ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުން ނިންމާލަން ޖެހުނީ އެއްބަސްވުމަކަށް ނާދެވި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން (ވ). އަލަސްކާ ގައި އިއްޔެ ބައްދަލުކުރައްވަނީ. ފޮޓޯ/ގެޓީ

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުން ގެންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުން އެކުލަވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން އެމެރިކާގެ އަލަސްކާގައި އިއްޔެ ބޭއްވެވި ބައްދަލުވުން އެއްބަސްވުމަށް ނާދެވި ނިންމަވާލައްވައިފިއެވެ.

ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕުޓިން އިއްޔެ އަލަސްކާގެ އެންޗަރޭޖްގައި ހުންނަ އެމެރިކާގެ އެއާބޭސްއަކަށް ވަޑައިގަތުމުން ޓްރަމްޕް ވަނީ ރަތް ދޫލައިގައި މަރުހަބާ ވިދާޅުވެފައެވެ.

އެއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނު ހަނގުރާމަ ފެށި ފަހުން ޕުޓިން ހުޅަނގުގެ ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ދެ ލީޑަރުންގެ ބައްދަލުވުން ތިން ގަޑިއިރަށް ކުރިއަށް ގެންދެވުމަށްފަހު، ބައްދަލުވުމުން ކުރިއެރުން ލިބުނު ކަމަށް ދެ ލީޑަރުންވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް ވިދާޅެއްނުވެއެވެ. އަދި ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތެއްވެސް ނުދެއްވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ބައްދަލުވުމަށްފަހު ޕުޓިން ވިދާޅުވީ ހަނގުރާމަ ހުއްޓާލަން ރަޝިއާއިން ބޭނުންވާ ކަމަށާއި ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނީ މައްސަލަ ފެށެން މެދުވެރިވި ސަބަބުތަކަށް ހައްލެއް ލިބިގެން ކަމަށެވެ.

ޓްރަމްޕް ވަނީ ޕުޓިންއަށް ޝުކުރު އަދާކުރައްވައި، ދެ ބޭފުޅުންގެ މެދުގައި ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އެއްބަސްވިން އެތައް އެތައް ކަމަކަށް. އަޅުގަނޑު ދަންނަވާނީ ބޮޑު ދެތިން ކަމެއްގައި އެއްބަސްނުވެވުނޭ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިއްޖެ." ޓްރަމްޕް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު، ހަނގުރާމަ ނިންމާލުމަށް ޕުޓިން ދެކޮޅު ހައްދަވައިފިނަމަ، "ވަރަށް ހިތި ނަތީޖާތަކެއް" ކުރިމަތިވާނެ ކަމަށް ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް 10 ނުވަތަ 12 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް ޓްރަމްޕް މިދިޔަ ޖުލައި މަހު ފަހުކޮޅު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމަ ނުހުއްޓައިފިނަމަ، ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހަނގުރާމަ ނިންމުމަށް 50 ދުވަހުގެ މުއްދަތެއް ވެސް ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވާފައެވެ. ނަމަވެސް ރަޝިޔާއިން އެއްވެސް އިންޒާރަކަށް އިޖާބަ ދީފައިނުވެއެވެ.

comment ކޮމެންޓް