ދެކުނު އޭޝިއާގެ އެންމެ މުއްސަނދިންގެ ލިސްޓަށް ލަންކާ މަހުޖަނަކު އިތުރުވެއްޖެ

ދެކުނު އޭޝިއާގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނޭ ސްރީ ލަންކާގެ މަހުޖަނު އިޝާރާ ނަނަޔަކަރާ. ފޮޓޯ/ކޮމޮންވެލްތް ޔޫނިއަން.

ދެކުނު އޭޝިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓަށް ސްރީ ލަންކާގެ މަހުޖަނު އިޝާރާ ނަނަޔަކަރާގެ ނަން އިތުރުވެއްޖެއެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 1.6 ބިލިއަން އެމެރިކާ ޑޮލަރެވެ.

ނަނަޔަކަރާ އެ މަގާމު ހޯދާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލަންކާގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ދަމްމިކާ ޕެރޭރާ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ މިލްކިއްޔާތު އޮންނަ ނަނަޔަކަރާ އަކީ 10އަކަށް ވުރެ ގިނަ ގައުމުގައި ހިންގާ ޑައިވާސިފައިޑް ފައިނޭންޝަލް ސާވިސަސް އެންޑް އިންވެސްޓްމަންޓް ކޮންގްލޯމެރޭޓެއް ކަމަށްވާ އެލްއޯއެލްސީ ހޯލްޑިންގްސްގެ ވެރިޔާއެވެ.

ދުނިޔޭގައި މައިކްރޯފައިނޭންސް އަދި އިންޝުއަރެންސް މާކެޓްތަކުގައި ލަންކާ ތަމްސީލު ކުރުމުގައި މުހިންމު ދައުރެއް ނަނަޔަކަރާ އަދާކުރިއެވެ.

މިހާތަނަށް ވެސް މުޅި ދެކުނު އޭޝިއާގެ އެންމެ މުއްސަނދި މީހަކީ ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު މުކޭޝް އަމްބާނީއެވެ. އޭނާގެ މިލްކިއްޔާތުގައި 118 ބިލިއަން ޑޮލަރު އެ ބަހުއްޓެވެ.

އަމްބާނީއަކީ ހަކަތަ، ޓެލެކޮމް، ޕެޓްރޯކެމިކަލްސް އަދި ރީޓެއިލް ވިޔަފާރި 9ވެސް ހިންގާ ފަރާތެކެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން މުއްސަނދި ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނުގެ ޝާހިދު ހާން ހިމެނޭއިރު އޭނާގެ މިލްކިއްޔާތުގައި 13.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ބަންގްލަދޭޝްގެ މޫސާ ބިން ސަމްސޭރުގެ މިލްކިއްޔާތުގައި 12 ބިލިއަން ޑޮލަރު ހުރިއިރު، ބިނޯދު ޗައުދަރީގެ މިލްކިއްޔާތުގައި 1.6 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

comment ކޮމެންޓް