ފްރެޑްރިކް ނައުމަން ފައުންޑޭޝަން (އެފްއެންއެފް)އިން އިންތިޒާމުކޮށްގެން ބާއްވާ ސްޓަޑީ ޓުއާއެއްގައި ޔޫރަޕާއި، ދެކުނު އޭޝިއާގެ އެކި ގައުމުތަކަށް ނިސްބަތްވާ ބައެއް ސިޔާސީ ބޭފުޅުންނާއި ދަރިވަރުން ރާއްޖެއަށް ދެ ދުވަހުގެ ދަތުރެއް ކޮށްފިއެވެ.
މިއީ މި ސަރަހައްދުގެ ގައުމުތަކާއި، ޔޫރަޕާ ދެމެދު، އަދި ވަކީން ޚާއްސަކޮށް ޖަރުމަނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ދަތުރެކެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް، ދެ ދުވަހަށް ކުރާ މި ދަތުރުގައި އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން ބޫޓާނަށް ވެސް ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި ބައިވެރިވަނީ ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ޖާމަން ބަންޑަސްޓެގްގެ މެންބަރު ސެންޑްރާ ވީސާއާއި، ބަންޑެސްޓެގް ޑިފެންސް ކޮމިޓީގެ ޗެއާޕާސަން ޑރ. މާކަސް ފޭބާއާއި، އެ ނޫން ވެސް ބައެއް ދާއިރާތަކުގެ މީހުންނާއި، ޔުނިވާސިޓީ ދަރިވަރުންނެވެ.
މި ދަތުރުގައި ބައިވެރިވާ ވަފުދުން، މާލޭގެ މޭޔަރު އާދަމް އާޒިމާއި، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ބައްދަލުކުރައްވާނެއެވެ.
މި ސްޓަޑީ ޓުއާގެ މައިގަނޑު ބޭނުމަކީ އިގްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމާއި މޫސުމީ ބަދަލުތަކާއި، މަސައްކަތްތެރިންނާއި، ރާއްޖެއާއި ޖަރުމަނުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމެވެ.
އެފްއެންއެފްގެ ސައުތު އޭޝިއާ ރީޖަނަލް އޮފީހުން އަންނަނީ، ޑިމޮކްރެޓިކް ހަމަަތައް ދެނެގަތުމާއި، ދެކުނު އޭޝިއާއާއި ޔޫރަޕާ ދެމެދު އިގްތިޞާދީ ގުޅުން ބަދަހިކުރުމުގެ މައްޗަށް ސްޓަޑީ ޓުއާތައް ބާއްވައެެވެ.