ލައްކަ ވާހަކަ އާއި ވައުދު އަޑުއެހީމެވެ. ބައެއް ފަހަރު ރަށްރަށް ދުބާއީއަށް ހަދާލާ މަންޒަރު ސިފަކޮށްދިނެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގިނަ ބޭފުޅުން ކާމިޔާބު ކުރެއްވީ އެފަދަ ހުވަފެންތައް ދައްކައިގެންނެވެ. ދައުރު ހަމަ ވަނީއެވެ. އަންނަ އަހަރު އަނެއްކާ އަނެއް ކައުންސިލް އިންތިޚާބު އޮތްއިރު މި ދައުރަށްވީ ވައުދާއި ދެއްކި މަންޒަރުގައި ރަނގަޅަށް ކުލައެއް ނުޖެހެއެވެ.
ބާރުތައް އެއްކުރައްވައިގެން ދިގު ވެރިކަމެއް ކުރެއްވި, ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ރަށްރަށާއި އަތޮޅުތައް ހިންގެވީ މުޅިންހެން ކަތީބުން ބޭނުން ކުރައްވައިގެންނެވެ. އެއީ ސަރުކާރުން ރުހޭ, އަދި ސަރުކާރުން ބުނާހާ ގޮތަކަށް ކަންކަން ކުރެއްވި ކަތީބުންނާއި އަތޮޅުވެރިންގެ ނިޒާމެވެ. އަތޮޅާއި ރަށްރަށުގައި އެ ބޭފުޅުން ވަރަށް ވެސް ބާރުގަދައެވެ. އޭގެ ތެރޭގައި ވަރަށް އިހުލާސްތެރި, އަދި ވަރަށް ޚިދުމަތްތެރި ބޭފުޅުން ގިނައެވެ. ހަމައެހެންމެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި އަމިއްލަ ފައިދާ އާއި އާއިލީ މަސްލަހަތު އިސްކުރެއްވި އަތޮޅު ވެރިންނާއި ކަތީބުންތަކެއް ވެސް އުޅުއްވިއެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި, ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގަން ނިންމައި އެ ގާނޫނަށް 2010 ވަނަ އަހަރު އަމަލު ކުރަން ފެށީ ފޮނި އުންމީދުތަކެއްގައެވެ. އެއީ ރައްޔިތުންގެ ކަންކަން ނިންމައި އަތޮޅާއި ރަށްރަށުގައި ވެރިކަން ކުރާ ވެރިންނަކީ ސީދާ ރައްޔިތުން އިންތިޚާބު ކުރާ ބަޔަކަށް ހެދުމަށްޓަކައެވެ.
ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓްލުން ކުރިއައް ދިޔައިރު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ އުސޫލަށް ރާއްޖެ ހިންގާތާ 15 އަހަރު ފުރުނުއިރު މިއީ، ނިޒާމެއް ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އެކަށީގެންވާ މުއްދަތެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެތައް ހާސް ކައުންސިލަރުންނެއް އިންތިޚާބުކޮށް އެ ބޭފުޅުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ހަރަދު ކޮށްފިއެވެ. ތިން ފަހަރެއްގެ މަތިން ކައުންސިލަރުންގެ އަދަދަށް ބަދަލު ގެނައިއިރު އެ ކައުންސިލަރުންގެ މުސާރައަށާއި އިނާޔަތްތަކުގެ އިތުރުން ދީފައިވާ ބާރުތަކަށް ވެސް އެކި ދުވަސްތަކުގެ މަތިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސުވާލަކީ ނަތީޖާ ކިހިނެއްތޯއެވެ؟
ނަތީޖާ ނުނިކުންނައިރު ވަރަށް ޚަރަދު ބޮޑު
ތެދު ވާހަކައެކެވެ. ރާއްޖޭގައި ހަމައެކަނި ޚަރަދު ބޮޑީ އަދި އިސްރާފު ބޮޑީ ވެސް ލާމަރުކަޒީ ނިޒާމުގައި އެކަންޏެއް ނޫނެވެ. މި ގައުމަށް ފަހާފައި މިއޮތް ކޯޓް މާ ބޮޑުވުމުން ގިނަ ދާއިރާތަކަކުން ޚަރަދާއި އިސްރާފު ބޮޑެވެ. އެކަމުގެ ހިތި ނަތީޖާ ގައުމު މި ދަނީ ދެކެމުންނެވެ. މިއީ ލާމަރުކަޒީ ނިޒާމާ ގުޅޭ ރިޕޯޓަކަށް ވުމުން މީގައި މި ނިޒާމުގެ ޚަރަދަށް ބަލައިލާނަމެވެ.
ރަށްރަށާއި އަތޮޅާއި ސިޓީތައް ހިމެނޭގޮތަށް ރާއްޖޭގައި 982 އެއްހާ ކައުންސިލަރުން އެބަތިއްބެވެ. އޭގެ ތެރެއިން މޭޔަރުންނަށް މަހު މުސާރައިގެ ގޮތުގައި 46،000ރ ލިބޭއިރު ޑެޕިއުޓީ މޭޔަރަށް 40،500ރ އަދި ސިޓީތަކުގެ ކައުންސިލަރުންނަށް މަހަކު 35،000ރ ގެ މުސާރައެއް ލިބެއެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސަށް މަހަކު 33،000ރ. ލިބޭއިރު ރަށްރަށުގެ ކައުންސިލް ރައީސަށް 25,000ރ. އަދި ނައިބު ރައީސަށް 20،000 ރ. އަދި ކައުންސިލަރުންނަށް 18,000ރ. ލިބެއެވެ.
ކައުންސިލަރުންނަށް މުސާރަ ދިނުމަށް ދައުލަތުން މަހަކު 21 މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަކުރެއެވެ. އެއީ އަހަރަކު 253 މިލިއަނަށް ވުރެން ގިނަ ރުފިޔާއެވެ. އެހެންކަމުން ކައުންސިލްތަކުގެ ދައުރު ނިމޭއިރު މުސާރައަށް ކުރާ ޖުމުލަ ހަރަދު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައަށް ބަލާއިރު ސިޓީ ކައުންސިލްތަކުގައި އެ ކޮމެޓީގެ ރައީސުންނަށް މަހަކު 7,000ރ., ނައިބު ރައީސަށް 6500ރ. އަދި މެންބަރަކަށް 6000ރ. ލިބެއެވެ. ރަށު ކައުންސިލްގެ އެ ކޮމެޓީތަކުގައި ރައީސަށް 6000 ރ, ނައިބު ރައީސަށް5500ރ. އަދި މެންބަރަކަށް 5,000ރ. ލިބެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކައުންސިލްތަކަށް ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އެއީ 2020 ވަނަ އަހަރު ކޮވިޑް ތެރޭގައި 945 މިލިއަން ރުފިޔާ އާއި 2021 ވަނަ އަހަރު 1.4 ބިލިއަންރުފިޔާ އާއި 2022 ވަނަ އަހަރު 1.65 ބިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 1.9 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ކައުންސިލްތަކަށް ރެކޯޑު އަދަދަކަށް 2.2 ބިލިއަން ރުފިޔާ ދިނެވެ.

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: މި ކޮންފަރެންސްގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެފައިވޭ-- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ބްލޮކް ގްރާންޓް ގޮތުގައެވެ. ދައުލަތުގެ އެހެން އިދާރާތަކަށް އަހަރަކު ކަނޑައަޅާ ބަޖެޓް އެ އަހަރެއް ނިމުމުން ދެންނުލިބުނު ނަމަވެސް ކައުންސިލްތަކަށް އަމަލު ކުރަނީ އެ އުސޫލަކުން ނޫނެވެ. ބާކީ ހުންނަ ފައިސާ ރައްކާ ކުރެވޭނެއެވެ. މީގެ އިތުރުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ކައުންސިލްތަކަށް އާމްދަނީ ހޯދަން މަގު ފަހި ކޮށްދިނުމަށްޓަކައި އެ ރަށެއްގެ އިހުތިސޯސްގެ ބޭނުން ހިފައިގެން އާމްދަނީ ލިބޭނެ މަގުފަހިކޮށްދީފައެވެ.
އެހެންކަމުން މިއީ ވަރަށް ވެސް ޚަރަދު ބޮޑު ނިޒާމެކެވެ. އަދި އެންމެ އެކަށޭނަ ނަތީޖާއެއް ނުފެނެއެވެ. އެހެންކަމުން ބަދަލުތަކެއް ނިޒާމަށް ބޭނުންވެއެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރުން ކިހިނެއް؟
މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު, ބޭނުން ގާނޫނަކަށް ބޭނުންއިރަކު ބަދަލު ގެނައުމުގެ ބާރު ލިބިވަޑައިގެން, ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކި ފަހަރު މަތިން ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ޖެހޭކަން ހާމަ ކުރައްވައިފައެވެ. އޭގެ ތެރެއިން އެއް ކަމަކީ އާބާދީގެ ނިސްބަތުން ބަލައި ކައުންސިލަރުންގެ އަދަދު މަދު ކުރުމެވެ. މިހާރު އެ ރަށެއްގައި 100 މީހުން ހަމަ ނުވި ނަމަވެސް ފަސް ކައުންސިލަރުން ތިބެއެވެ. ތިންހާހުން މަތި ނަމަ ހަތް ކައުންސިލަރުންނެވެ. ސިޓީ ކައުންސިލްތަކުގައި އަދި ކައުންސިލަރުން މާ ގިނައެވެ.
ރައީސްގެ ޚިޔާލަކީ 2،000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، އަދި 2000އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުމެވެ.
ރައީސްގެ އެ ޚިޔާލަށް, ރައްޔިތުން ތާއީދު ކުރާކަން, ގައުމީ ޔުނިވާސިޓީއިން ކޮށްފައިވާ ދިރާސާއަކުން ވެސް ދައްކައެވެ. ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމު ކުރުމުން ދެކޭ ތަޞައްވަރުތަކާއި ހުރި ގޮންޖެހުންތަކާއި އަސަރުތައް ދެނަގަތުމަށް, އެމްއެންޔޫއިން ހަދައި މިދިޔަ އަހަރު އާއްމުކުރި ދިރާސާގައި ބުނެފައިވަނީ ދާއިރާތަކުގައި މިހާރު ތިބި ކައުންސިލަރުންގެ އަދަދަކީ އާބާދީގެ ސައިޒަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް 43.5 ޕަސެންޓު މީހުން ގަބޫލު ކުރާ ކަމަށެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، ދާއިރާތަކުގައި މިހާރު ތިބި ކައުންސިލަރުންގެ އަދަދަކީ އާބާދީގެ ސައިޒަށް އެކަށީގެންވާ އަދަދެއް ކަމަށް އެއްބަސް ވެފައި ވަނީ 40.8 މީހުން ކަމަށްވާއިރު، 15.7 މީހުން އެއްވެސް ކޮޅަކަށް ޖެހިފައި ނުވާ ކަމަށް ނަތީޖާއިން ދައްކައެވެ.
އެއާއެކު، ކައުންސިލަރުންގެ އާބާދީ މަދު ކުރަން ޖެހޭ ކަމަށް ދިރާސާގެ ގިނަ ބައިވެރިން ފާހަގަކޮށްފައިވެއެވެ. ކައުންސިލަރުން ގިނަ ވުމުގެ ސަބަބުން ބައެއް ރަށްރަށް މަރުކަޒީ ނިޒާމަކަށް ބަދަލުވެ، ކައުންސިލަރުންގެ ފަރާތުން ލިބެން ޖެހޭ ޚިދުމަތްތައް ނުލިބޭ ކަމަށް ބައިވެރިޔަކު ބުނެފައިވެއެވެ. އަދި، އެކަމުގެ ސަބަބުން ބަޖެޓަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެ ބައިވެރިޔާ ބުނެއެވެ.

ރައީސް މުއިއްޒު، ކުޑަރިކިލުގައި: -- ފޮޓޯ/ ރައީސް އޮފީސް
ކައުންސިލްތަކުގެ އަދަދާ ގުޅޭ ގޮތުން ދިރާސާގައި ބައިވެރިވި އިތުރު ބައިވެރިއަކު ހުށަހެޅީ، 1000އަށް ވުރެ ދަށުގެ އާބާދީތަކަށް ތިން ކައުންސިލަރުންނާއި 1000އާއި 3000 ދެމެދު އާބާދީގެ ރަށްތަކަށް ހަތަރު ކައުންސިލަރުން ހަމަޖެއްސުމަށް ކަމަށް ނަތީޖާގައި ބުނެފައިވެއެވެ. ފަސް ހާހާއި 10،000އާ ދެމެދުގެ އާބާދީގެ ރަށްތަކަށް ހަ ކައުންސިލަރުން އިންތިޚާބުކޮށް، ސިޓީ ކައުންސިލްގެ ތެރެއިން މާލޭގެ ކައުންސިލަރުން ވަކިވަރަކަށް މަދު ކުރަން ޖެހޭ ކަމަށް ބުނެ އެ ބައިވެެރިޔާ ޝުއޫރު ފާޅުކޮށްފައިވެއެވެ. އަދި، 10،000އިން މަތީގެ ސީޓީތަކަށް ހަތް ކައުންސިލަރުން ހަމަޖެއްސުމަށް އެ ބައިވެރިޔާ ބުނެފައިވާ ކަމަށް ނަތީޖާގައި ބުނެއެވެ.
ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގަންފެށީންސުރެއް އެ ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު މިހާރު ހުންނެވި މަގާމުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ތިން ކައުންސިލަރުން ތިބޭނަމަ އޮފީހުގެ ޖާގައާއި ކުރަން ޖެހޭ ޚަރަދަށް ބެލިނަމަވެސް ވަރަށް ބޮޑަށް ފަސޭހަވެއެވެ. ނަމަވެސް އެ އަދަދަށް ކައުންސިލަރުން ތިބުމުން ދިމާވާ އެންމެ ބޮޑު ދައްޗަކީ ކައުންސިލުން ކަންކަން ނިންމަން ބޭނުންވާ ކޯރަމް ހަމަނުކުރެވުމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިން ބޭފުޅުން ތިބޭއިރު އެއް ބޭފުޅަކު ޗުއްޓީއަށް ވަޑައިގަތަސް ކަންކަން ނިންމަން އުނދަގޫ ކަމެއް ހުރޭ. ފަސް ބޭފުޅުން ތިއްބެވީމަ އެ ފަސޭހަ އޮވޭ. ދެ ބޭފުޅަކު ޗުއްޓީއަށް ވަޑައިގެންނެވިޔަސް އަދި ތިން ބޭފުޅުން އެބަ ތިއްބަވާ. އެހެން ވީމައި ކަންކަން ނިންމަން ފަސޭހަ އަދި އަވަސް ފަސް ބޭފުޅުން ތިބީމައި," އެވޯޑް ލިބުނު ކައުންސިލެއްގެ ރައީސްކަން ވެސް ކުރައްވާފައިވާ އެ ބޭފުޅުވާ ވިދާޅުވިއެވެ.
ދެން އޮތް އަނެއް ގޮތަކީ ކައުންސިލްތަކުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރު, ނުވަތަ ކައުންސިލް ރައީސާއި ނައިބު ރައީސް އެކަނި ފުލްޓައިމް މަގާމުތަކަށް ހަދާފައި ދެން ތިއްބަވާ ކައުންސިލަރުންނަކީ ޕާޓްޓައިމް ބޭފުޅުންނަށް ހެދުމެވެ. ޕާޓްޓައިމް ކައުންސިލަރުންނަށް މުސާރަ ދޭނީ ބައިވެރިވާ ބައްދަލުވުމަކަށް ނުވަތަ ކުރާ މަސައްކަތަކަށް އެކަންޏެވެ. އެއީ ލާމަރުކަޒީ ނިޒާމު ވަރަށް ރަނގަޅަށް ހިނގާ ސްވިޒްލޭންޑާއި އިނގިރޭސިވިލާތުގެ އިތުރުން ނިއުޒިލޭންޑްގައި ވެސް އަމަލު ކުރާ އުސޫލެކެވެ. އެ ގައުމުތަކުގެ ބައެއް ސަރަހައްދުތަކުގެ ކައުންސިލަރުންގެ ގޮތުގައި ތިބެނީ އެހެން ވަޒީފާތައް ވެސް އަދާ ކުރާ މީހުންނެވެ. ކައުންސިލްގެ މަސައްކަތަކީ އެ މީހުންގެ ޕާޓްޓައިމް މަސައްކަތެވެ.
ކުރިން ވާހަކަ ދެއްކެވި، ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާކާރު ވިދާޅުވިގޮތުގައި މި އުސޫލަކީ މި ނިޒާމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ނިޒާމެކެވެ. އޭރަށް ޚަރަދު ކުޑަކޮށް ކައުންސިލްތައް ހިންގިފައި ކޯރަމްގެ މައްސަލަ ވެސް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރަށް މިހާރު ކައުންސިލްތަކަށް ލިބޭ ގްރާންޓުން ކޮންމެވެސް މިންވަރެއް ސަލާމަތް ކުރެވޭނެ. ކައުންސިލްތަކުގެ މުނިސިޕަލް ކަންކަމަށް އެ ފައިސާ ޚަރަދު ކުރަން އޮންނާނެ." އޭނާ ވިދާޅުވިއެވެ.
ދެން އޮތް ސުވާލަކީ ކައުންސިލަރުން މަދު ކޮށްފިނަމަ އެ ތަންތަން އިދާރީ ގޮތުން ހިންގަން ދަތިތަކަކާ ކުރިމަތިވާނެތޯއެވެ. ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް ވިދާޅުވީ މާ ބޮޑު ދައްޗެއް ނުވާނެ ކަމަށެވެ. އެއީ ގާނޫނު އޮތްގޮތުން މިހާރު ވެސް ކައުންސިލް މެންބަރުންނަކީ މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމާއި އެ ކައުންސިލެއްގެ ރައީސް ހަވާލު ކުރާ ކަންކަން ކުރަން ތިބޭ ބަޔަކަށް ވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އޭގެ ބަދަލުގައި އިދާރީ ގޮތުން ކަންކަން ތަންފީޒު ކުރުމުގެ ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކައުންސިލެއްގެ ސެކެޓްރީ ޖެނެރަލްއާއެވެ.

އެމްޑީޕީއަށް 20 އަހަރުވުން ފާހަގަކުރަން ބޭއްވި ދުވުމުގެ ތެރެއިން: އެ ޕާޓީގައި ޓިކެޓުގެ ވާދަވެރިކަން ބޮޑުވެ، އިދިކޮޅުގެ ޒިންމާ އަދާނުކުރެވޭކަމުގެ ޝަކުވާ ބޮޑު -- ފޮޓޯ/ އެމްޑީޕީ
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަ ދައްކަވަމުން, ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ލޯކަލް ގަވަނެންސްގެ މާނައަކީ ރައްޔިތުން ބައިވެރިކޮށްގެން ރަށެއް ނުވަތަ އަތޮޅެއް ހިންގާނެގޮތެއް ކަމަށެވެ. އެހެންކަމުން ރަށްރަށަށް ނުވަތަ އަތޮޅުތަކަށް މަދު ކައުންސިލަރުން އިންތިޚާބު ކޮށްގެން އެ ނަތީޖާ ނުނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް އަސްލު ފަސް މީހުން ވެސް މަދު. ފަންނީ ގޮތުން ރައްޔިތުން ޝާމިލްވާ ލޯކަލް ގަވަނެންސެއް ރަށްރަށުގައި ހިންގަން [ފަސް ކައުންސިލަރުންމަދު]. ޝާމިލްވާ ލޯކަލް ގަވަނެންސެއް ހިންގުމަކީ ރައްޔިތުން އެކު ވެގެން، މަޝްވަރާ ކޮށްގެން ގޮތްތަކެއް ނިންމައިގެން ދެން ކައުންސިލް ލައްވައި އެކަންތައް ތަންފީޒު ކުރުން،" އާދަމް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރަށްރަށުގައި ފަސް މެމްބަރުން ވެސް މަދު. އެ ވެސް އިތުރު ވާންވީ. އެކަމަކު، މުސާރަ ނުދެވޭ ގޮތަށް, އިތުރު ކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް ފޯމިއުލާތައް ހޯދޭނެ. މައްސަލަ ޖެހެނީ ހުރިހާ ބޭފުޅުންނަކީ ފުލްޓައިމްކޮށް ނުކުމެ ކައުންސިލްގައި މަސައްކަތްކުރާ ސިކުނޑި ހުންނާތީ،"
ލާމަރުކަޒީ ގާނޫނަށް އެލްޖީއޭއިން ދޭ ލަފަޔަކީ ރަށަކަށް ކައުންސިލަރެއް ނުވަތަ މޭޔަރެއް އިންތިޚާބު ކުރުމަށްފަހު، ބާކީ ތިބޭނީ އެކި ދާއިރާތަކުން އިންތިޚާބުވާ ކައުންސިލަރުން ކަމާއި އެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި ބައްދަލުވުންތަކުގައި ކަމަށް ހެދުމެވެ. އޭރަށް ކައުންސިލަރުންގެ އަދަދު މަދުނުކޮށް, ޚަރަދު ކުޑަކޮށް އެ ނިޒާމު ހިންގޭނެ ކަމަށް އެ އޮތޯރިޓީން ގަބޫލު ކުރެއެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރުމާ އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދައެވެ. އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި މި ބަދަލު ގެންނަން ސަރުކާރުން އުޅެނީ އެ ނިޒާމު ރަނގަޅަށް ހިނގިޔަ ނުދިނުމަށްޓަކައެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވާގޮތުގައި މި ސަރުކާރުން ރަށްރަށުގެ ކައުންސިލުތަކުން "އޮބަހައްޓާ ނަގަހައްޓާ" ކައުންސިލަރުން "ސައިޒުކުރަން" އުޅެނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. އެއީ ކައުންސިލްތަކަށް ލިބޭ ފައިސާއާއި ގްރާންޓްގެ އެކްސެސް ސަރުކާރަށް ނޯންނާތީވެ، އޭގެ ދަހިވެތިކަމުގައި ކަމަށް ދޭހަވާ މޭރުމަކުން ނާޒިލް ވަނީ ތުހުމަތުކުރައްވާފައެވެ.
ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އަހައިގެން ހިންގާނަމަ ލާމަރުކަޒީ ނިޒާމަކީ ވަރަށް ވެސް ރަނގަޅު އަދި ބޭނުންތެރި ނިޒާމެކެވެ. އެކަމަކު ހޮވޭ ބަޔަކީ ހަމައެކަނި މުސާރަ ނަގާލަ ނަގާލާ ތިބޭ ބަޔަކަށް ވާނަމަ އޭގެން ފައިދާއެއް ނުކުރާތަނުގައި ލިބޭ ގެއްލުން ބޮޑުވާނެއެވެ. މި 15 އަހަރުގެ ތެރޭގައި މި ތަޖުރިބާ ދިވެހީން ވަރަށް ބޮޑަށް ކޮށްފިއެވެ.
ކައުންސިލްތަކުން ފާހަގަވާ އަނެއް ކަމަކީ، އާންމު ރައްޔިތުންނަށް ޚިދުމަތް ކުުރުމުގެ ބަދަލުގައި ކައުންސިލްތަކުގެ ޒިންމާތައް މުޅިންހެން ސިޔާސީ ވެފައި އޮތުމެވެ. ސަރުކާރަށް ތާއިދުކުރާ ކައުންސިލެއް ނަމަ މައި ސަރުކާރުގެ އިރުޝާދަށް ހުރިހާ ކަމެއް ކުރަނީއެވެ. އަދި ކައުންސިލުގައި ތިއްބަވަނީ އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ނަމަ، ސަރުކާރުން ޖެއްސުންކޮށް ދަތިކުރަނީއެވެ.
މި މައްސަލަތަކުގެ ހައްލަކަށް މި ދާއިރާގެ ތަޖުރިބާކާރުން ދެއްވާ ލަފަޔަކީ ވަކި ފެންވަރަކަށް ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް ކުރިމަތިވެލެވޭ ގޮތަށް ބަދަލު ކުރުމެވެ. އެއީ މިހާރު ރާއްޖޭގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ. ގައުމުގެ އެންމެ އިސް މަގާމުކަމަށްވާ ރައީސް ކަމަށާއި ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ ގާނޫނު އެކުލަވާލާ މަޖިލީހުގެ މެންބަރަކަށް ވާން ވެސް ވަކި ފެންވަރެއް ހުންނާކަށް ނުޖެހެއެވެ. އޭގެ ނަތީޖާ ވެސް ހިތްޗެވެ. އެހެންކަމުން ކައުންސިލްތަކުގެ ފެންވަރު ރަނގަޅުކޮށް, މި ނިޒާމު ރަނގަޅަށް ހިންގުމަށްޓަކައި ވަކި ފެންވަރެއްގެ ބަޔަކު ނޫނީ އިންތިޚާބު ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ފެންނަ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވިއެވެ.
"މިހާރު ގާނޫނު އޮތްގޮތުން ވެސް ރައްޔިތުންނަށްޓަކައި ކައުންސިލްތަކަށް ކޮށްދެވޭނެ ގިނަ ކަންކަން އެބަހުރި. އެކަމަކު އެ ކަންކަން ކުރެވެން އޮތީ ވިޝަނަރީ, ހިންގުންތެރި ބޭފުޅުން މަގާމުތަކަށް އައިސްގެން. ވަކި ފެންވަރެއްގެ ބަޔަކު އިންތިޚާބު ކޮށްގެން," ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވިއެވެ.
"އެއީ ކައުންސިލަރުންނަކީ އެ ރަށުގެ އިމާމަކަށް ވެސް ބައެއް ފަހަރު ވާން ޖެހޭ. ޖަނާޒާއެއް ބާއްވަން ޖެހޭ ހާލަތުގައި މީހަކު ނެތްނަމަ އެކަން ވެސް ކުރަން އެބަޖެހޭ. މި ހުރިހާ ކަމަކަށް އަންނަ މީހާއަކީ ވަކި ފެންވަރެއްގެ މީހެއް ކަމަށް ގާނޫނުގައި ހިމަނަން އަޅުގަނޑަށް ފެނޭ."
ރައީސް މުއިއްޒު ވެސް މި ފަހުން އެ ވިދާޅުވީ ވަރަށް ބޮޑު ހަގީގަތެކެވެ. ރަށްރަށުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަންކަން ނުކޮށް, އެކިއެކި ނަންނަމުގައި ރާއްޖޭގެ ބޭރަށް ކައުންސިލަރުން ދަތުރުތައް ކުރުން ވަރަށް އާންމެވެ. ގްރާންޓްގެ ގޮތުގައި ބޮޑު އެއްޗެއް ދައުލަތުން ދޭއިރު އެ ފައިސާ އެންމެ ރަނގަޅަށް ބޭނުން ކުރެވޭތަނެއް ނުފެނެއެވެ. އަދި އެލްޖީއޭ ފަދަ މޮނީޓަރިން އިދާރާތަކުގައި ގާބިލުކަން ހުރި މިންވަރަށް ބަލާއިރު އެ ހުރިހާ ކަމެއް ބެލޭނެ ފެންވަރެއް ވެސް ނެތެވެ.
ކައުންސިލްތަކުން އާމްދަނީ ހޯދަން ޖެހޭނެއެވެ. ޚިދުމަތްތައް ދޭނެ އާމްދަނީ ހޯދުމަށެވެ. އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ, އާއްމު މީހުން ކުރާ ވިޔަފާރިއަށް ސީދާ ކައުންސިލްތަކުން ވަނުމުގެ ބަދަލުގައި ވިޔަފާރިތައް ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. އޭގެ ތެރޭގައި ގެސްޓްހައުސް ހިންގަން ނުވަތަ ކެއިންބުއިމުގެ ވިޔަފާރި ކުރުމަށް ތަންތަން ހަދާފައި ވިޔަފާރި ކުރަން މަގުފަހިކޮށްދީގެން ނަފާ ހޯދުން ހިމެނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުޑަތަން ވަނީއެވެ. މަޖިލީހުގެ މި ދައުރު ހުކުރަށް ހަމަވާއިރު އެއް ހަފުތާއަށް ދައުރު ދަންމާލީ ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެންނަން ކަމުގެ އަޑުތައް އެބައިވެއެވެ. މިއީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އެކަން ކުރަންވާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމުގެ ނިޔަތުގައި, އެކަމަށް މަގުފަހި ކުރާ އުސޫލަކުން ނޫނެވެ. އެކަން ކުރަން ވާނީ ނިޒާމު ރަނގަޅު ކުރުމުގެ ހެޔޮ ނިޔަތާއެކު އެކަން ވާނެ ގޮތަށެވެ.