ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވި މި ބިލު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ދިރާސާކުރަން ރިޔާސަތުން ފޮނުވީ އިޖުތިމާއީ ކޮމިޓީއަށެވެ.
އެ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ.
މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ބަލައިގަންނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކާއި ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފުސީލު ވެސް ހިމަނައިފައިވެއެވެ.
ބިލު ގާނޫނަކަށްވާތާ ދެ މަހުގެ ތެރޭ ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ބިލުގައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުންނެވެ.
ހަމަ އެއާއެކު، ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ އިދާރީ އެންމެހާ ކަންކަން ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި ޒަކާތް ލުއިފަސޭހަކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ އިދާރާއެއް އުފެދިގެން ދާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އެ ތަން ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލަކު ކަމަށް ބިލުގައިވެއެވެ.
މި ބިލުގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި:
- ޒަކާތް ދެއްކުން ނޫން ލާޒިމް މީހެއްގެ އަތުން ނެގުން
- ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ނެގުން
- ޒަކާތު ފައިސާ ހައްގު ނޫން ގޮތުގައި ބެހުމާއި އިންވެސްޓުކުރުން
އޭގެ ތެރެއިން ކުށެއް ކޮށްފި ނަމަ 1،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ.މ
މި ބިލު ފާސްވެ ގާނޫނަކަށްވާ ހިސާބުން، އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް، ބިލުގައި ބަޔާންކޮށްފައިވެއެވެ.