ޖޫން މަހާ އަޅައިބަލާއިރު ނިމިދިޔަ ޖުލައި މަހު، އަރިދަފުސް ރޯގާގެ ކޭސްތައް ދަށްވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު ޑެންގީ ހުން ޖެހިގެން 188 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ޖޫން މަހު 168 ކޭސް ރިޕޯޓުކުރިއެވެ.
ޖޫން މަހާ އަޅައިބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 20 ކޭސް އިތުރަށް ރިޕޯޓުކުރިއިރު އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވެފައި ކަމަށެވެ.
މި އަހަރުގެ މެއި މަހުން ފެށިގެން އިންފްލުއެންޒާ ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާއިރު، އިންފްލުއެންޒާ ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
އެގޮތުން މެއި މަހުގެ 15އިން 21އަށް 45 ކޭސް ރިޕޯޓުކުރިއިރު އޭގެ ޖެހިގެން އައި ހަފުތާގައި އެ އަދަދު ވަނީ 86އަށް އިތުރުވެފައެވެ. އަދި އޭގެ ޖެހިގެން އައި ހަފުތާގައި އެކަނި ވެސް އިންފްލުއެންޒާ ޖެހިގެން 108 މީހުން ފަރުވާ ހޯދައިފައިވެއެވެ. އެ ތިން ހަފުތާގައި 239 މީހުންނަށް އިންފްލުއެންޒާ ޖެހުނުއިރު އޭގެ ތެރެއިން 85 ޕަސެންޓު ކަމަށްވާ، 228 ކޭސް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޖެހިގެން ޓެސްޓުކުރީ 2،066 މީހުންނެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ، 693 މީހުންނެވެ. ނަމަވެސް މިދިޔަ ޖުލައި މަހު އިންފްލުއެންޒާ ޖެހިގެން ޓެސްޓުކުރި އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް ޕޮޒިޓިވްވީ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން:
- ޖުލައި މަހު ޓެސްޓުކުރި އަދަދު: 579
- ޖުލައި މަހު ޕޮޒިޓިވް ވީ އަދަދު: 314
- ޖޫން މަހު ޓެސްޓުކުރި އަދަދު: 608
- ޖޫން މަހު ޕޮޒިޓިވް ވީ އަދަދު: 185
މީގެ އިތުރުން ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ޖުލައި މަހު ވަނީ އިތުރުވެފައެވެ. ޖޫން މަހު 3،946 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ މަހު 5،528 ރިޕޯޓު ކުރިއެވެ. ނަމަވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި ކޭސްތައް ވަނީ ޖޫން މަހާ އަލާ ބަލާއިރު ދަށްވެފައެވެ. ޖޫން މަހު 33،156 ކޭސް ރިޕޯޓުކުރިއިރު މިދިޔަ މަހު 30،705 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތަކުގެ ގޮތުގައި އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން ފާހަގަކޮށްފައިވެއެވެ. އަދި ރޯގާ ޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ޓަކައި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި ފާޚާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ހަނދާންކޮށްދެއެވެ.
މީގެ އިތުރުން، ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނު ޕެކެޓު (އޯއާރްއެސް)އާއި ފެނާއި ސޫޕާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް ސިއްހީ އިދާރާތުން ލަފާދެއެވެ.