ގަވާއިދާ ޚިލާފަށް ހައްޖުވާން ބަޔަކަށް އެހީވިކަމުގެ ތުހުމަތުގައި ސައުދީ އަރަބިއާގެ ސަރުކާރުގެ 30 އޮފިޝަލަކު ހައްޔަރުކޮށްފިއެވެ.
ސައުދީ އަރަބިއާގެ އެންޓި ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ)އިން ބުނީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން 30 މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަޒާހާގެ މުވައްޒަފަކާއި، އިންޓީރިއާ މިނިސްޓްރީގެ 26 މުވައްޒަފުން ހިމެނެއެވެ.
ބާކީ މުވައްޒަފުންގެ ތެރެއިން ދެ މީހަކު މަސައްކަތްކުރަނީ ޑިފެންސް މިނިސްޓްރީގައި ކަމަށްވާއިރު 30 ވަނަ މީހާ މަސައްކަތްކުރަނީ އިސްލާމިކް މިނިސްޓްރީގައި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެ އެންމެންގެ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު، ތުހުމަތު ކުރެވޭ މައްސަލަ ފުޅާވެފައިވާ މިންވަރާއި އެކަމާ އިތުރު އެއްވެސް ނެޓްވޯކަކާ ގުޅުންހުރިތޯ ވެސް ތަހުގީގުކުރާ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.
އޮފިޝަލުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ޚިލާފަށް ހައްޖުވުމުގެ ހުއްދަ ދިނުމަށް އެ މުވައްޒަފުން މަގާމުގެ ބޭނުން ކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ ކަންކަން ފާހަގަވެފައިވާ ކަމަށެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ޓްރެވަލް ރެކޯޑްތަކާއި ޗެކްޕޮއިންޓް ލޮގްތަކާއި ތުހުމަތު ކުރެވޭ މުވައްޒަފުންނާ ގުޅިފައިވާ މުއާމަލާތްތައް ބަލަމުންނެވެ. ތަހުގީގު ކުރިއަށްދާއިރު، ކަމާބެހޭ އިދާރާތަކުން ނަޒާހާއަށް އެއްބާރުލުން ދެމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އެ 30 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސައުދީ ގެޒެޓުގައި ރިޕޯޓުކޮށްފައިވާއިރު، ހައްޖުގެ ގަވާއިދުތަކާ ޚިލާފުވުމުގެ ކުށް ސާބިތުވެއްޖެނަމަ، ނުވަތަ ރަސްމީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެއްޖެނަމަ، ގާނޫނާ އެއްގޮތަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ނަޒާހާއިން ބުނެއެވެ.