ހަގީގަތް ސިއްރުކޮށްގެން ރޫބީއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެނަމަ، ނަޖާތަށް އެކަން މާ މުހިއްމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރޫބީ ހޭދަކުރީ އެކަނިވެރި ހިތްދަތި ދިރިއުޅުމެކެވެ. ކައިވެންޏަކީ، ދެމީހަކު ރުހިގެން އަބަދަށް އެކުގައި އުޅުމަށް ޖަހާލެވޭ ގޮށެކެވެ. އެއީ ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެއެވެ. އެހެން މީހުންނަށް އެ ދޭތެރެއަށް ވަދެވިގެންވެސް ނުވާނެއެވެ. ރޫބީއާއި އިކާން އެކަކު އަނެކަކާއި ކައިވެނި ކުރަން ބޭނުންވާނަމަ، އެ ފުރުސަތުވެސް އޮންނަންވާނެއެވެ. މުހިއްމީ، ކައިވެންޏެއް ހުއްޓުވުމުގެ ބަދަލުގައި ކައިވެނި ކުރަން ބޭނުންވާ ދެމީހުންނަށް މަރުހަބާ ކިޔުމެވެ. އަމިއްލައަށް ހެދުނު ގޯސް، އަމިއްލަ އަތުން އިސްލާހުކުރަން ނަޖާތު ނިންމި މައިގަނޑު ސަބަބަކީ ރޫބީގެ އުފާވެރިކަމެވެ.
********
"ރޮނީތަ؟..." ރޫބީގެ ކޮނޑާއި ދިމާއިން ތެތްކަމެއް އިހުސާސްވުމުން، އޭނާ ނަޖާތު ދުރުކޮށްލަން އުޅުނެވެ.
ނަޖާތު ކުރިއަށްވުރެ ބާރަށް ރޫބީގެ ގައިގައި ބައްދައިލިއެވެ. ރޫބީ ދެންވެސް ނަޖާތު ދުރުކޮށްލަން އުޅުނެވެ. ނަޖާތު އެފުރުސަތު ނުދިނުމުން އޭނާ ހިމޭންވިއެވެ. ނަޖާތުގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ. ނަޖާތު ބޭނުންވީ ކަރުނަ ހުސްވަންދެން އެގޮތުގައި އިންނާށެވެ.
"އަހަންނަށް އެނގެޔޭ ނަޖާ ރޮނީކަން....." ރޫބީ ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެން ނަޖާ ދޫކޮށްލާފަ ހިނގައިދާނެތީ ދެރަވީތަ؟... ނުދާނަމޭ... ކޮންމެ ދުވަހަކު ގުޅާނަން... ނަޖާ އުޅޭތަނެއް ހޯދައިގެން އެތަނަކަށްވެސް ދާނަން... އުނދަގޫ ކުރާނަން..."
"އާހްހް... ދެން އަހަރެންގެ ބޮލަށް ވަރަށް ފަސޭހަވާނެ..." ކަރުނަ ފޮހެލަމުން ނަޖާތު ރޫބީ ދުރުކޮށްލިއެވެ. "އުނދަގޫ ކުރާނެ މީހެއް ދެން ނުހުންނާނެއެއްނު..."
ރޫބީ ތުން ފިއްތާލައިގެން ނަޖާތަށް ބަލަން އިރުކޮޅަކު އިނެވެ. ނަޖާތުގެ ދުލުން އެހެން ބުނި ނަމަވެސް މޫނުން ފެންނަން ހުރީ އެހެން އަސަރުތަކެކެވެ. އެ މޫނުން ފެންނަމުން ދިޔައީ އެކަނިވެރިކަމާއި މާޔޫސްކަމެވެ. ރޫބީ ދާން، ނަޖާތުގެ ޒަމީރު އެއްބަސްނުވާ ކަހަލައެވެ.
"އެހެން ގެއަކަށް ދިޔަސް، ޕާސްވޯޑު ބަދަލުނުކުރައްޗޭ!..." ރޫބީ އެދުނެވެ.
"ކައިވެނިކުރާ ވަގުތުން ފެށިގެން ޕާސްވޯޑު ބަދަލުވާނެ... ދެން ނުބުނާނަން ބަދަލުވާ ގޭގެ ނަމެއްވެސް...." ނަޖާތު ސަމާސާކޮށްލިއެވެ.
"ނޫޅެން... ނުބުންޏަސް، ހޯދައިގެންވެސް ދާނަން..." ރޫބީ ފުސްމޫނު ހަދައިލިއެވެ.
"ތިހާ ހަމަޖެހިފަ ތީނީ، މާދަމާ ލާނެ ހެދުމެއް އެބައޮތްތަ؟..." ރޫބީގެ މޫނަށް ބަލަން އިނދެފައި، ނަޖާތު އަހައިލިއެވެ.
"އޭނ؟..." ރޫބީ ދެލޯ ބޮޑުކޮށްލިއެވެ. "ކިހިނެއް ހަދާނީ؟..."
"ހިނގާ އޯޑަރު ކުރަމާ... ޑެލިވަރީ ކޮށްދޭނެއެއްނު..." ނަޖާތު ހިޔާލު ދިނެވެ. "އަހަންނާ ނުލާ މިކުއްޖާ އުޅޭނީ ކިހިނެއްބާއޭ ހިތަށް އަރާ..."
ނަޖާތު ދެއްކި ހެދުންތަކުގެ ތެރެއިން ރޫބީއަށް ދެތިން ހެދުމެއް ކަމުދިޔައެވެ. ރޫބީއަށް ކަމުދިޔަ ހެދުންތައް ނަޖާތަކަށް ކަމަކުނުދިޔައެވެ.
"މި ހުރިހާ ކުލައެއްވެސް ރީތި... ދެން ކޮން ކުލައެއް ޗޫޒް ކުރާނީ؟..." ރޫބީ ވިސްނައިލިއެވެ.
"އިކާނަށް އެންމެ ރީތީ ކޮން ކުލައެއް؟..." ނަޖާތު އަހައިލިއެވެ. "ދެން ބުނޭ އެޔެއްވެސް ނޭނގެއޭ..." ރޫބީގެ މޫނަށް ވެރިވި އަސަރުތައް ފެނި ނަޖާތު ހީގަތެވެ.
"އަހަންވީތަ؟..." ރޫބީ މައުސޫމު ގޮތަކަށް އަހައިލިއެވެ.
"މޮޔަ ކުއްޖާ!..." ނަޖާތު ރޫބީގެ ކޮލުގައި ހިފައިލިއެވެ. "މާދަމާ ވާންއުޅޭ ފިރިކަލުންނަށް ސަޕްރައިޒެއް ނޫންތަ ދޭނީ... ތި ރީތިކަން ދައްކާލަންޖެހޭ ދުވަހު އާޝޯހުވާވަރު ކުރަންވާނެ... މާދަމާ ވާނެ ވަރަށް ސްޕެޝިއަލް ވާން..."
ނަޖާތު ފޯނުން މެސެޖުތަކެއް ކުރިއެވެ. ކުޑަ އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވައިލާފައި ޔަޒްދާން އެތެރެއަށް ވަނެވެ. ޔަޒްދާން ފެނުމުން، ރޫބީ ތެދުވެ، އެނދުގައި އިށީނެވެ. ނަޖާތު އޮތް ގޮތަށް ފޯނަށް ބަލަން އޮތީއެވެ.
"ކުށްވެރިވެގެންތަ ތިގެނައީ؟..." އެކަކުވެސް އެއްޗެއް ނުބުނުމުން، ޔަޒްދާން ސަމާސާކޮށްލިއެވެ. "ދެ މީހުން ހާދަ ސީރިއަސްވެފަ؟"
ނަޖާތު ލޮލުން ރޫބީއަށް އިޝާރާތް ކުރިއެވެ. ރޫބީ އެދުނީ ނަޖާތު ވާހަކަ ދެއްކުމަށެވެ.
"ރޫބީ މާދަމާ ރަންކިޔަނީ..." ޔަޒްދާންގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލަން އޮވެ، ނަޖާތު ބުނެލިއެވެ. "މާދަން ހެކިވެރިން އަންނާނެ..."
ޔަޒްދާން ހުއްޓުން އެރިއެވެ. ތުންފަތުގައިވި ހިނިތުންވުން ފިލާ ދިޔައެވެ. ޔަޒްދާންގެ ހިތް ނަޖާތަށް ފެންނަ ކަހަލައެވެ. ނަޖާތު ގަސްދުގައި ފޮނުވައިލި ތީރު ހަމަ ރަނގަޅަށްވެސް ޔަޒްދާންގެ މެއަށް ހެރިއްޖެއެވެ. ޝަކުވާގެ ނަޒަރަކުން ނަޖާތުގެ މޫނަށް ބަލަން ހުރި ޔަޒްދާން އިސްޖަހައިލިއެވެ.
"ޔަޒްދާންގެ ހެލްޕެއް ބޭނުންވެގެން މިގެނައީ... މާދަމާ ރޫބީ ލާނެ ހެދުމެއް ގަންނަން މި އުޅެނީ... ރޫބީ ބޭނުންވަނީ އިކާނަށް އެންމެ ރީތި ކުލައެއްގެ ހެދުމެއް ލާން... ދޯ ރޫ؟..." ނަޖާތު ރޫބީއަށް އަވަސް ނަޒަރެއް ދިނެވެ. ރޫބީ ފާޑަކަށް އިނދެފައި ބޯ ޖަހައިލިއެވެ.
"އިނގޭތަ އިކާންގެ ފޭވަރިޓް ކުލަ؟..." ރޫބީ އަހައިލިއެވެ.
ޔަޒްދާން ކޮށި އަރާގޮތްވިއެވެ. ޒަހަމުވެފައިވާ ހިތް ހަމައަކަށް އަޅުވަން އުޅުނަސް، ޔަޒްދާނަށް އެކަން ކުރަން އުނދަގޫވިއެވެ. އޭނާގެ ހިތް ބޭނުންވީ އިވުނު ވާހަކަތަކަކީ ސަމާސާއަކަށް ވުމަށެވެ. ރޫބީއާއި ނަޖާތު އެއްފަހަރާ ހީގަނެފައި އެކުރީ ސަމާސާއެއް ކަމުގައި ބުނާށެވެ. އެހެނެއް ނުވިއެވެ.
"އެބަ އަންނަން ފެންފުޅިއެއް ހިފައިގެން..." ރޫބީ ދުވެފައި ކާގެއަށް ދިޔައީ ފެންފުޅިއެއް ބަލައެވެ.
"ތިހިޔާލު ދޫކޮށްލާ!..." ޔަޒްދާނަށް ބަލައިލަމުން ނަޖާތު އިންޒާރު ދިނެވެ.
"ތިބުނީ؟..." ޔަޒްދާން ދެބުމަ ކައިރިކޮށްލިއެވެ.
"މިބުނީ ރޫބީއެއް ދެން ނުލިބޭނެއޭ..." ނަޖާތުގެ އަޑުގައި ރަހުމެއް ނެތެވެ. ހީވަނީ ގަސްދުގައި ޔަޒްދާންގެ ހިތަށް ތަދުކުރަން އުޅޭހެންނެވެ. "އަހަންނަށް އެނގޭ ޔަޒްދާން ރޫބީދެކެ ލައިކްވާކަން..."
"އަހަރެންގެ މޫނުގަ ލިޔެފަ ހުރީތަ؟..." ޔަޒްދާން ހިތި ގޮތަކަށް ހީލިއެވެ.
"ލިޔެފަ ހުއްޓަސް، ފެންނަން ބޭނުންވި މީހާއަކަށް ނުފެންނާނެ..." ނަޖާތުގެ ޖުމުލައިން ޔަޒްދާންގެ ހިތް އިތުރަށް ޒަހަމުވިއެވެ. "އެހެންވީމަ މި ބުނަނީ ތިހިޔާލު ދޫކޮށްލާށޭ!..."
"ވައިޓް އެންޑް މެރޫން...." ދޮރާއި ދިމާއަށް ހިނގައިގަނެފައި ޔަޒްދާން ބުނެލިއެވެ.
*********
ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންދިޔަ މިފްޒާލްއަށް މާދުރުންވެސް އިބާ ފެނުނެވެ. ރަތްކުލައިގެ އަތްދިގު ޓީޝާޓަކާއި، ހުދު ހަރުވާޅެއްގައި އިބާ ހުރީ އެހެން ދުވަސް ދުވަހަށްވުރެ ލުއި މޭކަޕެއް ކޮށްފައެވެ. އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި ހުރިއިރު، އެއްބައި އޮތީ ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލާފައެވެ. މިފްޒާލް ފެނުމުން، އިބާ ތެދުވެ ހަނާ އަޅައިލީ، ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ.
"ހީކުރި ވަރަށްވުރެ އަވަހަށް ތިއައީ.." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އިބާ ބުނެލިއެވެ.
މިފްޒާލް އިށީނެވެ. ފެންތަށިން އެތިފޮދެއް ބޯލަން އުޅުނެވެ.
"މީހަކާ އިންނަން މިއުޅެނީ..." އިބާ ދެން ބުނި އެއްޗަކުން މިފްޒާލް ކޮށިނޭރީ ކިރިޔާއެވެ.
އިބާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މިފްޒާލްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ. ކުޑަކޮށް ގުދުވެލާފައި މިފްޒާލްގެ މޫނަށް ބަލައިލީ ހާސްވެފައި ހުރެއެވެ.
"ސަމާސާއަކަށް ބުނި އެއްޗެކޭ... އިބާ މެރީކުރާނީ ހަމައެކަނި މިފްޒާލަށް..." އިބާ ވައި އަޑަކުން ބުނެލިއެވެ.
އެހާ ކައިރިން އިބާގެ މޫނު ފެނުމުން، މިފްޒާލްގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އިބާގެ ގައިން ދުވި ސެންޓުގެ މީރުވަސް، މިފްޒާލްގެ ހިތުގެ އެންމެ ހިމަ ނާރާއި ކުޅެލިއެވެ. އިބާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން އޭނާ އެހެން ދިމާއަކަށް ނަޒަރު ހިންގައިލިއެވެ.
"މީ އެކަމް ރަންކިޔާ ހަފްލާގެ އިންވިޓޭޝަންއެއް... ގަބޫލެއް ނުކުރާނަންތަ؟... މިއޮތީ އިންވިޓޭޝަންވެސް.... މިއަދު ރަންކިޔަނީ..." އިބާ ދައްކައިލީ ދައުވަތު ކާޑެކެވެ.
ކާޑުން ނަޒަރު ވަކިކޮށްލި މިފްޒާލް އިބާއަށް ބަލައިލިއެވެ. އޭނާ ވަގުތުން އިބާގެ އަތުން ކާޑު އަތުލައިގެން ބެލިއެވެ. ހަމަ އެހާ އަވަހަށް ފުންމައިގެން ގޮނޑިން ތެދުވިއެވެ. މިފްޒާލް ފޯނުން މީހަކަށް ގުޅަން މަސައްކަތް ކުރިއެވެ. އެމީހަކު ފޯނު ނުނެގުމުން ގޮނޑިއަށް ވެއްޓިގަތެވެ.
"ބެސްޓް ފްރެންޑް މެރީކުރަން އުޅޭއިރުވެސް ބުނެވެސްނުލައޭ ދޯ..." އިބާ ޗޮކެއް ކަނޑައިލިއެވެ. "އެހެންވީމަ، އިބާ ކިހާ ބެސްޓް... އެންމެ ފުރަތަމަވެސް ބޯއީފްރެންޑް ކައިރިއަށް މިއައީ އުފާވެރި ހަބަރު ދޭން..."
"ދެން ނުބުނައްޗޭ ތިހެން.... އިބާ ތީ އަހަރެންގެ ކޮއްކޮއެއް..." މިފްޒާލް ދޫކޮށްލީ ފުން ނޭވާއެކެވެ.
"އޯކޭ... ގިވްއަޕްކުރީ... ދޮންބެ މެރީކުރީމަ އިބާ މިއުޅެނީ ލަންޑަނަށް ދާން..." އިބާ ތުންފިއްތައިލިއެވެ. "އެކޮޅުން މީހަކާ އިނދެފާނަން..."
********
ވަގުތު ކުޑަތަންވަމުން ދިޔައިރު، ރޫބީގެ ހިތް ބާރަށް ތެޅެނީއެވެ. ނަޖާތުގެ ހާއްސަ އެދުމަކަށް ފޮޓޯ ނަގާ މީހަކާއި، މޭކަޕް ކުރާނެ މީހަކު އައެވެ. ރޫބީގެ މޭކަޕް ކުރަމުންދިޔަ ވަގުތުން ފެށިގެން ތަސްވީރުތައް ނެގެމުން ދިޔައެވެ.
މޭކަޕުކޮށް ނިމުމުން، ރޫބީ އޭނާގެ އިސްކޮޅާއި ހަމައަށް ހުރި ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލިއެވެ. ލޯގަނޑުން ފެނުނީ އަމިއްލަ ސޫރަ ކަމުގައި ގަބޫލު ކުރަންވެސް ރޫބީއަށް އުނދަގޫވިއެވެ. ހުދު ކުލައިގެ ދޫ ހެދުމާއިއެކު ރޫބީ އަޅައިގެން ހުރީ މެރޫން ކުލައިގެ ޝޯލްއެކެވެ. ހެދުމުގެ ބަނޑާއި ދިމާގައި ހަރުކޮށްފައިވާ މެރޫން ކުލައިގެ ހަނި ބަންދު އެއް އަރިމަތިން ގެންގޮސް އައްސާލާފައިވާއިރު، ހެދުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ކޮށްފައިވާ މޭކަޕާއިއެކު ރޫބީ ހީވަނީ ޕަރީއެއް ހެންނެވެ. އަނދުނުން ލޯ ފަވާލެފައިވާއިރު، ލޯމަތީގައި ވިދުމެއް ހުއްޓެވެ. އަބަދުވެސް ލުއި މޭކަޕެއްކޮށްފައި ހުންނަ ތުންފަތުގައި ޖައްސާފައި ހުރީ ގަދަ ރަތްކުލައެވެ.
"މިއަދު ކުއްޖަކު ހޭނެތޭނެ..." ނަޖާތު ރޫބީއާއި ދިމާކުރިއެވެ.
ރޫބީ ބޭރަށް ނުކުތީ ފަލާހާ އައިސް ގޮވާލުމުންނެވެ. ފަލާހާއަށް ރޫބީ ފެނުމުން، ލޯބިން ބުރަކަށީގައި ފިރުމައިލިއެވެ. ތައުރީފުކުރިއެވެ.
ހެކިވެރިންގެ ކައިރީގައި އިން އިކާންގެ ނަޒަރު ހުއްޓިފައިވީ އެމީހުން ފުރަމުންދިޔަ ފޯމަށެވެ. އޭނާއަށް އިސް އުފުލައިލެވުނީ ކައިރީގައި އިން މިފްޒާލް އޭނާގެ ގައިގައި ޖެހިގަތުމުންނެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވީ ކޮޓަރިން ނުކުމެގެން ސޯފާއާއި ދިމާއަށް އައި ރޫބީއަށެވެ. ރޫބީ ހުރީ ލަދުން އިސްޖަހާލައިގެންނެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވާކަން އޭނާއަށް އެނގެއެވެ. ރޫބީ އެންމެ ލަދުގަތީ އިކާން ބަލަން ހުރިކަން އެނގުމުންނެވެ.
އިކާނަށް ކޮޅަށް ތެދުވެވުނީ ބޭއިހުތިޔާރުގައެވެ. ރޫބީގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައިވުމުން، އެސްފިޔަ ޖަހާލަންވެސް ހަނދާންނެތުނެވެ. އިބާ އެމަންޒަރު އޭނާގެ ކާފައަށް ދެއްކުމަށް ވީޑިޔޯ ކުރަމުންގޮސް އިކާންގެ ގައިގައި ޖެހިގަތެވެ. ހަމަހޭވެރިކަންވުމުން އިކާން އަވަހަށް ނޫންކަމަށް ހަދައިލިއެވެ.
ހެކިވެރިން ރޫބީއާއި ސުވާލު ކުރަމުންދިޔައިރުވެސް އިކާނަށް ބެލުނީ ރޫބީއަށެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ، ފަލާހާއަށެވެ. ފަލާހާ ސިއްރުސިއްރުން ނާޝިޒަށް އެމަންޒަރު ދެއްކިއެވެ.
"އެކުއްޖާ ލަދުގަންނުވާނުލާ ހިނގާބަލަ އަހަންނާ އެކީ ބެލްކަންޏަށް ނުކުމެލަން..." ރޫބީގެ އަނގައޮޅޭގޮތްވާން ފެށުމުން، މިފްޒާލް އިކާންގެ އަތުގައި ހިފައި ނެގިއެވެ. "މީހަކު ބަލާވަރުން އެކުއްޖާ އެއުޅެނީ އަނގައިން ނުބުނެވިގެން..."
އިކާން ތެދުވީ ހިތާއި ދެކޮޅަށެވެ. އޭނާ ބޭނުންވީ ހިތްފުރެންދެން ރޫބީއަށް ބަލަން އިންނާށެވެ. ބެލްކަންޏަށް ނުކުތްގޮތަށް މިފްޒާލް އިކާންގެ ކަނދުރާގައި އަތް އަޅުވައި، ބާރުކޮށްލިއެވެ. ދައުވަތު ލަސްވުމުން ޝަކުވާކުރިއެވެ.
ގޭގެ ބެލް އެޅި އަޑު އިވުނެވެ. އެންމެން އެކަކު އަނެކަކަށް ބަލައިލިއެވެ. އައީ ކާކުކަން އެނގޭ ފަދައިން ނަޖާތު ދޮރާއި ދިމާއަށް ހިނގައިގަތެވެ. ނަޖާތު ދޮރު ހުޅުވިއިރު، ޔަޒްދާންވެސް ކޮޓަރިން ނުކުމެގެން ގޮސް، ދޮރާއި އަރާ ހަމަވެއްޖެއެވެ. ދޮރުމަތީގައި ހުރި ފައުދު ފެނުމުން، ނަޖާތަށް ހިންދިރުވައިލެވުނެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ ގޭތެރޭގައި ތިބި މީހުންނަށެވެ. އެންމެން ތިބީ ދޮރާއި ދިމާއަށް ބަލާށެވެ. ނަޖާތު ގަދަކަމުން ހީލިއެވެ.
"މަޑުކޮށްލައްޗޭ!..." ޔަޒްދާންގެ ކައިރީގައި އެހެން ބުނެފައި، ނަޖާތު ބޭރަށް ނުކުމެ، ދޮރު ލެއްޕިއެވެ.
ފައުދުގެ އަތުގައި ހިފައިގެން ނަޖާތު ކުޑަކޮށް ދުރަށް ޖެހިލިއެވެ. ނުދާން ގަދަ ހަދައިގެން ހުރި ފައުދުގެ މޫނުން ފެންނަން ހުރީ ނުރުހުމުގެ އަސަރެވެ.
"އެވަރަށް ބުނީމަވެސް..." ފައުދު ހުރީ ދެއަތް މުށްކަވާލައިގެންނެވެ.
"ހުރިހާ ކަމެއް ދަނީ ރަނގަޅަށް... ޕްލީޒް ބޮޑުބޭބޭ... މިހިސާބަށް އައީމަ ދެން މިކައިވެނި ނުހުއްޓުވައްޗޭ... ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އެއްޗެއް ނުބުނެ ހުރެދީ!..." ނަޖާތު އާދޭސް ކުރިއެވެ. "ކަމެއް ގޯސްވެއްޖެއްޔާ، ހުރިހާ ޒިންމާއެއް ނަގާނަން... ބޮޑުބޭބެ ދިފާއުކޮށްދޭނަން... ޕްލީޒް..."
(ނުނިމޭ)