ބުރުޕާކު ކައިރީ ހުންނަ ދުވަސްވީ އިމާރާތުގެ ބައިތަކެއް ވެއްޓި، ހަތަރު އުޅަނދަށް ގެއްލުންވެއްޖެ

އީޑީސީ އިމާރާތުން ބައިތަކެއް ވެއްޓިފައި: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ, އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) މީގެ ކުރިން ހިންގި އިމާރާތުގެ ކޮންކްރީޓު ބައިތަކެއް މިއަދު ވެއްޓި، ހަތަރު އުޅަނދަކަށް ގެއްލުންވެއްޖެއެވެ.

އަމީނީ މަގުގައި ހުންނަ އީޑީސީ އިމާރާތުން ބައިތަކެއް ވެއްޓުނުއިރު، އެއީ ބޭނުންނުކުރާ އިމާރާތެކެވެ. ދުވަސްވެފައިވާ އެ އިމާރާތުގައި ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ސްޓަޑީސް ފެކަލްޓީ ވެސް ހިންގައިފައިވެއެވެ.

ފުލުހުން ބުނީ، އެ އިމާރާތުން ބައިތަކެއް ވެއްޓުނުކަމުގެ މައުލޫމާތު މިއަދު 13:00 ހާއިރު ލިބުނު ކަމަށެވެ.

އެ ބައިތައް ވެއްޓުމާ ގުޅިގެން، ޖެހިގެން ހުރި އިމާރާތަކަށާއި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ދެ ސައިކަލަކާއި ދެ ކާރަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އީޑީސީ އިމާރާތުން ބައިތަކެއް ވެއްޓިފައި: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަށް ފުލުހުން ބުނެފައިނުވެއެވެ.

ފުލުހުން ބުނެފައިވަނީ، އެ ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މާލޭގައި އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް، ރެނދުލައި، ގެއްލުންތައް ލިބިފައިވާ އިމާރާތްތައް ހުރެއެވެ. އެފަދަ ބައެއް އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން ކުރިއަށްގެންދެއެވެ.

comment ކޮމެންޓް