ރަށްރަށަށް ދަތުރުތައް ކުރަން ބޭނުންފުޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ވާހަކަތައް އަޑުއަހައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ފުޅަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، އެރަށުގެ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ މަސައްކަތެއްގެ ތައްޔާރީތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެމަނިކުފާނު ވަނީ، ރަށްރަށަށް ދަތުރުތައް ކުރައްވާ ސަބަބު ވެސް ހާމަކުރައްވާފައެވެ.

ރައީސް ފުޅަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: އެމަނިކުފާނު ވަަނީ އެރަށަށް އިންނަފުށި ހަވާލުކުރަން ނިންމާފައިވާކަން ހާމަކުރައްވާފައި ---- ފޮޓޯ/ ރައީސް އޮފީސް،
މި ދަތުރު އަޅުގަނޑު އެންމެ ބޮޑަށް ކުރަން ބޭނުންވި އެއް ސަބަބަކީ ވެސް މިކަމުގެ [ތަރައްގީގެ މަޝްރޫއުތަކުގެ] ޔަގީންދީ ތިބޭފުޅުންނަށް [ރައްޔިތުންނަށް] އެކަމުގެ މައުލޫމާތު ހިއްސާކުރަން. ތިބޭފުޅުން ގާތަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް ތިބޭފުޅުންނަށް ވިދާޅުވުމުގެ ފުރުސަތުދީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިޔުންރައީސް ޑރ. މުޙައްމަދު މުއިއްޒު
މިހާރު ފުޅަދޫއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުވާލައްވައި، އެންމެ މުހިންމުކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލައެވެ. އެގޮތުން، މި މަހުގެ ތެރޭގައި އެ މަސައްކަތް ފަށައި، ބާރު ދުވެލީގައި އެމަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ވެސް ފުޅަދޫގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެންނަ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރިކަމަށެވެ.
އެހެންވެ، އެކަން ހައްލުކުރުމަށް ސަރުކާރުން އިސްކަން ދޭންޖެހޭ ކަމަށާއި އެ މުވައްޒަފުން ތިބޭނެ އެކޮމަޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މިމަޝްރޫއި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރު ދާއިރާތަކުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރަށްރަށަށް ދަތުރުތައް ކުރައްވާ ސަބަބު ރައީސް ހާމަކުރެއްވިއިރު، ސަރުކާރަށް އެއް އަހަރާއި އަށް މަސްދުވަސްވީއިރު، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެ މަނިކުފާނު ވަނީ ބައްދަލުކުރައްވައިފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 15ގައި ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.
ދައުރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.