ސޯޝަލް މީޑިއާގައި އަބުރަށް އަރައިގެންފި ނަމަ ހުންނާނީ ފާފަ ލިބިލިބި: ޚުތުބާ

ބަޔަކު ނަމާދުކުރަނީ: ޚުތުބާގައި ބުނީ ސޯޝަލް މީޑިއާގައި މީހުންގެ އަބުރު ކަތިލާނަމަ ފާފަ ލިބިލިބި ހުންނާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް މީޑިއާ ބޭނުންކޮށްގެން މީސްމީހުންގެ އަބުރު ކަތިލައި، ނުވަތަ މީހަކަށް ޣީބަބުނާނަމަ އެ އެއްޗެއް ސޯޝަލް މީޑިއާގައި ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "އަބުރު ހިމާޔަތްކުރުން"، މި މައުޟޫއުގެ މައްޗަށެވެ.

ހުކުރު ޚުތުބާގައި ބުނީ، މިއަދުގެ ހާލަތަށް އަހަރެމެން ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށެވެ. އަދި، މާތްﷲ ވަނީ އިންސާނާ އެންމެހާ މަޚުލޫގުންގެ މައްޗަށް މާތްކުރައްވައި، ގަދަރު އުފުއްލަވައި، ހުރުމަތްތެރި ބަޔަކުކަމުގައި ލައްވާފައި ކަމަށް ބުންޏެވެ.

މާތް ނަބިއްޔާ އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން ގުޅުވައިލައްވާފައިވަނީ ލެޔާއި މުދަލަށް ކަމަށާއި، އެހެނީ ހައްގަކާއިނުލާ މީހަކު މަރާލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ވެސް ހަރާމްކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޚުތުބާގައި ބުނީ، ހިތާމައަކީ މިއަދުގެ މުޖުތަމައުގައި އެންމެ އާއްމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށެވެ. އަދި، ތެދެއް ދޮގެއް ބެލުމެއް ނެތި އެމީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނުކުންނާނޭ ނަތީޖާއަކަށް އެންމެ ފަހަރަކު ވެސް ވިސްނާލުމެއް ނެތި ކަމަށް ޚުތުބާގައި ބުންޏެވެ.

މުސްލިމް އަޚުންނޭވެ! މީހުންގެ އަބުރު ކަތިލައި، މުޅަމަސްކައި، ފަޟީޙަތްކޮށް، ދޮގު ވާހަކަތައް ފަތުރާއިރު އެއްވެސް އެއްޗެއް ތިބާގެ ހިތަށް ނާރަނީހެއްޔެވެ؟ މިކަމުގެ ބިރުވެރިކަމުގެ ވާހަކަތައް ތިބާއާ ހަމައަށް ނުފޯރަނީހެއްޔެއެވެ؟ ނަބިއްޔާ އެކަމުގައި ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވައި އިންޒާރުކުރެއްވިކަން ނޭނގެނީހެއްޔެއެވެ؟ ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ، ހަމައެކަނި ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި، މުޖުތަމައު ބައިބައިވުމުގެ ސަބަބަކަށް އެކަންތައް ވާ ކަމަށެވެ. އަދި، ހީއެއްގެ މައްޗަށް ނުވަތަ އިވުނު އަޑެއްގެ މައްޗަށް މީހުންގެ އަބުރު ކަތިލާއިރު އެކަމުގެ ނުރައްކާތެރިކަމާމެދު ވިސްނާލަން ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދުގެ މުޖުތަމައަށް ބަލާއިރު ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ވަނީ ބަރޯސާވެފައި ކަމަށާއި، ފޭސްބުކް، ޓްވިޓާ، ވައިބާ، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ މީސްމީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާ ވަރަށްވުރެ ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ މަންސަތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، ތެދެއްވިޔަސް، ދޮގެއްވިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ޝެއާކުރުމާއި ހިތްވަރުދީ ލައިކުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރޭ ކަމަށް ޚުތުބާގައި ބުންޏެވެ.

އެކަމުގެ ބިރުވެރިކަން ފާހަގަކޮށް ޚުތުބާގައި ބުނީ މީހަކު އެހެން މީހެއް ގާތުގައި ބުނާ ވާހަކަ ހަނދާން ނައްތާލަން ވަރަށް އަވަސްވާނެ ނަމަވެސް މީސްމީޑިއާގެ ވަސީލަތްތަކުގައި ހިއްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނާނެ ކަމަށެވެ. އަދި އެއީ މީހެއްގެ އަބުރު ކަތިލައި، ނުވަތަ މީހަކަށް ޣީބަބުނުންކަމުގައިވާނަމަ އެ އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެމީހަކަށް ލިބިލިބި ހުންނާނެ ކަމަށެވެ.

comment ކޮމެންޓް