މައްސަލައަކާ ގުޅިގެން ފުލުހުން ހިފެހެއްޓި އެތައް ހާސް ޑޮލަރެއް ''ގެއްލި''ގެން އެ މައްސަލަަ ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ މިއީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު 15ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށެވެ.
އެ ފައިސާގެ ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.
"ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެ ކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
މި ކަން ފާހަގަވީ އިއްޔެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެތައް ހާސް ޑޮލަރެއް "ގެއްލި" އެ މައްސަލަ ބަލަމުން އަންނައިރު މިއީ ސީދާ ކޮން މައްސަލައެއްކަން އަދި ފުލުހުން ނުބުނެއެވެ.