ފިލްމު 'ބާޣީ 4'ގެ ޓީޒާ ދައްކާލައިފި

ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު އެކްޓަރު ޓައިގާ ޝްރޮފްގެ "ބާޣީ 4"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޓައިގާގެ އިތުރުން ސަންޖޭ ދަތު، ސޯނަމް ބަޖްވާ އަދި 2021 ވަނަ އަހަރުގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ މުހިއްމު ރޯލް ކުޅޭ މި ފިލްމުގެ ޓީޒާއިން ފުރަތަމަ ވެސް ދައްކައިލީ ޓައިގާ އާއި ސަންޖޭ އަދި ފިލްމުގައި ހިމެނޭ ބަތަލާއިންގެ މެދުގައި ހިނގާ ވަރަށް ވަރުގަދަ ލޭ އޮހޮރުވުންތަކެކެވެ.

ސާޖިދު ނަދިއަދުވާލާގެ ޕްރޮޑަކްޝަން ހައުސް ނަދިއަދުވާލަ ގްރޭންޑްސަންއިން ގެނެސްދޭ "ބާޣީ 4"އަކީ މި ފްރެންޗައިސްއިން މިހާތަނަށް ގެނެސްދޭ އެންމެ ވަރުގަދަ ލޭ އޮހޮރުވުން ދައްކާނެ ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގެ ޓީޒާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޓައިގާ ބުނީ، ލޯބީގެ މައިދާނުގައި ސާބިތުވެ ހުންނަ ކޮންމެ މީހަކީ ވެސް ފަހުވަގުތު ވިލެންއެއް ކަމަށެވެ.

"ބާޣީ 4"ގެ މުހިއްމު ރޯލްއިން ފެންނާނެ ބަތަލާ ހަރްނާޒް ސަންދޫ--ފޮޓޯ/ބޮލީ

އެހެންކަމުން އެ މީހެއްގެ ކިބައިން ސަލާމަތްވުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށާއި މިފަހަރު އެއްވެސް މީހަކަށް ހަމްދަރުދީނުވާނެ ކަމަށެވެ. ވަރުގަދަ ލޭ އޮހޮރުވުންތަކެއް ފެންނާނެ ވާހަކައަކަށް ތައްޔާރު ވުމަށް ޓައިގާ ވަނީ ސޯޝަލްމީޑިއާގައި ބުނެފައެވެ.

ފިލްމު "ބާޣީ 4"ގެ ޓީޒާ ބަލާލުމަށްފަހު ބައެއް ބެލުންތެރިން ބުނެފައި ވަނީ ފިލްމު "އެނިމަލް"އާ ވަރަށް އެއްގޮތް ކަންކަން "ބާޣީ 4"ގެ ޓީޒާއިން ފެނިގެން ހިނގައްޖެ ކަމަށެވެ. ހަމައެއާއެކު ދަރުމާ ކުންފުނިން ގެނެސްދިން ފިލްމު "ކިލް"ގައި އެކްޓަރު ލަކްޝްޔަ ފެނުނު ވަރަށް ގިނަ އެކްޝަން ސީންތަކާ އެއްގޮތް މަންޒަރުތަކެއް ވެސް "ބާޣީ 4"ގައި ހިމެނޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "ބާޣީ"ގެ އެންމެ ފަހު ބައި ރިލީޒްކޮށްފައި ވަނީ 2020ވަނަ އަހަރެވެ. އެ ފިލްމުގައި ޓައިގާއާ އެކު ބަތަލާގެ ރޯލްއިން ޝްރައްދާ ކަޕޫރު ފެނުނުއިރު ފިލްމުގެ ޚާއްސަ ރޯލްއިން އެކްޓަރު ރިތޭޝް ދޭޝްމުކް ވަނީ ފެނިފައެވެ. ފިލްމު "ބާޣީ 4" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހެވެ.

comment ކޮމެންޓް