ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލާޝިޕް ދިނުން އަލުން ފަށާނެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ސްކޯލާޝިޕްތައް ހަވާލުކުރުމުގެ ހަފުލާ މި މަހު 16ވާ ހޮނިހިރު ދުވަހު ބާއްވާނެއެވެ.
މި ކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، މިއީ ތާރީޚީ ގޮތުން ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
"މި ފަހަރު ސްކޮލާޝިޕް ދެވެނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް. މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރު،" ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ފަންޑުގެ ދަށުން 50 ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ސްކޮލާޝިޕްތަކުގެ ސަބަބުން އިސްލާމީ އިލްމުތައް އުނގެނުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާނެއެވެ.
ޒަކާތު ސްކޮލާޝިޕްގެ އެހީއަކީ ދިވެހި އުންމަތް ހަރުދަނާކުރުމަށް އެ ދާއިރާއަކުން މީހުން ތައްޔާރުކުރަން ކޮންމެހެން ލާޒިމުވާ، ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން ދެވޭ އެހީއެކެވެ.
ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން 3 ބަޔަކަށް އެހީތެރިކަށް ފޯރުކޮށްދެއެވެ. އެއީ، މަތީ ތައުލީމު ހާސިލުކުރަން ދޭ ސްކޮލާޝިޕާއި މަތީ ތައުލީމު ހާސިލުކުރަން ދޭ ޚާއްސަ ސްކޮލާޝިޕްގެ އިތުރުން މަތީ ތައުލީމު ފުރިހަމަކުރުމަށްދޭ އެހީއެވެ.