ހުވާ ނުކުރާ ކަމަށް ކޯޓުގައި ބުނި ފުލުހާމެދު ފިޔަވަޅު އަޅަން ޖެހޭ: ހައިކޯޓު

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ބުނެފިއެވެ.

އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ. ތިނަދޫ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ވަނީ އެ މައްސަލައިގައި ސަސްޕެންޑްކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

https://sun.mv/209640

ދައުލަތުން ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ސާޖިދުގެ ފަރާތުން އޭނާ ފުލުހުންގެ ވަޒީފާގެ ހުވާ ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދުވަނީ ތިނަދޫ ކޯޓުގެ ނިންމުން ބާތިލުކޮށް، ސާޖިދުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފިނަމަ އެކަން ކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައިވަނީ، ހުވާކުރުމާ ގުޅޭގޮތުން ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ އަލީގައި، ހުވައެއްކުރަންޖެހޭ ދައުލަތުގެ މަގާމުތަކުގައި ހިމެނޭ މީހުން ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެމަތިން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި، އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކޮށްފައެވެ.

https://sun.mv/209712

"ޝަރީޢަތުގެ އަޑުއެހުމުގައި، ހުވާނުކޮށް މުސާރަލިބުމުގައި ގޯހެއް އޮތްކަމަށް މީނާނުދެކޭކަމަށް ބެލެވޭބީދައިން މީނާ ވާހަކަދައްކާފައިވެއެވެ. މިއީ، މާތްﷲ ގަންދީ ހުވާކުރުމާގުޅޭގޮތުން ކަންވެގެންވާނެގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވަޔަކާމެދު އެއްވެސް މީހެއްގެބަސްމަގު ހުންނަންވާނެ ގޮތްކަމަށް ނުދެކެމެވެ. އެ ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެހެންކަމުން، ގާނޫނުލްއުގޫބާތުގެ 512ވަނަ މާއްދާއާއި، އެ ޤާނޫނުގެ 533ވަނަ މާއްދާއާ ގުޅޭގޮތުން ދައުލަތުން ހުށަހަޅާފައިވާ ތުހުމަތުތަކަށް ވެސް މިހާލަތުގައި ބުރަދަން ލިބިފައިވާކަމަށް ދެކެމެވެ" ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި އޭނައާމެދު ފިޔަވަޅުއަޅަން ޖެހޭކަން ފާހަގަކޮށްފައި ވާއިރު، ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ އެ ފުލުސް މީހާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް