ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ އެކްޓަރު ހާޝްވަރުދަން ރާނޭ އަލަށް ކުޅޭ ލޯބީގެ ފިލްމު "އެކް ދިވާނޭ ކީ ދިވާނިއްޔަތު" ރިލީޒްކުރާ ތާރީޚަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.
ކުރިން އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމި ފިލްމު މިހާރު ރިލީޒްކުރާނީ އޮކްޓޯބަރު މަހުގެ 21ގައެވެ. އެކަން އިއުލާނުކުރަމުން ފިލްމުގެ އާ ޕޯސްޓަރެއް ވެސް ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހުތެރޭ އިއުލާނުކުރި ފިލްމު އެންމެ ފުރަތަމަ ގެނެސްދިނީ "ދީވާނިއްޔަތު"ގެ ނަމުގައެވެ. މިދިޔަ ޖޫން މަހުތެރޭ ފިލްމުގެ ޝޫޓިންގް އެއްކޮށް ނިންމާލިކަން އެކްޓަރު ހާޝް ވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ.

ހަރްޝް އަދި ސޯނަމް ފިލްމު "އެކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ ޕްރޮޑަކްޝަން ޓީމާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަންޝުލް ގަގް ޕްރޮޑިއުސްކޮށް މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކުރާ މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު ހަރްޝް ލޯބީގެ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ. ބަތަލާ ސޯނަމް ބާވްޖާ ހަރްޝްއާ އެކު ފެންނާނެ "އެކް ދިވާނޭ ކީ ދިވާނިއްޔަތު" އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "ދަ ސަބްރަމާތީ ރިޕޯޓު" ގެނެސްދިން ޕްރޮޑަކްޝަން ހައުސް ވިކީރް ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.
ހަރްޝްގެ އާ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު އިތުރު ދެ ފިލްމެއްގައި އެކްޓަރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެއީ ފިލްމު "ތޭރާ ޔާރު ހޫ މޭ" އަދި "މަސްތީ 4"އެވެ.
މީގެއިތުރުން 2016ވަނަ އަހަރު ރިލީޒްވި ހަރްޝް އާއި ޕާކިސްތާނު ބަތަލާ މާވްރާ ހޮސެއިންގެ ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައެއް އަންނަ އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަކަން ވަނީ އިއުލާނުކޮށްފައެވެ.