10 ރަށެއްގައި ބިދޭސީންނަށް ޚާއްސަކޮށް ހެލްތް ކޭމްޕް ހިންގައިދޭނެ ބަޔަކު ހޯދަނީ

2023ގައި އެޗްޕީއޭ އިން މައިގްރޭންޓް ހެލްތް ކޭމްޕް ބެއްވި މަންޒަރު -- ފޮޓޯ/ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ރާއްޖޭގެ 10 ރަށެއްގައި ބިދޭސީންނަށް ޚާއްސަކޮށް ހެލްތް ކޭމްޕްތަކެއް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަލުން އިއުލާންކޮށްފިއެވެ.

މިކަމަށްޓަކައި މިދިޔަ މަހުގެ 24ވަނަ ދުވަހު ކުރި އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން މިކަމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ވަނީ ހުޅުވައިލައިފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭއިރު، އެމީހުންނަކީ ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެކެވެ. ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގައި އެމީހުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްސަކޮށް، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 88 އިންސައްތައަކީ ބިދޭސީން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް މި މަސައްކަތްތެރިންނަށް ސިއްހީ ޚިދުމަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި، ގިނަ ބަޔަކު ދިރިއުޅެނީ ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށްވުމުން، ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަމުގެ ސަބަބުން ޓީބީ އާއި ފައިލޭރިއާ ފަދަ ބަލިތައް ފެތުރުމުގެ ނުރައްކާ ވެސް ބޮޑެވެ.

މިކޭމްޕްތަކުގެ މައިގަނޑު މަގުސަދަކީ މި މަސައްކަތްތެރިންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދީ، ބަލިތައް ފެތުރުން ހުއްޓުވުމެވެ.

މި ކޭމްޕުގެ ތެރެއިން ލޭގެ ޕްރެޝަރާއި ޝުގަރު ހުރިތޯ ބެލުމުގެ އިތުރުން، ޓީބީ، ހެޕަޓައިޓިސް، ސިފިލިސް، އަދި އެޗްއައިވީ ނުވަތަ އެއިޑްސް ފަދަ ބަލިތަކަށް ސްކްރީންކުރުން ހިމެނެއެވެ. އަދި ސާފުތާހިރުކަމާއި، ކާނާއާއި، ބަލިތަކުން ދިފާއުވުމަށް މައުލޫމާތު ދިނުމާއި، ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިވުން ވެސް މި ކޭމްޕްތަކުގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 26ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރައި ހެލްތް މިނިސްޓްރީގެ މެއިލްއަށް އީމެއިލް ކުރުމަށް މިިނިސްޓްރީން އެދެއެވެ.

މި ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާ 10 ރަށަކީ މާލެ ސަރަހައްދުގެ ހުޅުމާލެ، ތިލަފުށި، ވިލިނގިލި އަދި މާލެއެވެ. މީގެ އިތުރުން:

  • ލ. ގަން
  • ހ.ދ. ކުޅުދުއްފުށި
  • ގ.އ. ވިލިނގިލި
  • ޅ. ނައިފަރު
  • ސ. ހިތަދޫ
  • ފުވައްމުލަކު ސިޓީ
comment ކޮމެންޓް