ޖުމްލަ 172 ބައިވެރިންނާއެކު ތިލަދެކުނު ޤުރުއާން މުބާރާތް ކުރިއަށް، އެއްވަނައަށް އުމްރާ ދަތުރެއް

ހދ. އަތޮޅުގައި ކުރިއަށްދާ ތިލަދެކުނު ޤުރުއާން މުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ -- ފޮޓޯ: ހދ. އަތޮޅު ކައުންސިލް

ހދ. އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ބާއްވާ ތިލަދެކުނު ޤުރުއާން މުބާރާތް ހދ. މަކުނުދޫގައި އިއްޔެ ފަށައިފިއެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ކިޔެވުން އިއްޔެއާއި މިއަދު ކުރިއަށްގެންދާއިރު، މާދަމާރޭ އޮންނާނީ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމެވެ.

ޖުމްލަ 172 ބައިވެރިންނާއެކު ބާއްވާ މި މުބާރާތުގައި އެ އަތޮޅުގެ 15 ސްކޫލަކުން 164 ކުދިން ބައިވެރިވާއިރު، އަމިއްލަގޮތުން އަށް މީހަކު ބައިވެރިވިއެވެ. މި މުބާރާތުގައި 90 ކުއްޖަކު ބަލައިގެން ކިޔަވާއިރު 74 ކުދިން ކިޔަވަނީ ނުބަލާ ކިޔެވުމުގެ ބައިންނެވެ. އަދި އަމިއްލަގޮތުން ބައިވެރިވި އަށް މީހުން ވެސް ކިޔަވަނީ ބަލައިގެންނެވެ.

މި މުބާރާތާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ހދ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް އުމަރު ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި, ޤުރުއާން ކިޔެވުމަށް ކުދިންނަށް ހިތްވަރު ދިނުން ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑުމެންގެ ވަރަށް ބޮޑު ބޭނުމެއް، އާންމު ރައްޔިތުންގެ ހިތްތަކުގައި ވެސް ޤުރުއާނަށް ލޯބި ޖެއްސުމާއި ހޭލުންތެރިކަން އިތުރުކުރުމަކީ، އެއީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުން،" އިބްރާހީމް އުމަރު ވިދާޅުވިއެވެ.

މި މުބާރާތުގައި އާންމުންނަށް ހުޅުވާލާފައި އޮތް ބައި މުސްތަގުބަލުގައި ފުޅާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް އުމަރު ވިދާޅުވީ، މި މުބާރާތުން މި އަހަރު އެއްވަނައަށް ދާ ދަރިވަރަށާއި ބެލެނިވެރިޔާއަށް ކައުންސިލްގެ ފަރާތުން އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވާ ކަމަށާއި، އަމިއްލަގޮތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ފަޒީ ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތުގެ ކިޔެވުން މިރޭ ނިމޭއިރު، މާދަންރޭ އޮންނަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهއެވެ.

comment ކޮމެންޓް