ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުމެއް ލިބި، ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓުތަކަށެވެ. އެ ގޮތުން، މި ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމުލަ 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 1,008,081 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓުތަކަށެވެ. އެއީ، ޖުމުލަ ފަތުރުވެރިންގެ 73.3 އިންސައްތައެވެ.
މީގެ އިތުރުން، ގެސްޓްހައުސްތަކަށް 300,763 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ހޮޓެލްތަކަށް 36,519 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި، ސަފާރީތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 28,354 އަށް އަރައެވެ.
ރާއްޖެއަށް އަދިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއާއި ރަޝިޔާއިންނެވެ. އެ ގޮތުން، އަންގާރަ ދުވަހުގެ ނިޔަލަށް ޗައިނާއިން 208،069 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ، ޖުމުލަ ފަތުރުވެރިންގެ 15.11 އިންސައްތައެވެ. އަދި، ރަޝިޔާއިން 163،060 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެއީ ޖުމުލަ ފަތުރުވެރިންގެ 11.9 އިންސައްތައެވެ. ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ވަނީ 126،906 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަންގާރަ ދުވަހާ ހަމައަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދުތަކުގެ ހިސާބުތައް: 1.3 މިލިއަން ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފި -- ފޮޓޯ/ މިނިސްޓަރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް
މީގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަކީ؛
- އިޓަލީ - 98,482 ފަތުރުވެރިން،
- ޖަރުމަން - 95,454 ފަތުރުވެރިން،
- އިންޑިއާ - 78,149 ފަތުރުވެރިން،
- އެމެރިކާ - 41,270 ފަތުރުވެރިން،
- ފްރާންސް - 39,095 ފަތުރުވެރިން،
- ސްޕެއިން - 28,909 ފަތުރުވެރިން،
- ސްވިޒަލޭންޑް - 25,962 ފަތުރުވެރިން،
ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު މިދިޔަ އަހަރު ހާސިލުކުރިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު އެ އަދަދު 2.3 މިލިއަނަށް އިތުރުކުރުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިދިޔަ މަހު 26 ގައި ހުޅުވިއިރު އެ އެއާޕޯޓުން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެއެވެ. އާ ޓާމިނަލާ އެކު ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށް ސަރުކާރުން އަންދަޒާކުރެއެވެ.