ކޭމްޕް ރޮކްގެ ތިންވަނަ ބައެއް ނެރެނީ

ޑިޒްނީއިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު ޓީވީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކޭމްޕް ރޮކް"ގެ ތިންވަނަ ބައެއް ނެރުމަށް މަސައްކަތް ފަށައިފި ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.

ޑިޒްނީއިން އުފެދުނު އެންމެ ބޮޑެތި ޕޮޕް ސްޓާރުންގެ ތެރޭގައި ހިމެނޭ ޑެމީ ލޮވާޓޯ ފެނިގެންދާ ކޭމްޕް ރޮކްއަކީ މިއަދާ ޖެހެންދެން ވެސް އޭގެ ވާހަކަ ދެކެވޭ ޓީވީ ފްރެންޗައިޒް އެކެވެ. ފިލްމުގައި ހިމެނޭ ލަވަތަކާއި ސީންތަކަކީ އެއަށް އެތައް ބަޔަކު ވާހަކަ ދައްކައި އުޅޭ އެއްޗެއްސެވެ.

އެ މަގުބޫލުކަމަށް ބަލައި ފިލްމުގެ އޮރިޖިނަލް ކާސްޓާއެކު ތިންވަނަ ބައެއް ނެރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިލްމުގެ ލީޑް ދެ އެކްޓަރުން ކަމަށްވާ ޑެމީ އާއި ޖޯ ޖޯނަސް އާއެކު ޑިޒްނީއިން ދާދިފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގެ ވާހަކަތައް ވަނީ ދެކެވިފައެވެ.

މައުލޫމާތު ލިބޭގޮތުގައި ފިލްމުގެ ޝޫޓިން އަންނަ މަހުގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިހާރު ކުރިއަށްދަނީ އޮރިޖިނަލް ކާސްޓުން ފިލްމަށް ގެނައުމަށް އެއްބަސްވުން ފުރިހަމަކުރުމުގެ މަސައްކަތެވެ. އޭގެއިތުރުން ފިލްމުގެ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.

މިއުޒިކަލް ފިލްމު ކޭމްޕް ރޮކްގެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 2008 ވަނަ އަހަރުގައެވެ. އަދި އެ ފިލްމުގެ ކާމީޔާބީއާ އެކު ދެވަނަ ފިލްމެއް ނެރެފައިވަނީ 2010 ވަނަ އަހަރެވެ. ކޭމްޕް ރޮކްގައި އަލި އަޅުވާލަނީ ސަމާ ޗުއްޓީގައި ހައި ސްކޫލު ކުދިންތަކެއް މިއުޒިކް ކޭމްޕަކަށް ގޮސް އެ ތަނުގައި ކަންތައް ވާގޮތަށެވެ.

ފުރަތަމަ ފިލްމުގައި ޑެމީ ކުޅެނީ "މިޗީ ޓޮރޭޒް" ކިޔާ ކެރެކްޓަރެކެވެ. މި ފިލްމުގައި މިޗީ ކޭމްޕު ގޮސް އޭނާއަކީ ކާކުކަން އެންމެނަށް އޮޅުވާލައިގެން މީހުންގެ ލޯބި ހޯދަން އުޅޭތަން ފެނިގެންދެއެވެ. އަދި މި ދޮގުތައް ފަޅާއެރުމުގެ ކަންތައްވާ ގޮތް ވެސް ފިލްމުން ފެނިގެންދެއެވެ.

comment ކޮމެންޓް