ސިފައިންގެ ފުލެޓުތައް އެޅުމަށް ފަހުން ހަވާލުކުރި ކުންފުނި، ނޫމަޑިން އެ މަސައްކަތް ލަސްކުރީ ސިފައިންގެ ކޯޕަރޭޝަން (ސިފްކޯ)އިން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނުވަތަ ދިނުން ލަސްވެގެން ކަމަށް ބެލެވެން ނެތް ކަމަށާއި ބަންޑާރަ ކޮށީގައި ތިބި ސިފައިންނަށް ކޭޓަރިންގެ ޚިދުމަތް ދިނުމުގައި ވެސް މައްސަލަތަކެއް ހުރިކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީގައި ވަނީ، ސިފްކޯއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓު ހިއްސާކޮށްފައެވެ. އެގޮތުން، ސިފްކޯއިން އިމާރާތްކުރި ފުލެޓުތަކާ ގުޅޭގޮތުން ފާހަގަވި ކަންކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ސިފައިންނާއި، ފުލުހުންނަށް ޚާއްސަ ހައުސިން މަޝްރޫއެއް ހިންގުމަށް ނިންމައި އެ ފްލެޓުތައް އިމާރާތް ކުރަން ފެށީ 2013ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެންނެވެ.

މިއަދުގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ތެރެއިން: އެ ކޮމިޓީގައި ވަނީ ސިފްކޯއާ ގުޅިގެން އެކުވާލި ރިޕޯޓުގެ ތަފުސީލުތައް ހާމަކޮށްފައި ---- ފޮޓޯ/ މަޖިލިސް
ރިޕޯޓުގައިވާ ގޮތުން، ލަސްވެގެން މާރިޗު 28، 2014ގައި އެ ފުލެޓުތަކުގެ މަސައްކަތް ފަށަން ޖެހެއެވެ. އެފުލެޓުތައް އަޅާ ސައިޓަށް ނޫމަޑިން މެޝިނަރީތަކާއި ތަކެތި ވައްދާފައި ވަނީ، އެއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކަމަށްވާއިރު، ފުރަތަމަ ބްލޮކްގެ ކޮންޓްރީކްޓް މަސައްކަތް ނޫމަޑިން ފެށީ 13 މަސް ފަހުން މެއި 23، 2015ގައި ކަމަށް ރިޕޯޓުގައިވެއެވެ.
ޑައުންޕޭމަންޓެއްގެ ގޮތުގައި، ސިފްކޯއިން ނޫމަޑިއަށް 191.4 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، އޭގެތެރެއިން 125.93 މިލިއަން ރުފިޔާ ނޮވެންބަރު 16، 2015ގެ ނިޔަލަށް ހަވާލުކޮށްފައިވެއެވެ.
އޭގެއިތުރަށް، ރިޕޯޓުގައި ފާހަގަކުރީ، ފުލެޓުތަކުގެ މަސައްކަތް ސައިޓުގައި ފެށުމާ ހަމައަށް 89.5މިލިއަން ރުފިޔާ ސިފްކޯއިން ނޫމަޑިއާ ހަވާލުކުރި ކަމަށެވެ.

ސިފްކޯ ހިޔާ ފްލެޓުތަކުގެ މޮކްއަޕް ކޮޓަރިއެއް: އެ ފުލެޓުތަކާ ގުޅޭ މައްސަލަތަކެއް ވަނީ އޮޑިޓުގައި ވަނީ ފާޙަގަކޮށްފައި -- ފޮޓޯ/ އެމްއެންޑީއެފް
ސިފްކޯއާއި ނޫމަޑިއާ ދެމެދު އެކުލަވާލާފަިއވާ އެއްބަސްވުމުގެ ދަށުން ތާވަލާ އެއްގޮތަށް ނޫމަޑިން މަސައްކަތް ކޮށްފައިނުވާކަން އޮޑިޓުގައި ފާހަގަކުރިއެވެ.
ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތް ސައިޓުގައި ފެށުމާ ހަމައަށް ސިފްކޯއިން 89.5 މިލިއަން ރުފިޔާ ނޫމަޑިއާ ހަވާލުކޮށްފައިވާތީ ނޫމަޑިން މަސައްކަތް ފަށަން ޖެހޭ މުއްދަތުގެ ތެރޭގައި މަސައްކަތް ފަށާފައިނުވަނީ އަދި މަސައްކަތުގެ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވަނީ ސިފްކޯއިން ނޫމަޑިއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނުވަތަ ފައިސާ ދެއްކުން ލަސްވެގެން ކަމަށް ބެލެވެން ނެތް ކަމަށް ފާހަގަކޮށްފައިވޭއޮޑިޓު ރިޕޯޓު
ފުލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް 2016ވަނަ އަހަރު އެ އެއްބަސްވުން އުވާލައި، ނޫމަޑިން 92.5 މިލިއަން ރުފިޔާ ސިފްކޯއަށް ދައްކަން ނިންމިއެވެ. އެގޮތުން، އެ ފައިސާ ދައްކަން ސެޕްޓެމްބަރު 30، 2016އިން ފެށިގެން މާރިޗު 31، 2017އާ ހަމައަށް ދައްކަން ނޫމަޑިއަށް ފުރުސަތު ދިނެވެ.
އެ ފައިސާ ދެެއްކުމުގެ ގޮތުން، ނޫމަޑިން ވަނީ ތިން ޑޭޓެޑް ޗެކެއް ސިފްކޯއަށް ފޮނުވާފައެވެ. ހަމައެހެންމެ، އޮގަސްޓު 2019ގައި ހެދި ސެލްޓްމަންޓު އެގްރީމަންޓެއްގެ ދަށުން ނޫމަޑިން ސިފްކޯއަށް ދައްކަޖެހޭ ފައިސާ ވަނީ އުނިކޮށްފައެވެ. އެހެންވެ، ފިނޭންސް މިނިސްޓްރީން 2021ގައި އަންގާފައި ވަނީ، ނޫމަޑިން ސިފްކޯއަށް ދައްކަން ޖެހޭ އިތުރު ފައިސާއެއް ނެތް ކަމަށެވެ.

ސިފައިންތަކެއް: ބަންޑާރަ ކޮށީގައި ތިބި ސިފައިންނަށް ސިފްކޯއިން ކޭޓަރިން ޚިދުމަތްތައް ދިނުމުގައި ވެސް މައްސަލަތަކެއް ހުރި ކަަމަށް އޮޑިޓު ރިޕޯޓުގައިވޭ -- ސަން ފޮޓޯ/ މާނިއު މުޙައްމަދު
ފަހުން، ސިފައިންގެ ފްލެޓުތައް ނިންމާފައިވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
ދެވަނަ މައްސަލައެއްގެ ގޮތުން، އޮޑިޓުގައި ފާހަގަކުރީ ބަންޑާރަ ކޮށީގައި ތިބޭ ސިފައިންނަށް ކައްކާ ކެއުން ހަމަޖެއްސުމުގެ މަސައްކަތާ ގުޅޭ ގޮތުންނެވެ.
އެމަސައްކަތް ސިފްކޯއާ ހަވާލުކޮށްފައި ވަނީ، ސެޕްޓެމްބަރު 2013ގައެވެ. އޮޑިޓުގައި ވާގޮތުން، އެއްބަސްވުމުގެ ދަށުން ތަރުކާރީއާއި މޭވާއާއި ކަނޑުމަހާއި ކާޑުގެ ބާވަތްތައް ގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ތަކެތި ގަތުމަށް ޕެޓީ ކޭޝްއާ ހަވާލުވެ ހުންނަ އެމްއެންޑީއެފްގެ މުވައްޒަފަކާ ހަވާލުކޮށްގެނެވެ.
ސެޕްޓެމްބަރު 30، 2013އިން ޖޫން 22، 2015ގެ ނިޔަލަށް 18.5 މިލިއަން ރުފިޔާ ޕެޓީ ކޭޝްގެ ގޮތުގައި އެމަސައްކަތަށް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ބާޒާރުން ތަކެތި ހޯދުމާ ހަވާލުވާ މުވައްޒަފު، ތަކެތި ހޯދަނީ ލިބެން ހުންނަ ރަނގަޅު އަގުތަކެއްގައިކަން ބެލުމަށް އަމަލުކުރަން ޖެހޭ ގައިޑްލައިނެއް ބޭނުން ކުރަމުން ނުދާ މައްސަލައިގައި ތަރުކާރީއާ މޭވާ އަދި މަހުގެ ބާވަތްތަކަކީ، އޭގެ އަގުތަކަށް ބަދަލުތައް އަންނަ އެއްޗެހި ކަމަށާއި އެފަދަ ތަކެތި އާންމުކޮށް ކްރެޑިޓަށް ދޫނުކުރާ ކަމަށާއި ކްރެޑިޓަށް ދޫކުރަނީ ކޭޝް ޕްރައިޒަށް ވުރެ އަގު ބޮޑުކޮށް ކަމަށްވާތީއޮޑިޓު ރިޕޯޓު
އެ މައްސަލައާ ގުޅިގެން ސިފްކޯއާ ހަވާލާދީ ރިޕޯޓުގައި ވަނީ، މޭވާއާއި ތަރުކާރީ މިހާރު ބޭރުން ގެނެސްގެން ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި، ޕެޓީ ކޭޝްއިން ކެއުމަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސަނީ ސިފްކޯއިން އާންމު އުސޫލުން ކަމަށް ރިޕޯޓުގައިވެއެވެ.