ދުވާފަރު އަތުން ބަދަލު ހިފި ކޯޅުން ބޮޑު ފައިނަލް މެޗު އިނގުރައިދޫއަށް

މުބާރާތުގެ ތަށި އިނގުރައިދޫން އުފުލާލަނީ-- ފޮޓޯ: ފައިނު އޮންލައިން/ ޒިޔާދު

ރ. އަތޮޅުގައި ބޭއްވި އަރުތަ ފުޓްސަލް މުބާރާތުގެ ފައިނަލުގައި ދުވާފަރު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިނގުރައިދޫން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އިނގުރައިދޫން ހޯދީ ފައިނަލުގައި ދުވާފަރާ ވާދަކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗު ވެފައިވަނީ މުޅި މުބާރާތުގައި ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް މެޗަށެވެ. އެއީ މެޗު ނިމެން ގާތްވެފައިވަނިކޮށް ދަނޑުމަތީގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ދަނޑު ބޭރުގައި ތިބި ދެ ޓީމަށް ނިސްބަތްވާ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމުންނެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯތަކުން ފެންނަގޮތުން ދެ ޓީމަށް ނިސްބަތްވާ ސަޕޯޓަރުން ވަނީ ފުޅިއާއި އެ ނޫން ވެސް ތަކެތި އުކާފައެވެ. މި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވެ ރަސްމާދޫ ސިއްހީ މަރުކަޒުން ފަރުވާ ވެސް ދިނެވެ.

ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ބާރުގެ ބޭނުންކުރިއެވެ. އެގޮތުން ޝީލްޑުގައި ހަރަކާތްތެރިވެ ޕެޕާސްޕްރޭ ބޭނުންކުރި ނަމަވެސް ކޮންޓްރޯލް ނުކުރެވުނެވެ. އެގޮތުން ދަނޑުމައްޗަށް ކުޅުންތެރިން އެރި ކޮންމެ ފަހަރަކު ދަނޑުމައްޗަށް ފުޅި އުކާފައިވެއެވެ. އެއާއެކު މެޗު ކޮމިޝަނަރު ވަނީ މެޗުގެ ބާކީ އޮތް 18 ސިކުންތު ނުކުޅެން ނިންމާ، މެޗު ހުއްޓާލި ވަގުތު އޮތް ނަތީޖާ ކަމަށްވާ 4-2 އިން މެޗު ނިންމާލާފައެވެ.

މެޗު ފަށައިގެން ފުރަތަމަ ގޯލްޖެހީ އިނގުރައިދޫންނެވެ. ނަމަވެސް ފަހުން ދުވާފަރުން ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އެއަށްފަހު އިނގުރައިދޫން ވެސް އަނެއްކާ ގޯލެއް ޖެހިއެވެ. އެ ގޯލަށްފަހު ދެންވެސް ދުވާފަރުން ގޯލެއް ޖެހިއެވެ. ނަތީޖާ ހަމަހަމަކޮށް ވަގުތުކޮޅެއް އޮތުމަށްފަހު ދެން އިނގުރައިދޫން ދެ ގޯލްގެ ލީޑެއް ނެގިއެވެ.

މިއީ އިނގުރައިދޫ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަަހަރެވެ. އެންމެފަހުން މި މުބާރާތް ބޭއްވި ތިން ފަހަރުގެ ފައިނަލުގައި ވެސް އިނގުރައިދޫ ފައިނަލުން ބަލިވީ ދުވާފަރު އަތުންނެވެ.

އަތޮޅު ފެންވަރުގައި ކުޅޭ މިފަދަ ކޮންމެ މުބާރާތެއްގައި ވެސް އިނގުރައިދޫއާއި ދުވާފަރަކީ ވާދަވެރި ދެ ޓީމެވެ.

comment ކޮމެންޓް