ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަލީ ސީޒަން ޑައިރެކްޓުކޮށް ބިރުވެރި ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
ދާދިފަހުން ސީޒަން އިއުލާނުކޮށްފައިވާ ބިރުވެރި ފިލްމަށް ކިޔާނީ "ޕަރީ" އެވެ. ފިލްމުގެ ޓައިޓަލް އިއުލާނު ކުރުމަށް ބޭއްވި އިވެންޓުން އެނގޭ ގޮތުގައި މިއީ ސިލްސިލާ ފިލްމު ސީރީޒް އަކަށް ވެގެންދާނެ ފިލްމެކެވެ. އެއީ މި ފިލްމުގެ ޓައިޓަލްގައި "ޗެޕްޓާ 1" ފާހަގަކޮށްފައިވާތީއެވެ.
ޕަރީގެ ޓައިޓަލް އިއުލާނު ކުރުމަށް ބޭއްވި އިވެންޓުގައި މާ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. ހާމަކޮށްފައިވާ މައިގަނޑު މައުލޫމާތަކީ މި ފިލްމަކީ ބިރުވެރި ފިލްމަކަށް ވާނެ ކަމެވެ.
ލޯންޗު އިވެންޓުން އެނގިގެން ދިޔަ ގޮތުގައި މި ފިލްމުގެ ޓީމުގައި އައިޝަތު ރިޝްމީ އާއި ޝީލާ ނަޖީބު ހިމެނުން އެކަށީގެންވެއެވެ.
މި ފިލްމު ރިލީޒްކުރާ ތާރީހެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ސީޒަން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެއް ނޫވެއެވެ. މިއަހަރުގެ ކުރީކޮޅުގައިވެސް އޭނާ ވަނީ ފިލްމެއް ޑައިރެކްޓުކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ހުއްޓިފައި އޮތް "ކޮސް ގިނަ މިސްޓޭކު"ގެ ޑައިރެކްޝަންގެ މަސައްކަތާ ހަވާލުވެ އެ މަސައްކަތް ކުރީ އޭނާ މިއަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މި ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
މިއީ ސީޒަން ޑައިރެކްޓު ކުރާ ފުރަތަމަ ބިރުވެރި ފިލްމެއް ވެސް ނޫނެވެ. އެގޮތުން 2023 ވަނަ އަހަރުގައި އޭނާ ވަނީ "ކައުޝީ"ގެ ނަމުގައި ބިރުވެރި ފިލްމެއް އުފައްދާފައެވެ. ސްރީ ލަންކާގައި ތައްޔާރުކުރި މި ފިލްމަކީ ލަންކާގެ ކާސްޓެއް ހިމަނައިގެން އުފެއްދި ފިލްމެކެވެ.