'ޕްރިންސް'އަކީ އަމީރާއެއްގެ ދަރިކަލުން، ސައުދީއާ އެކު އޮތް ގުޅުމަށް އަސަރެއްނުކުރޭ: ޚަލީލް

ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވުން: އެ ލިޔުން ވަނީ ރައީސް އޮފީހުގެ ވެބްސައިޓުން 'ގެއްލިފައި' -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށާއި އޭނާ ވަޑައިގަތީ ފައިނޭންޝަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ ސުވާލަށް ޚަލީލް ޖަވާބުދެއްވުމެވެ. މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އޭނާ ތިން ސުވާލެއް ކުރުމަށް ފޮނުއްވިއެވެ. އެއީ:

  • ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
  • އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟
  • އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟

ރައީސް މުއިއްޒާއި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މިދިޔަ މޭ މަހުގެ ފަސްވަނަ ދުވަހެވެ. ނަމަވެސް، އެ ބައްދަލުވުމާ ބެހޭގޮތުން ރައީސް އޮފީހުގައި ޝާއިއުކުރި ޚަބަރު ގެއްލިފައިވާކަން މީޑިއާތަކުގެ ސަމާލުކަމަށް އެ މަހުގެ 30ގައެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ އެޖެންޑާކޮށްފައި އޮތީ މީކާއީލްގެ ސުވާލަށް ޚަލީލް ދެއްވާ ޖަވާބެވެ.

"ފަހަދް އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް އެ ބޭފުޅަކީ، ރާއްޖެއަށް އޭރު ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި އަމިއްލަ ބައެއް މަސައްކަތްޕުޅުތައް ކުރެއްވުމަށްޓަކައި ވަޑައިގެންފައިވަނީ،" ޚަލީލް ވިދާޅުވިއެވެ.

https://sun.mv/208565

ޚަލީލް ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށާއި އެ މަސައްކަތުގައި ޝާމިލުވާ މީހުންގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. އޭނާ ވިދާޅުވި ގޮތުގައި ނުރަސްމީކޮށް ވިޔަސް ރަސްމީކޮށް ވިޔަސް ބޭފުޅަކު ވަޑައިގަންނަވާއިރު ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގައި ބައިވެރިކުރާނެ ބޭފުޅުން އިޚުތިޔާރުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިކަމުގެ ސަބަބުން ރާއްޖެއާއި ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ދެ ގައުމުގެ ގުޅުމަކީ އެއަށްވުރެ މާ ގާތް އަޚުވަންތަ ގުޅުމެއް ކަމަށް ޚަލީލް ވިދާޅުވިއެވެ. އެއާއެކު، މި ފަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް މިސާލަކަށް ނަންގަވައި ޚަލީލް ވިދާޅުވީ، ސައޫދީން ރާއްޖޭގެ ތަރައްގީގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

"ސައޫދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިރާދަކުރެއްވިއްޔާ މިއަދު ވެސް އޮތީ ވަރުގަދަކޮށް، މާދަމާ ދާނީ އެއަށް ވުރެ ގަދަކޮށް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/206700

އޭރު އެ ޚަބަރު އާންމުކުރުމާ އެކު ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެއީ 'ސްކޭމަރެއް' ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

'ސަން'އިން ބެލިބެލުމުން އެނގުނު ގޮތުގައި ފަހަދްގެ މުނިމާމައަކީ މައިފުށުގެ ގޮތުން ސައުދީގެ ފުރަތަމަ ރަސްގެފާނު އާލްސުއޫދުގެ ބޭކަނބަލެކެވެ. އެހެންވެ، އޭނާއަކީ ރަސްގެފާނު އާލްސުއޫދުގެ މުނިކާފަ ދަރިކަލެކެވެ.

އެކަމަކު، 'ޕްރިންސް'ގެ ލަގަބު ސައުދީގައި ލިބެނީ ފިރިހެން ދަރިފަސްކޮޅަށެވެ.

އެހެންވެ، ފަހަދަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވި ނަމަވެސް 'ޕްރިންސް'އެއް ނޫނެވެ. އަދި، ވެރިކަން ކުރާ ފިރިހެން ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ސައުދީގެ ވެރިކަމުގައި ރަސްމީ ހައިސިއްޔަތެއް ވެސް އޮތް ބޭފުޅެއް ނޫނެވެ.

އެ ގައުމުގެ ޝާހީ އާއިލާގައި 25،000 އެއްހައި މެންބަރުން ތިބެއެވެ.

comment ކޮމެންޓް