތުން 'ކޮންޓްރެކްޓަރުންނަށް ވަނީ އެއިން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތް' ވަށައިޖެހޭ ތާށިކަމެއްގެ ތެރޭގައި އިންތިހާއަށް ބަނދެވިފައި ކަމަށެވެ.

ސަރުކާރު މަޝްރޫތައް ފެނަކަ، އެމްޓީސީސީ އަދި އާރުޑީސީ ފަދަ ސަރުކާރު ކުންފުނިތަކާ ހަވާލުކުރާކުރާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

އެކަން ދިފާއުކޮށް، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެއީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން އާންމު ގޮތެއްގައި ބަޖެޓުގައި މަޝްރޫއުތައް ހިމަނަނީ، ހަވާލުކުރާ ފަރާތަށް ލިބެން ޖެހޭނެ ފައިދާ ވެސް ހިމަނައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިހާރު ގިނަ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކަށް ދީގެން ހިންގާއިރު، މަޝްރޫއަށް ހިނގާ ޚަރަދަށް ހަމައެކަނި ހޭދަކުރުމުން ފައިސާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުތަކުން އެތައް އަހަރަކު ކަންކަންކުރި ގޮތުން ކޮންޓްރެކްޓަރުންގެ ހާލަތު މިހިސާބަށް ދިޔައިރު އެކަން އެނގޭ ފަރާތެއް ނުވަތަ އަޅާލާނެ ފަރާތެއް ވެސް ނެތް ކަމުގެ ޝަކުވާ އިންތިހާއެވެ.

ކޮންޓްރެކްޓަރުން ބަނގުރޫޓުވެ ހާލުގައި ޖެހުމަކީ ދިވެހި އެތައް އައިލާއަކަށް އެކަމުގެ ހިތްދަތިކަމާއި ވޭން އުފުލަންޖެހިފައިވާ ކަމެކެވެ. މުޅި އުމުރުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓި، ހޯދި ހުރިހާ ތަކެއްޗެއް ގެއްލުމުގެ ފުރުސަތު އޮތް ކަމެކެވެ.

comment ކޮމެންޓް