ނާނިއާ ޝޫޓިން ފަށައިފި، އަންނަ އަހަރު ނެރެނީ

ދެހާހުގެ ކުރީކޮޅުގައި އުފެއްދި މަގުބޫލު ފްރެންޗައިޒްއެއް ކަމަށްވާ "ނާނިއާ" ރީބޫޓުކޮށް އަލުން ފެށުމަށް ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

ނާނިއާ އަލުން ރީބޫޓުކޮށް އުފެއްދުމުގެ މަސައްކަތް ކުރާނީ އެންމެ ބޮޑު ސްޓްރީމިން ސާވިސް، ނެޓްފްލިކްސް އިންނެވެ. އަލަށް ނެރޭ ނާނިއާ ޑައިރެކްޓު ކުރާނީ އޮސްކާ އެވޯޑު ހޯދާފައިވާ މަގުބޫލު ޑައިރެކްޓަރު ގްރެޓާ ގާވިގްއެވެ. ގްރެޓާއަކީ 2023 ވަނަ އަހަރުގެ ހިޓު، "ބާބީ" ވެސް އުފެއްދި ޑައިރެކްޓަރެވެ.

ގާވިގް އުފައްދާ އާ ނާނިއާ ފިލްމުގެ ކާސްޓުގައި ހިމެނެނީ ހޮލީވުޑްގެ ބޮޑެތި ނަންތަކެވެ. އޭގެތެރޭގައި ޑެނިއަލް ކްރެއިގް އާއި ކޭރީ މުލިގަންގެ އިތުރުން މެރިލް ސްޓްރީޕް ހިމެނެއެވެ. ފިލްމުގެ އިތުރު މައިގަނޑު ރޯލުތަކުން އެމާ މެކީ އާއި ބައެއް އާ ތަރިން ހިމެނެއެވެ. ނަމަވެސް އިތުރު ކާސްޓުންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ނާނިއާގެ ރިބޫޓް ފުރަތަމަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައެވެ. މި ފިލްމު ރިލީޒްކުރާނީ ސިނަމާތަކަށާއި ނެޓްފްލިކްސް ސްޓްރީމިން ސާވިސްއަށް އެކުގައެވެ.

ޖުމްލަ ތިން ފިލްމު ނެރެފައިވާ އޮރިޖިނަލް ނާނިއާ ފްރެންޗައިޒް ވަނީ 2005 އާއި 2010އާ ދެމެދު ބޮކްސް އޮފީހުގައި 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

ނެޓްފްލިކްސްއިން ނާނިއާ ވާހަކަ ފޮތްތަކުގެ ޓީވީ ރައިޓްސް ހޯދާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު ނާނިއާ އަލުން ނެރޭނެ ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ނަމަވެސް ގިނަ ދުވަހުގެ މަޑުޖެހުމަށްފަހު ފިލްމުގެ މަސައްކަތްތައް އެންމެފަހުން މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް