ޖަލުގައި ބަންދުކޮށްފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯއޯލްގެ އަނބިކަނބަލުން ވެސް ހައްޔަރުކޮށްފިއެވެ.
ޔޫން އަނބިކަނބަލުން ކިމް ކިއޯން ހީ ހައްޔަރު ކުރީ ސްޓޮކް އޮޅުވާލުމާއި ރިޝްވަތު ހިފި ކަމަށް ކޮށްފައިވާ ދައުވާތަކަށް ގުޅިގެންނެވެ. ނަމަވެސް ކިމް ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.
ނަމަވެސް ކޯޓުން ބަންދުގެ އަމުރު ނެރުނީ ހެކި ނައްތާލަފާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބުނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ބުނީ އުމުރުން 52 އަހަރުގެ ކިމް އަށް ދެކުނު ކޮރެއާގެ ބީއެމްޑަބްލިއު ޑީލަރެއް ކަމަށްވާ ޑޮއިޗް މޯޓާސްއާ ގުޅުން ހުރި ސްޓޮކްތަކުގެ އަގު އޮޅުވާލުމުގެ ސްކީމެއްގައި ބައިވެރިވެގެން 800 މިލިއަން ވޮން (577،940 ޑޮލަރު؛ 428،000 ޕައުންޑް) އަށްވުރެ ބޮޑު އަދަދެއް ހޯދާފައެވެ.
މިއީ ފިރިކަލުން ޔޫން ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ހިނގި ކަމެއް ނަމަވެސް، ވެރިކަމަށް އެކަމުގެ ހިޔަނި އެޅުނު ކަމަށް ތުހުމަތުގައިވެއެވެ.
އަދި ޔުނިފިކޭޝަން ޗާޗުން ރިޝްވަތުގެ ގޮތުގައި ދެ ޝެނެލް އަތްދަބަހާއި ޖަވާހިރުގެ ދެ ފަށް ލިބުނު ކަމުގެ ތުހުމަތު ވެސް ކިމްގެ މައްޗަށް ކޮށްފައިވެއެވެ.
އެހެން ދައުވާތަކުގެ ތެރޭގައި 2022 ވަނަ އަހަރު ބޭއްވި މަޖިލިސް ބައި އިލެކްޝަނާއި މިދިޔަ އަހަރު ބޭއްވި އާންމު އިންތިހާބުގައި ކެންޑިޑޭޓުން ހޮވުމުގައި ނުފޫޒު ފޯރުވިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި ބައިވެރިވި އިރު ކިމް ފެނިގެން ދިޔައީ ވަރަށް މާޔޫސްވެފައި ހުއްޓައެވެ.
"އަޅުގަނޑަކީ މާ މުހިންމު މީހެއް ނޫނަސް އަޅުގަނޑުގެ ސަބަބުން ކުރިމަތިވި އުނދަގޫތަކަށް ޓަކައި އިހުލާސްތެރިކަމާ އެކު މާފަށް އެދެން." ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ދެކުނު ކޮރެއާއަކީ ކުރީގެ ރައީސުންގެ މައްޗަށް ދައުވާކޮށް ޖަލަށްލުމުގެ ތާރީހެއް އޮންނަ ގައުމެއް ނަމަވެސް މިއީ އެ ގައުމުގެ ތާރީހުގައި ވެސް ކުރީގެ ރައީސަކާއި އަނބިކަނބަލުން އެއްފަހަރާ ޖަލުގައި ބަންދުކުރި ފުރަތަމަ ފަހަރެވެ.
ކިމްގެ ފިރިކަލުން ޔޫން ޖަލުގައި ބަންދުކޮށްފައި ވަނީ މިދިޔަ އަހަރު ގާނޫނުއަސާސީ ސަސްޕެންޑްކޮށް އަސްކަރީ ގާނޫނު ހިންގަން ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ، ސިޔާސީ ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި، މަގާމުން ދުރުކުރުމަށް ފަހުގައެވެ.