އިދިކޮޅުގައި ތިއްބެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން، އެ އިބާރާތް ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވާ މަންޒަރު ސޯޝަލް މީޑިއާއިން ފެނިވަޑައިނުގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، "އިންޑިއާ އައުޓް" ކެމްޕެއިންގައި އެ އިބާރާތުގެ ޓީޝާޓެއް ތުރުކުރައްވައިގެން ވަޒީރު ހުންނެވިންތޯ، އަދި އިންޑިއާއާ އެކީ ޚާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރިތޯ ސުވާލުކުރައްވައިފައެވެ.
"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިފައި އޮވެދާނެ. އަޅުގަނޑު އެ ކަމާ ފަޚުރުވެރިވަން،" ޚަލީލް ވިދާޅުވިއެވެ.
އަދި، އިންޑިއާގެ އިތުރުން އަވައްޓެރި ޤައުމުތަކާއި ރާއްޖެއަށް އެހީތެރިވެދޭ ޤައުމުތަކާއި އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަރުގަދަ ވާންޖެހޭނެ ކަމުގައި ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭރު އިދިކޮޅުގައި ޚަލީލް ހުންނެވިއިރު ހިންގި "އިންޑިއާ އައުޓް" ހަރަކާތަކީ ގޯހެއް ކަމަށް ގަބޫލުކުރައްވަންތޯ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ސުވާލުކުރެއްވުމުން ވިދާޅުވީ، އެމްޑީޕީން މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ބޯއިކޮޓްކުރުމަށް ހިތްވަރުދީ މަަސައްކަތްކޮށްފައި އެބަހުރި ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް'ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ކެމްޕޭނެއް ކުރުމަށް ފަހުގައެވެ. އޭރު އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރިމަތީގައި ބޮޑުކޮށް 'އިންޑިއާ އައުޓް' ޖަހާފައިވާ ޓީޝާޓް މި ސަރުކާރުގެ ގިނަ ވެރިން ތުރުކުރެއްވިއެވެ. ރައީސް މުއިއްޒު ވެސް އެ ޓީޝާޓް ތުރުކުރެއްވިއެވެ.
އިންޑިއާގެ ނޫހަކަށް މީގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސް ނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއް ކަމަށެވެ. އަދި، މިހާރު އެ މަނިކުފާނަކީ ވެރިކަން ކުރާ ޕީއެންސީން މުޅި ދުރުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ އޭރު ވިދާޅުވީ، މި ސަރުކާރުން އިންޑިއާއާ ދެކޮޅު އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް، ވިސްނަންވީ ކަމަކީ، ސަރުކާރުގައި ވެސް، ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ މީހުން އުޅޭނެކަން ކަމަށާއި އެ ފަދަ މީހުން ޖަޒުބާތުގައި ދައްކާ ވަހަކައަކީ ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ޚަލީލް ވިދާޅުވިއެވެ.
އަދި، ކޮންމެ ގައުމަކާއެކު ވެސް، އަދި ޚާއްސަކޮށް އިންޑިއާއާ އެކު ރާއްޖެއިން ބާއްވާ ގުޅުމުގައި، ރާއްޖެއިން ބޭނުންވާ ކަންކަން ވަރަށް ހާމަކަން ބޮޑުކޮށް ބުނެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއްކަމަށް ޚަލީލް ވިދާޅުވިއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން އެ ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ. އަދި، ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އޭރު ކުރެއްވިއެވެ.
މި ސަރުކާރު އައި ފަހުން ވެސް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވިއެވެ. އެކަމަކު، އެ ފަހުން ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ގޮތުން، މިދިޔަ 60 ވަނަ މިނިވަންދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ރާއްޖެ ވަޑައިގެންފައިވެސް ވެއެވެ.