ގާސިމާއި ސިޔާދަށް ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެން ވެސް، ގާނޫނީ ފިޔަވަޅު އަޅަނީ

ރައީސް ޔާމީނާއި ގާސިމް: ދަރިކަލުންނާ ގުޅުވައި ޔާމީން ދޮގު ހެއްދެވި ކަމަށް ވިދާޅުވެ، ގާސިމް ވެސް ގާނޫނީ ފިޔަވަޅު އަޅަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސީމް އިބްރާހީމާއި ދަރިކަލުން ސިޔާދު ގާސިމް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެ މަނިކުފާނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށް ޖޭޕީން މިއަދު ބުނެފިއެވެ.

ޔާމީންގެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު، ޖަލަށްލާފައިވާ ސިޔާސީ ލީޑަރުންތައް އެއް ފަހަރާ ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެގޮތުން މިނިވަން ކުރަން އަމުރުކުރީ ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭރުގެ މަޖިލިސް މެމްބަރު ފާރިސް މައުމޫނާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމެވެ.

އެ އަމުރު ތަންފީޒު ނުކޮށް، ޔާމީން ކުއްލި ހާލަތު އިއުލާންކުރެއްވިއެވެ. އެއަށްފަހު ހިންގި ތަހުގީގު ތެރެއިން، ވިލާ ޝިޕިންގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ސިޔާދު ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރިއެވެ.

https://sun.mv/103068

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކަމަށެވެ. އެއަށްފަހު، ސިޔާދަށް ރިޝްވަތު ދިނުމުގެ ދައުވާ އަދި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ހިފުމުގެ ދައުވާކުރިއެވެ.

އެ ދައުވާތައް ކުރީ، އަބްދުﷲ ސައީދާއި އަލީ ހަމީދަށް މަންފާ ލިބޭ ގޮތަށް، މެލޭޝިއާއިން ގަނެފައިވާ ގެއަކަށް 2.4 މިލިއަން ޑޮލަރު ދިނުމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ސިޔާދު ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް ޖުލައި 2018ގައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، 'އަދަދު' ނޫހުގެ ޕްރޮގްރާމެއްގައި ޔާމީން ވިދާޅުވީ، އެކެއް ފެބްރުއަރީގެ އަމުރު ނެރުއްވި ފަނޑިޔާރުންނަށް ގާސިމާއި ސިޔާދު މެލޭޝިއާއާއި ހުޅުމާލެއިން ގޯއްޗާއި ފުލެޓު ގަނެދިން ކަމަށެވެ.

ސިޔާދު ގާސިމް: ޔާމީން ވަނީ ސިޔާދު ހައްޔަރުކުރި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ތުހުމަތުތަކެއް ކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިހާރު ވެސް ސަރުކާރުގައި ހުންނާނެ އެ ލިޔުންތައް. ކާކުތޯ އެ ފުލެޓުތައް ގަންނަން ޖާމިނުވެފައި، އަންޑަރައިޓްކޮށްފައި ގާސިމްގެ ފަރާތުން ލިޔުން ދީފައި އޮތީ ކާކުތޯ އައްސަވާލައްވާ ގާސިމް ދަރިން ކުރެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅުވައި ޖުމްހޫރީ ޕާޓީން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ އިންޓަވިއުގައި ގާސިމާއި އެމަނިކުފާނުގެ ދަރިކަލުންނާ ގުޅުވައި ޔާމީން ދެއްކެވީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އެހެންވެ، އެޕާޓީގެ ގާނޫނީ ބޭފުޅުން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބަލަަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ. އެޕާޓީން ވަނީ، ޔާމީން އެފަދަ ވާހަކަތަކެއް ދެއްކެވުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އެ ޕްރޮގްރާމުގައި އެކެއް ފެބްރުއަރީގެ އަމުރާ ގުޅޭ ގޮތުން ޔާމީން އިތުރަށް ދެއްކެވި ވާހަކައަކާ ގުޅިގެން، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ، ޔާމީނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވަން ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެއީ، 2018ގައި މައުމޫން ހައްޔަރުކުރަން ޖެހުނީ ސުޕްރީމްކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވުމުން ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެން ކަމަށް މައުމޫން ރޭ ވަނީ ވިދާޅުވެފައެވެ.

https://sun.mv/209982

ސުޕްރީމް ކޯޓުން އަމުރެއް ހޯދުމަށް ނުވަތަ އެނޫން ނިންމުމެއް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ދުވަހަކުވެސް ކުރައްވާފައިނުވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް