ކޮންމެ ފަދަ ދަރަޖައަކަށް ވެއްޓިގެންވެސް ރަނީމް އޭނާގެ މީހަކަށް ހެދުމަށް ޝާރިފް އަޒުމު ކަނޑައެޅިއެވެ.
އެތަކެއް އިރަކު ޝާރިފްއަށް ރަނީމްގެ ޚިޔާލުތަކުގައި އޮވެވުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ހިތުގައި އަބަދުމެ ދައުރުވަނީ ރަނީމްގެ ޚިޔާލުތައް ވިއްޔާއެވެ. އަބަދުމެ ސިކުނޑީގައިވަނީ ރަނީމްގެ ނަމެވެ. ހިތުގެ އެންމެ ފުނުގައިވެސް ފެވިފައިވަނީ ރަނީމްގެ ސޫރައެވެ. އެހެންނަމަވެސް ދެރައީ ރަނީމްގެ ފަރާތުން އޭނާއަށް ޝައުޤުވެރިކަމެއް ނުފެންނާތީއެވެ. ކަމެއް ހަނދާންވާ ފަދައަކުން ޝާރިފް ފޯނު ނަގާ ނަންބަރަކަށް ޑައިލްކޮށްލިއެވެ. ނަސީބަކުން ދެވަނަ ރިންގާއެކު އެކޮޅުން ވެސް ފޯނު ނަގައިފިއެވެ. އެނދުން ތެދުވެލި ޝާރިފް ދެކޮޅަށް ހިނގަމުން ފޯނުން ވާހަކަ ދައްކަން ފެށިއެވެ. އޭރު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. އެ ދެއްކި ވާހަކަތަކެއް ދެއްކުމަށްފަހު، ފޯނު ބާއްވާފައި އޭނާ ގޮސް އެނދުމަތީގައި އިށީނދެ ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
*****
ޖެހިގެން އައި ދުވަހު ނަމީރު ގަނޑުވަރުން ބޭރަށް ދިޔަ ގޮތަށް އޭނާ ދެން ޝަހަރަށް އައީ އިރުއޮއްސެން އުޅެނިކޮށެވެ. އޭރު އޭނާގެ މޫނުމަތިން ހާސްކަމާއި އެއްވަރަށް ހައިރާންކަންވެސް ފެންނަމުން ދިޔައެވެ. ޝަހަރުގައި އޮންނަ ބޯ ޖަންގަލި ތެރެއަށް ތިރިކޮށްލުމާއެކު، ނަމީރު އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ނޭވާ ނުލެވިގެން އުޅޭ މީހަކު ފަދައިން އޭނާ ދެފަރާތަށް ހިނގަން ފެށިއެވެ. އެއްފަހަރު ނިތުގައި ނިތުގައި އަތް ކާތާލަމުން އަނެއް ފަހަރު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން، ހިނގަމުން ގޮސް ރުކެއްގައި އަތް އަޅުވާލައިގެން އިރުކޮޅަކު ހުއްޓެވެ. ވިސްނުމަކަށް ގެއްލިފައި ނަމީރު ހުރިއިރު ހީވަނީ އޭނާއަށް ހަދާނެ ގޮތް ހުސްވެފައިވާހެންނެވެ. ސިކުނޑީގައި ޚިޔާލުތައް ފުނިޖެހި ނާރުތަކަށް ވާންވެފައިވާހެންނެވެ.
"އެހެން ކިހިނެއްތަ ވާނީ؟ މިވަނީ ކިހިނެއްތަ؟ އަހަރެން ދެން ކިހިނެއް ހަދާނީ؟ މިވާހަކަތައް އަހަރެން ކިޔައިދޭނީ ކާކަށްތަ ކީކޭ އަހަރެން ބުނާނީ؟ މިގޮތަށް ކަންތައް ވެދާނެޔޭ ކާކުތަ ހީކުރާނީ؟ އަލުން އަނެއްކާ އެ މާޒީގެ ކުރިމައްޗަށް އަރަން މަޖުބޫރުވަނީތަ؟ މާޒީގެ މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބެލުމަކީވެސް މިއަދު އަހަރެން ބޭނުންވާކަމެއް ނޫން. އެކަމަކު… އެ ނޫން ގޮތެއް ނެތީބާ؟ ނޫން… އަހަރެން އެ މާޒީއަށް އަލުން ދާކަށް ބޭނުމެއް ނޫން. އެކަމަކުވެސް… ދެން ކިހިނެއްތަ ހަދާނީ؟ އަހަރެން ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެން...." ނަމީރަށް އޭނާގެ އަމިއްލަ ހިތާ ވާހަކަ ދެއްކުނެވެ. ސިހުން ލިބިގެން ދިޔައީ މަތީން ދޫނިތަކެއް އުދުހިގަތް އަޑަށެވެ. އުޑުމައްޗަށް ބަލައިލުމާއެކު ނަމީރު ފުންނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ މީހާ ހަމައަކަށް އަޅުވައިލާ ހިނގަނެވޭވަރުވީ ވެސް އިރުކޮޅެއް ފަހުންނެވެ. އެހާ ވެސް ބޮޑު ނުތަނަވަސްކަމެއް ނަމީރަށް ލިބިފައިވެއެވެ.
އޭނާ އެ ބޯ ޖަންގަލީން ނުކުންނަން ދާންވެގެން އަވަސްވެގަތެވެ.
ނަމީރު ނިންމައިގެން ހުރީ އަންނަ ގޮތަށް ރައާބިލްއާ ބައްދަލުކުރަން ދާން ނަމަވެސް، އޭނާގެ ނަފްސު އެކަމަށް އުޒުރުވެރިވިއެވެ. އަމިއްލަ ހިތް ވެސް އެކަމަކަށް އިޖާބައެއް ނުދިނެވެ. އެއާއެކު، ނަމީރު ދިޔައީ ގަނޑުވަރަށެވެ. އެތެރެއަށް ވަދެގެން ދިޔައިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން މީހާ ވަނީ ހާސްވެ ހަދާނެ ގޮތް ހުސްވެފައެވެ. އެކަމުގެ ސަބަބުން އެތަނުގައި ހުރި ޝައިސްތާވެސް އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. ޝައިސްތާ ނަމީރަށް ގޮވާލަން އުޅެފައިވެސް މަޑުޖެހިލިއެވެ. އޭނާ މިއަދު ބޭރަށް ދިޔަ ބޭނުން ޝައިސްތާއަށް އެނގެއެވެ. ވުމާއެކު އޭނާ ވެސް ހުރީ ނަމީރު ގާތުން ސުވާލުކޮށްލަން ބޭނުންވެފައެވެ. އެހެންނަމަވެސް މިހާރު ނަމީރުގެ މޫނުމަތީން ފެންނަމުން އެދާ އަސަރުތަކުން، އެއްވެސް ކަމެއް ރަނގަޅު ނޫންކަން ޝައިސްތާއަށް ވެސް ފަހުމްވެއްޖެއެވެ. ނަމީރުގެ މޫނުމަތީން ފެންނަމުން ދަނީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ފެނުނު އަސަރުތަކެއް ނޫނެވެ. އޭނާ ހުރީ އަމިއްލަ ދުނިޔެއަށް ގޮސް ގެއްލިފައެވެ.
ނަމީރު ގޮސްވަނީ ކޮޓަރިއަށެވެ. ޝައިސްތާވެސް ގޮސް ނަމީރުގެ ފަހަތުން ކޮޓަރިއަށް ވަނެވެ.
އޭރު ނަމީރު ހުރީ ކޮޅަށެވެ. ހުއްޓިފައެވެ. އެހާ ބޮޑު ބަދަލެއް ނަމީރަށް އަންނަން ޖެހުނު ސަބަބަކާ ބެހޭގޮތުން ޝައިސްތާގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. ވީގޮތް އެނގެން އޭނާގެ ހިތްވެސް ތެޅި ފޮޅިގަތެވެ.
"ނަމީރު." ޝައިސްތާ ގޮސް ނަމީރުގެ ކޮނޑުގައި އަތް ޖައްސައިލަމުން، ގޮވައިލިއެވެ. ނަމީރު އެނބުރި ޝައިސްތާއަށް ބަލައިލިއިރު ވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.
"ކިހިނެއްވީ؟ އަހަންނަށް ކިޔައިދީބަލަ." ޝައިސްތާ އެދުނެވެ. އޭނާ ނަމީރަށް ބަލަހައްޓައިގެން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ.
"ނަމީރު." ނަމީރު އެއްޗެއް ނުބުނެ ގިނައިރު ވާން ފެށުމުން އަނެއްކާވެސް ޝައިސްތާ އޭނާއަށް ގޮވައިލިއެވެ. ނަމީރަށް ވާހަކަ ފަށަންވީ ކިހާ ހިސާބަކުން ކަމެއް ނޭނގުނެވެ. އެ ވާހަކަތައް އޭނާ ޝައިސްތާއާ ދައްކާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ކިތަންމެ ވަރަކަށް ކިޔައިދޭން ބޭނުންވިނަމަވެސް އޭނާގެ ދުލުގައި ހީވަނީ ތަޅެއް ލެވިފައި ވާހެންނެވެ. އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.
"ނަމީރު…" ނަމީރުގެ ހިމޭންކަމުން ޝައިސްތާއަށް ވެސް އުނދަގޫވާން ފަށައިފިއެވެ. އެންމެފަހުން އޭނާގެ ކެތްތެރިކަން ވެސް ކޮޅުންލައިގެން ހިނގައްޖެއެވެ. "އަހަންނަށް ކިޔައިދީބަލަ. ނަމީރު. ހެޔޮނުވާނެ. އަހަރެންވެސް އެބަ ވަރަށް ހާސްވެޔޭ. ނަމީރުގެ ތި ހާސްކަމުން އަހަންނަށް އެބަ އުނދަގޫވެޔޭ."
"ޝައިސްތާ. އަހަންނަށް… އަހަންނަށް އޭނަ ފެނިއްޖެ." ނަމީރު ބުނެލިއެވެ.
"އޭނަ ކޮބާ؟" ޝައިސްތާ ސުވާލުކޮށްލިއިރު ނަމީރުގެ އަތަށް ބާރުކޮށްލިއެވެ.
"އެހާ ދުވަސްފަހުން ފެނުނީމަ ވެސް އެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން އަހަންނަށް ސިފަވެގެން ދިޔަ." ނަމީރު ބުނެލިއެވެ.
"ތިކަން ރައާބިލްއާ ހިއްސާކުރަން ގޮސްފިންތަ؟" ޝައިސްތާ ސުވާލުކޮށްލިއެވެ.
"ނޫން. އަދި ނުދަން." ނަމީރު ބުންޏެވެ. "އަހަރެން މިކަން މިކުރީ ބައްޕައާ ދެކޮޅަށް. މީ އަހަނަށް ވެސް ރައާބިލްއަށް ކޮށްދެވޭނެ އެއްމެ ބޮޑުވަރަކީ." ނަމީރު ބުންޏެވެ.
"އަހަންނަށް ކިޔައިދީބަލަ. ނަމީރު އޭނާއާ ވާހަކަ ދެއްކިންތަ؟ އޭނަ ކައިރިއަށް ދިޔައިންތަ؟" ޝައިސްތާ ސުވާލުކޮށްލިއެވެ.
"ނޫން. ދުރުން ފެނުނީ..." އެހެން ބުނެލާފައި ނަމީރު ޝައިސްތާއާ ބައެއް ވާހަކަތައް ހިއްސާކުރިއެވެ.
"ދޭ… ގޮސް ތި ޚަބަރު ރައާބިލްއަށް ދީ." ޝައިސްތާ އެދުނެވެ. ނަމީރު އާއެކޭ ބުނެފައި ނުކުންނަން ހިނގައިގަތް ނަމަވެސް އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ ޝުޢޫރުތަކެއް ދައުރުވަމުން ދިޔައެވެ.
"މިއަދު އަހަންނަށް މިވަނީ ކަލެއާ ކުރިމަތިލާން ވަރަށް އުނދަގޫވެފައި ރައާބިލް... ކިތަންމެ ކިޔައިދޭން ބޭނުންވިޔަސް، ޝައިސްތާއަށް ވެސް އެ ވާހަކަތައް ހިއްސާކުރާނެ ގޮތެއް އަހަންނަކަށް ނޭނގެ. މުސްތަޤްބަލާ މެދު އަހަރެން އެބަ ވަރަށް ބިރުގަނޭ. މާޒީ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނު ކަހަލަ…" ހިތާ ހިތުން ނަމީރަށް ބުނެވުނެވެ.
ނަމީރަށް ނުކުމެވުނީ ބަތީލާގެ ކުރިމައްޗަށެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ކަން ބޮޑުވުމެވެ. އެކަން ބަތީލާއަށް އެނގުމުން އޭނާ ނަމީރުގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ކޮންތާކަށް ދަރިފުޅާ؟" ބަތީލާ ސުވާލުކޮށްލިއެވެ.
"ބިންގަރާހަކަށް…. ރައާބިލް… ރައާބިލް ކައިރިއަށް…" ނަމީރު ބުނެލިއެވެ. މަޑުމަޑުންނެވެ. އެވަގުތު ޝައިސްތާވެސް ކޮޓަރިން ނުކުމެއްޖެއެވެ. ޝައިސްތާއާއި ބަތީލާއާ ދެމީހުން އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. ބަތީލާ ބޯ ޖަހައިލުުމުން ނަމީރު އެތަނުން ދިޔައެވެ. އެއާއެކު ކަންބޮޑުވެފައިވާ ނަޒަރަކުން ޝައިސްތާއަށް ބަތީލާއަށް ބަލައިލެވުނެވެ. ފިރިމީހާގެ ހާސްކަމުން އޭނާއަށް ވެސް ލިބިފައިވަނީ ނުތަނަވަސްކަމެކެވެ. ނަމީރު އެހާ ކަންބޮޑުވެ ހާސްވެފައި ހުރި ތަނެއް އޭނާއަކަށް މީގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ބަތީލާ ވެސް ޝައިސްތާގެ ކޮނޑުގައި އަތް ޖައްސައިލަމުން ބޯ ޖަަހައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ ބުނުމުގެ ގޮތުންނެވެ.
"ހިނގާބަލަ މަންމައާއެކު…" ބަތީލާ ޝައިސްތާ ގޮވައިގެން ހިނގައިގަތެވެ.
ނާވީ ވިސްނަމުން ދިޔައީ ބިންގަރާހަށް ވަދެގެން ރައާބިލްއާ ބައްދަލުކުރާނެ ގޮތަކާ މެދުގަައެވެ. އިތުރު ތަނަކަށް ދާ ޚިޔާލުނުކޮށް އޭނާ ގަނޑުވަރުތެރޭގައި އުޅުނު ސަބަބަކީވެސް އެއީއެވެ. އަނެއްކޮޅުން އޭނާ ހުރީ ރަނީމްގެ ސަލާމަތަށް ދައިސަމް ފޮނުވައިގެންނެވެ.ފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާ ނާވީ ހުއްޓެވެ. އޭނާ ދިޔައީ ވިސްނަމުންނެވެ. ކުއްލިއަކަށް ވާހަކަ ދައްކަމުން އެ ދިމާލަށް އައި ބަތީލާއާއި، ޝައިސްތާގެ އަޑު ނާވީގެ ކަންފަތުގައި ޖެހުނެވެ.
"މަންމާ. އަޅުގަނޑު މިހުންނަނީ ނަމީރާ މެދު ވަރަށް ކަންބޮޑުވެފައިި." ޝައިސްތާ ބުނެލި އަޑު އިވުނެވެ. އެނގޭ ނަމީރުގެ ހާސްކަން ގުޅިފައިވަނީ ރައާބިލް ނޫން ދެވަނަ މީހަކާ ނޫން."
"ރައާބިލް އަދިވެސް ހުރީ ނަމީރު ދެކެ ހިތްހަމަނުޖެހިފައި. ނަމީރުބޭސް ގެންގޮސް ދިނުމުންވެސް ބޭނުމެއް ނުކުރި. ނަމީރުގެ އެއްވެސް އިހުސާންތެރިކަމެއް އޭނާ ބޭނުމެއް ނުވޭ." ބަތީލާވެސް ޝައިސްތާގެ ވާހަކައަށް ޖަވާބު ދިނެވެ. އިވުނު ވާހަކަތަކުން ނާވީއަށް ހައިރާންކަން ލިބުނުއިރު އޭނާގެ ޝަޢުޤުވެރިކަންވެސް ދެގުނަވެގެން ދިޔައެވެ. އެ ދެކެވެމުން ދަނީ ދައިސަމް ބުނި ރައާބިލްގެ ވާހަކަ ހެއްޔެވެ؟ އެހެން ވެއްޖެނަމަ އޭނާއާ ބައްޕައާ އޮތް ގުޅުމަކީ ކޮބައި ހެއްޔެވެ؟.
"ރައާބިލްއަށް އެ ގޮތަށް ވާކަށް އަހަރެންވެސް ބޭނުމެއް ނުވޭ. ކަންތައްވީ ފަހަރެއްގައިވެއް ރަނގަޅަކަށޭ ނުބުނަން. އެކަމަކު އެކަމުގައި ނަމީރަށްވެސް ކޮށްދެވޭނެ އިތުރުކަމެއް ނެތް." ޝައިސްތާ އިތުރުކޮށްލިއެވެ. ހިނދެއް ހިނދަކަށް އެ އަޑު ނާވީއާ ކައިރިވަމުން އައީތީ އޭނާ އެމީހުންނަށް ނުފެންނާނެހެން ދުރަށް ޖެހިލިއެވެ. އެމީހުންގެ ވާހަކަތައް އަޑު އެހުމުގެ ބޭނުމުގައެވެ.
"ފަހުން ދިން ބޭސް ވެސް އޭނަ ބޭނުންކުރިހެނެއް ހިޔެއްނުވޭ. ދުވަހެއް ދުވަހަކަށް ޙާލަތު ދަނީ ދަށަށް." ބަތީލާ މާޔޫސްކަމާއެކު ބުނެލިއެވެ. އެ ވާހަކަތައް އަޑު އަހަން ހުރި ނާވީގެ ހިތުގައި ހައްތަހާ ސުވާލުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. ރައާބިލްއާ ބައްދަލުކުރުމަށްޓަކައި އޭނާގެ ޝަޢުޤުވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އިތުރަށް އެވާހަކަ އަޑު އެހުމުގެ ޝައުޤުވެރިކަމުގައި ކަންފަތް ހުޅުވާލައިގެން ނާވީ ހުރިނަމަވެސް، އޭނާއަށް މާ ބޮޑުކަމެއް އެނގޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ހުރިހާކަމެއްގެ އެންމެ ފުނަށް ފީނަށް ނާވީ އަޒުމު ކަނޑައެޅިއެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ކޮށްގެން ނަމަވެސް ރައާބިލްއާ ބައްދަލުކުރުމަށް ނާވީ ނިންމިއެވެ.
ނާވީ އެތަނުން ދިޔައީ ޝައިސްތާއާއި ބަތީލާއާ ދެމީހުން ދެއްކި ވާހަކަތައް އަޑު އަހަން ހުރުމަށްފަހުއެވެ.
*****
ނަމީރު ގޮސް ބިންގަރާހަށް ވަނުމާއެކު، ފާރަވެރިއަކަށް ހުރި މީހާ ނަމީރަށް އިޙްތިރާމް އަދާކުރިއެވެ. އަދި އޭނާ ނަމީރު އެތެރެއަށް ވަތްކަން ދެންތިބި ފާރަވެރީންނަށް އަންގައިލިއެވެ. ނަމީރު ގޮސް ރައާބިލް އޮތް ގޮޅިކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ ރައާބިލްއަށް ގޮވައިލިއެވެ. ރައާބިލް އެއްޗެއް ނުބުނެއެވެ. އޭނާގެ ހަރަކާތެއްވެސް މިރޭ ނެތެވެ. އެހެންޏާ އިވޭ ކުކުރުމުގެ އަޑުވެސް މިރޭ ނީވެއެވެ. ނަމީރު މަޑުމަޑުން އަނެއްކާވެސް ރައާބިލްއަށް ގޮވައިލިއެވެ.
"ރައާބިލް. އަހަރެން މިއައީ ކަލެއާ ވާހަކަ ދައްކަން." ނަމީރު ބުނެލިއެވެ. އެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. ދެންވެސް ރައާބިލް އެއްޗެއް ނުބުންޏެވެ. ނަމީރު އެތަނުން ފާރަވެރިއަކަށް ގޮވައިލީ ރައާބިލް އޮތް ގޮތުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވުމުންނެވެ. އެއާއެކު އެމީހާ ނަމީރާ ގާތަށް ޖެހިލާފައި ދެންމެވެސް އޭނާ ރައާބިލްގެ ޙާލު ބެލިކަމަށް ބުންޏެވެ. އަދި ރައާބިލްއަށް އޮތީ ނިދިފައިކަމުގައި ބުންޏެވެ. އެއަށްފަހު ބޮޑު ތަޅުދަނޑިފައްޗެއް ހިފައިގެން އައިސް ތަޅު ހުޅުވާލައިފިއެވެ. ނަމީރު އެތެރެއަށް ވަދެލިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ރައާބިލް އޮތީ ހޭލާކަން އެނގުމުން އެއްޗެއް ބުނުމުގެ ކުރިން ސިފައިންގެ މީހާއަށް ނަމީރު ބަލައިލީ އެތަނުން ދާށޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު އެމީހާ ގޮސް އެތަނުން ނުކުމެއްޖެއެވެ.
ލޯ މަރާލައިގެން ރައާބިލް އޮތީ އޭނާގެ ގަައިގައި ވަރު ނެތުުމުންނެވެ. ހަށިގަނޑުވަނީ އެކީ ބަލިކަށިވެފައެވެ. އޭނާއަށް ނަމީރު އެތަނަށް އައިކަންވެސް އެނގެއެވެ. އަޑުވެސް އިވުނެވެ. އެހެންނަމަވެސް ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. ރައާބިލްގެ އަތް ކުޑަކޮށް ހަރަކާތްކޮށްލިތަން ނަމީރަށް ފެނުމާއެކު. އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"ރައާބިލް. އަހަރެން މިއައީ ކަލެއަށް ޚަބަރެއް ހިފައިގެން. އޭނަ....... އޭނަ ދުނިޔޭގައި އެބަ ހުރި." ނަމީރު ބުނެލިއެވެ.
އެއާއެކު ރައާބިލް އެ ޙާލުގައިވެސް އެނބުރިލާ ނަމީރާ ކުރިމަތިލިއެވެ. އޭނާ ތެދުވަން މަސައްކަތްކުރިއެވެ. ނަމީރު ކުރިއަށް ޖެހިލުމަށްފަހު، ރައާބިލްއަށް އެހީތެރިވާން އޭނާގެ އަތް ދިއްކޮށްލި ނަމަވެސް ރައާބިލް އެ އަތަކު ނުހިފިއެވެ. އޭނާ ނަމީރަށް ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން އެ ދިޔައީ އެތަކެއް ދުވަސްތަކެއްގެ ފަހުންނެވެ. އެއާއެކު ނަމީރަށް އިސްޖަހައިލެވުނެވެ. ރައާބިލް ވެސް ނަމީރަށް ވަމުން ދިޔަ ގޮތް ދިރާސާކުރިއެވެ. ހިތި ހިނިތުންވުމެއްގެ އަސަރު ރައާބިލްގެ ތުންފަތް މަތީން ފާޅުވެގެން ދިޔުމާއެކު، ދެން ފެނިގެން ދިޔައީ އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެން ދިޔަ މަންޒަރެވެ. އިށީނދެގެން އިންނާނެ ހިތްވަރު ނެތުމުން އޭނާ ގޮސް ފާރުގައި ލެނގިލިއެވެ.
ރައާބިލްގެ ޙާލު ފެނުމުން ނަމީރު ޙަމްދަރުދީ ވިއެވެ. އޭނާ މާފަށް އެދެންވެގެން ހުޅުވައިލި އަނގަ ލައްޕައިލީ ރައާބިލްގެ ރުއިމުގެ އަޑާ އެކުގައެވެ. ނަމީރު ރައާބިލްއަށް ބަލައިލިވެ. އޭރު ރައާބިލް އޭނާގެ އިޙްސާސްތައް ހިންދާލަން މަސައްކަތްކުރަމުން ދިޔައެވެ. ރައާބިލްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބުނެދެމުން ދިޔައީ އޭނާއަށް ކެތްކުރަން ދަތިވޭނެއް ލިބެމުންދާކަމެވެ. އެތަކެއް ދުވަހަކަށްފަހު އެހިތަށް ހަމަޖެހުން ގެނެސްދިން ޚަބަރަކަށް އެ ޚަބަރުވެގެން ހިނގައްޖެއެވެ. މި ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި އޭނާގެ ހިތަށް ހަމަޖެހުމެއް ގެނެސްދިން ހަމައެކަނި ޚަބަރަކީ އެއީއެވެ. މި ތޭރިތަކުގެ ތެރޭގައި ޤައިދުގައި އޭނާ ހޭދަކުރި ގިލަންވެރި ދިރިއުޅުމަކީ އެކަކަށްވެސް އިޙްސާސްކުރެވޭނެ ކަމެއް ނޫނެވެ. ގައިގައި އެޅި ވޭނާ ތަޙައްމަލްކުރި ހިތްދަތިކަން އެކަކަށްވެސް ވަޒަންކޮށެއް ނުލެވޭނެއެވެ.
"އޭނަ ދުނިޔޭގައި އެބަހުރި...." އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ރައާބިލްއަށް ބުނެވުނެވެ.
"ދެން… ދެން ކޮބާ އަހަރެންގެ ދަރި.. ދަރިފުޅު." އޭނާ ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން ނަމީރަށް ބަލައިލިއެވެ.
"އެ ދަރިފުޅު… އެ ދަރިފުޅު ދުނިޔެއަކު ނެތް… މަރު… މަރުވެއްޖެ."
(ނުނިމޭ)