އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ކުރީގެ ވެރިޔާ އަދި 1970 ވަނަ އަހަރު ހިނގި އެޕޯލޯ 13ގެ ނުރައްކާތެރި މިޝަންގެ ކޮމާންޑަރު، ޖިމް ލޮވެލް، އުމުރުފުޅުން 97 އަހަރުގައި އަވަހާރަވެއްޖެއެވެ.
ލޮވެލްއަކީ، ޖައްވީ އުޅަނދަށް ދިމާވި ނުރައްކާތެރި ހާދިސާއަކަށް ފަހު، އެ އުޅަނދު އަނބުރާ ސަލާމަތުން ބިމަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވެ، ހިތްވަރާއި ކެރުމުގެ މިސާލެއް ދެއްކެވި ބޭފުޅެކެވެ.
އޭނާ އަވަހާރަވީ މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު އެމެރިކާގެ ލޭކް ފޮރެސްޓްގައެވެ.
އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެޕޯލޯ 13 މިޝަންގައި ދިމާވި ހާދިސާއާ ގުޅިގެންނެވެ. އެ މިޝަންގެ ތެރެއިން އޮކްސިޖަން ޓޭންކެއް ގޮވުމުގެ ސަބަބުން، ފަޅުވެރިންގެ ފުރާނައަށް ނުރައްކާވެ، ހަނދަށް ފޭބުން ކެންސަލް ކުރަން މަޖުބޫރުވިއެވެ. ނަމަވެސް، ލޮވެލްގެ ހަމަޖެހުމާއި ޤާބިލުކަމުގެ ސަބަބުން، އެ މިޝަންގެ ފަޅުވެރިން ސަލާމަތް ކުރެވުނު ކަމަށް ނާސާއިން ބުނެއެވެ.

އެ ހާދިސާ ގިނަ ބައެއްގެ ހަނދާނުގައި ހަރުލާފައިވަނީ "ހޫސްޓަން، ވީ ހޭވް އަ ޕްރޮބްލަމް" (ހޫސްޓަން، އަހަރެމެންނަށް މައްސަލައެއް ދިމާވެއްޖެ) މި މަޝްހޫރު ޖުމްލައިންނެވެ. ހަގީގަތުގައި މިހެން ބުނީ އެ މިޝަންގައި ބައިވެރިވި އެހެން ވެރިޔެއް ކަމަށްވާ ޖެކް ސްވިގާޓް ނަމަވެސް، މި ޖުމްލަ ގުޅިފައިވަނީ ލޮވެލްއާއެވެ.
ލޮވެލްގެ މި ތަޖުރިބާގެ މައްޗަށް ބިނާކޮށް، "ލޮސްޓް މޫން" ގެ ނަމުގައި 1994 ވަނަ އަހަރު އޭނާ ފޮތެއް ލިޔުއްވާފައިވެއެވެ. އަދި އެ ފޮތް 1995 ވަނަ އަހަރު "އެޕޯލޯ 13" ގެ ނަމުގައި ފިލްމަކަށް ހަދާފައިވާއިރު، އެއީ އޮސްކާ އެވޯޑް ވެސް ހާސިލްކޮށްފައިވާ ފިލްމެކެވެ.
ޖޭމްސް އާތާ ލޮވެލް ޖޫނިއާ އުފަންވެވަޑައިގަތީ 1928 ވަނަ އަހަރުއެވެ. އޭނާ ނާސާގެ ވެރިންގެ ޓީމާ ގުޅިވަޑައިގަތީ 1962 ވަނަ އަހަރު ނީލް އާމްސްޓްރޯންގް ފަދަ މަޝްހޫރު ބޭފުޅުންނާއެކުގައެވެ.
އޭނާގެ ޖައްވީ ހަޔާތުގައި ޖެމިިނި 7، ޖެމިނި 12، އެޕޯލޯ 8 އަދި އެޕޯލޯ 13 ހިމެނޭގޮތަށް ހަތަރު މިޝަނެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެޕޯލޯ 8 އަކީ އިންސާނަކު ހިމެނޭގޮތަށް ހަނދުގެ ވަށައިގެން ދަތުރުކުރި ފުރަތަމަ މިޝަނެވެ.
ލޮވެލް ނާސާއިން ރިޓަޔާ ކުރެއްވީ 1973 ވަނަ އަހަރުއެވެ. އޭނާ އަވަހާރަވުމުން، އެޕޯލޯ މިޝަންތަކުގައި ބައިވެރިވި 24 ވެރިންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ ފަސް ބޭފުޅުންނެވެ. އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ މިހާރު ބަޒް އޯލްޑްރިންއެވެ.