ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2018ވަނަ އަހަރު އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހުނީ ސުޕްރީމްކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވުމުން ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް މައުމޫން ރޭ ވިދާޅުވެއްޖެއެވެ.
މިފަހުން 'އަދަދު' ނޫހަށް ދިން އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، މައުމޫން ޖަލަށްލީ ފެބްރުއަރީ އެކެއް، 2018ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ. މިގޮތުން، އެކަމުގައި އުޅުއްވީ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. ޔާމީން އިތުރަށް ވިދާޅުވީ، އެކަމަށް ބޭނުންވާ ފައިސާ ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން މައުމޫން ރޭ ނެރުއްވި ބަޔާނެއްގައި ވަނީ، އެވާހަކަތައް ދޮގު ކުރައްވާފައެވެ. އެއީ، އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ޔާމީން ދައްކަވާފައިވާ 'ދަށު ދަރަޖައިގެ' ވާހަކަތަކެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
ހަމައެހެންމެ، ފެބްރުއަރީ އެކެއް، 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ، އެމަނިކުފާނާ އެއްވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން އަމުރެއް ހޯދުމަށް ނުވަތަ އެނޫން ނިންމުމެއް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ދުވަހަކުވެސް ކުރައްވާފައިނުވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރިން ކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާ ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ
ޔާމީންގެ ވާހަކަތަކާ ގުޅިގެން ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު މައުމޫން ވިސްނަވަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
އޭގެއިތުރަށް، މައުމޫން ވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ކުރައްވާފައިނުވާކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ވަނީ އޭރުގެ ޖަލަށް ލަައިފައިވާ އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭރުގެ މަޖިލިސް މެމްބަރު ފާރިސްއާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމެވެ. ނަމަވެސް، އެ އަމުރު ތަންފީޒުނުކޮށް، ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކޮށް، އެ ކޯޓުގައި އަމުރުގައި ސިޔާސީ ލީޑަރުން ވަކި ކުރަން އަންގާފައި އޮތް ބައި ބާތިލު ކުރީއެވެ.
މައުމޫން ހައްޔަރުކުރީ ވެސް އެ އަމުރު ނެރުނު ފަހުން ފެބްރުއަރީ މަހުގެ ފަހެއްގައެވެ. އަދި އެ މަނިކުފާނު ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމް ވެސް ކުރިއެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުމާކު އެ މަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލައި، އޮކްޓޯބަރު 18، 2018ގައި ހުކުމް ވަނީ ބާތިލުކޮށްފައެވެ.