ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިއަދު މާލޭގައި ބޭއްވި ގައުމީ ބޮޑު އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ އަޑު އުފުލައިފިއެވެ.
މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވަނީ ޣައްޒާގައި، އިސްރާއީލުން ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓައިލަން ގޮވައިލައިފައެވެ. އަދި އިންސާނީ އެހީ ވެއްދުމަށް ޓަކައި އިސްރާއީލުން އަޅައިފައި ހުރަސްތައް މިހާރުން މިހާރަށް ނައްތައިލައި، އެހީ ވެއްދުމުގެ މަގުތައް ހުޅުވައިލަން ވެސް ގޮވައިލައިފައެވެ.

ޣައްޒާގެ ހައްގުގައި ދިވެހީން މިއަދު ބޭއްވި ގައުމީ ބޮޑު އެއްވުން -- ފޮޓޯ: ސަން ފޮޓޯ/ މޫސާ ނަދީމް
މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން އެކި އުމުރުފުރައިގެ ދިވެހިން ބައިވެރިވިއެވެ.
އަދި ޝެއިޚުންނާއި، މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވަނީ އެކި ޝުއޫރުތައް ފާޅުކުރައްވައި ހަރަކާތުގައި ވާހަކަދައްކަވައިފައެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަަލީ ސައީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ.

ޣައްޒާގެ ހައްގުގައި ދިވެހީން މިއަދު ބޭއްވި ގައުމީ ބޮޑު އެއްވުމުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ސަން ފޮޓޯ/ މޫސާ ނަދީމް
މިއަދުގެ މި ހަރަކާތާ ގުޅުވައި ބައެއް ރަށްރަށުގައި ވެސް ވަނީ އެއްވުންތައް ބާއްވައިފައެވެ.
މި އެއްވުން ނިންމައިލީ، ޣައްޒާގެ ރައްޔިތުންގެ ސަލާމަތަށް އެދި ކުރި ޚާއްސަ ދުއާއަކުންނެވެ.
ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އެންމެ ފާޅުކަން ބޮޑުކޮށް ވަކާލާތުކުރާ ގައުމެވެ. ބައިނަލްއަގްވާމީ އެކި ކޮންފަރެންސްތަކާއި، އދ. އާއި އެ ނޫން ވެސް މުހިންމު ތަންތަނުގައި އަބަދުވެސް ރާއްޖެއިން ވަކާލާތުކުރަމުން އަންނަނީ ފަލަސްތީނުގެ ހައްގުގައެވެ.

ޣައްޒާގެ ހައްގުގައި ދިވެހީން މިއަދު ބޭއްވި ގައުމީ ބޮޑު އެއްވުން -- ފޮޓޯ: ސަން ފޮޓޯ/ މޫސާ ނަދީމް
މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ރަށްތަކުގައާއި މާލޭގައި ވެސް ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑުއުފުލައިފައެވެ.
އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 154,000އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ވަނީ ހަނގުރާމައިގެ ތެރޭ އެކި ކަހަލަ އަނިޔާ ލިބިފައެވެ. އަދި ހަމަލަތަކުގެ ސަބަބުންނާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަަދަދު 80،000އަށްވުރެ މަތިވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
އިސްރާއީލުން ޣައްޒާގެ މައްޗަށް ފޯރުވާ ބާރު ވަރުގަދަ ކުރަން އަމާޒު ހިފައިފައިވާއިރު މީގެ ދެ ދުވަހެއް ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގާޒާ ސިޓީ އިސްރާއީލް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސް ވަކި ވެރިކަމެއް ކުރަން ޕްލޭނެއް ހާމަކުރައްވައިފައެވެ.
މި ޕްލޭން ހާމަކުރެއްވިއިރު، ހަމާސްއިން އޮތީ ހަނގުރާމަ ހުއްޓައިލައި ސުލްހައިގެ މަޝްވަރާތަކަށް ފުރުސަތު ދޭން ތައްޔާރަށެވެ. ނަމަވެސް މިހާރު އެކަމަށް އަނެއްކާ ވެސް ވަނީ ހުރަސް އެޅިފައެވެ.
ނަތަންޔާހޫގެ މި ޕްލޭނަށް، ދުނިޔޭގެ ގައުމުތަކުން ފާޑުކިޔަމުން އަންނައިރު، އިސްރާއިލުގެ ގިނަ ރައްޔިތުން ވެސް މި ކަމާ ދެކޮޅެވެ.