ހުޅަނގު އައްސޭރީގައި ވަޒަންވެރިވާނެ ގޮތުގެ ޕްލޭނެއް އިސްރާއީލުން އިއުލާނުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވާނެ ގޮތުގެ ޕްލޭނެއް އިއުލާނު ކުރަނީ. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ގަވާއިދާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި، ރާވަފައިވާ ސެޓްލްމަންޓް މަޝްރޫއުގެ ދަށުން 3،000 އަށް ވުރެ ގިނަ ގެދޮރު އަޅަން ނިންމައި، ވަޒަންވެރިވާނެ ގޮތުގެ ޕްލޭނެއް އިސްރާއީލުގެ ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް އިއުލާނުކޮށްފިއެވެ.

މި ނިންމުމާ އެކު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ވާހަކަތައް ދާއިމަށް ވަޅުލެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސްމޮޓްރިޗް މިގޮތަށް ބުނީ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ފްރާންސް، އަދި ކެނެޑާ ފަދަ ގިނަ ގައުމުތަކުން އަންނަ މަހު ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބެލެވޭއިރު، އެއީ އިސްރާއީލާއި ފަލަސްތީނާ ދެމެދު އެންމެ ބޮޑު އެއް މައްސަލައެވެ.

"ބައިނަލްއަގުވާމީ ގޮތުން ދިގު ޒަމާންތަކެއް ވަންދެން ޕްރެޝަރާއި ފްރީޒްތަކަށް ފަހު އަޅުގަނޑުމެން މިދަނީ މަޢުލީ އަދޫމީމާއި ގުދުސް އާއި ގުޅުވާލަން." ސްމޮޓްރިޗް ބުންޏެވެ.

"މިއީ ޒަޔަނިޒަމް އެންމެ ރަނގަޅު ހާލަތުގައި އިސްރާއީލުގެ ބިމުގައި އަޅުގަނޑުމެންގެ އިސްތިގުލާލު ބިނާކުރުމާއި، ވަޒަންވެރިވުމާއި، ހަރުދަނާކުރުން،"

އަދި، އެ ބިމަކީ ޔަހޫދީންނަށް މާތް ﷲ ދެއްވި ބިމެއް ކަމަށް ވެސް ސެޓްލާ އޯގަނައިޒޭޝަން ޔެޝާ ކައުންސިލްގެ ޗެއާމަން އިސްރާއީލް ގަންޒްއާއި މަޢުލީ އަދޫމީމުގެ މޭޔަރު ޔިފްރާޗާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕްލޭން އިއުލާންކުރައްވަމުން ސްމޮޓްރިޗް ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގައި ވަޒަންވެރިވުމާ ދެކޮޅު ޖަމާއަތެއް ކަމަށްވާ، ޕީސް ނައުއިން ބުނި ގޮތުގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ 160 އާބާދީއެއްގައި އިސްރާއީލުގެ ގާތްގަނޑަކަށް 700،000 މީހުން ދިރިއުޅެއެވެ. އެއީ، މުސްތަގުބަލުގައި މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުން ހޯދަމުން އަންނަ ބިމެކެވެ.

އެ ފިޔަވަޅާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، ހުޅަނގު އައްސޭރި ހަމަޔަކަށް އެޅުވުމަކީ އިސްރާއީލަށް ރައްކާތެރިކަން ލިބޭ ކަމެއް ކަމަށާއި އެއީ މި ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒާ އެއްގޮތް ކަމެއް ކަމަށެވެ.

ނަމަވެސް، އދ އާއި ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ އާބާދުކުރުމުގެ އެ ޕްލޭން ކުރިއަށް ނުގެންދިއުމަށް އިސްރާއީލަށް އިލްތިމާސްކޮށްފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނީ، އާ ސެޓްލްމަންޓް ޕްލޭނަކީ ނަސްލު ނައްތާލުމާއި މަޖުބޫރުން ގެދޮރު ދޫކޮށް މީހުން ގެނައުމުގެ ޖަރީމާތައް އިތުރުކުރުން ކަމަށެވެ.

އެ ތުހުމަތުތައް އިސްރާއީލުން ތަކުރާރުކޮށް ދޮގުކުރި ނަމަވެސް އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ޖަމިއްޔާތަކުން ބުނަމުން އައީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އެ ގައުމުން އަމަލުކުރަނީ ފަލަސްތީނުގެ އާބާދީއާ ދެކޮޅަށް ނަސްލު ނައްތާލުމަށް ކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޖަމާއަތްތަކާ ދެކޮޅަށް ތަކުރާރުކޮށް އަނިޔާވެރިވުމަށް ބާރުއެޅި މައްސަލައިގައި ސްމޮޓްރިޗާއި ގައުމީ އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވިރްއަށް ޖޫން މަހު އިނގިރޭސިވިލާތުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެ ސަރަހައްދުގައި 3،401 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފްރީޒްކޮށްފައިވާތާ 20 އަހަރު ވެއްޖެއެވެ. ސަރަހައްދު ތަރައްގީކުރުމަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

އޮކްޓޯބަރު ހަތެއް، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރި ޕްރެޝަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް